Roadha Mihaaru
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް

27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް

03 ޑިސެމްބަރ 2020

މީގެ 27 އަހަރު ކުރިން ފްރީޒްކުރި އެމްބްރިއޯއަކުން ކުއްޖަކު އުފަންވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 27 އަހަރު ކުރިން ފްރީޒްކުރި އެމްބްރިއޯއަކުން ކުއްޖަކު އުފަންވެއްޖެ އެވެ.

އެ ކުއްޖާ އުފަންވީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ގަ އެވެ. ކުއްޖާ އުފަންކުރުވި އެމްބްރިއޯ ޕްރީޒްކުރީ އޮކްޓޯބަރު 14، 1992 ގަ އެވެ. އޭގެ 27 އަހަރު ފަހުން އެއިން ކުއްޖަކު އުފަންކުރުވުމަކީ މިހާތަނަށް ރެކޯޑެކެވެ. އެއީ އެހާ ގިނަ ދުވަހު ފްރީޒްކޮށްފައި ބޭއްވުމަށް ފަހު އެމްބްރިއޯއެއް ވިއްސާފައި ނުވާތީ އެވެ.

ކުއްޖާ ލިބުނު ދެމަފިރިންނަކީ އެމެރިކާގެ ޓެނެސީ އަށް ނިސްބަތްވާ ޓީނާ އާއި ބެންޖަމިން ގިބްސަނެވެ. ދުވަސްވީ އެބްރިއޯގެ އެހީގައި ޓީނާ ބަލިވެއިނދެ ވިހެއީ އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ހަދައިގެންނެވެ.

ޓީނާގެ އައިވީއެފް ހެދީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ގައި ނެޝަނަލް އެމްބްރިއޯ ޑޮނޭޝަން ސެންޓަރު (އެންއީޑީސީ) ގަ އެވެ.

ޓީނާ އަށް ލިބުނު ދެވަނަ ދަރިފުޅުގެ ނަމަކީ މޮލީ އިވެރީ ގިބްސަނެވެ. މިހާރު އުމުރުން ތިން އަހަރު އޭނާގެ އަލަތު ދަރިފުޅު އެމާ ރެން ގިބްސަނަކީ ވެސް އައިވީއެފް ހަދައިގެން ލިބުނު ކުއްޖެކެވެ. އެ ފަހަރު ވެސް ބޭނުންކުރީ ގިނަ އަހަރުތަކެއްވީ އެމްބްރިއޯއެކެވެ. އެއީ 24 އަހަރެވެ.

މޮލީ.

މޮލީ.

ދެ ފަހަރެއްގެ މަތިން ވެސް ދިގު މުއްދަތަށް އެމްބްރިއޯ ފްރީޒްކޮށް، އޭގެ އެހީގައި އައިވީއެގް ހަދައިގެން ޓީނާގެ ދެމަފިރިންނަށް ދެ ކުދިން ލިބުނު އިރު، ކޮންމެ ފަހަރަކު ވެސް ބޭނުންކޮށްފައި ވަނީ ގާތްގަނޑަކަށް އެކުއެކީގައިގެން އެއް ދުވަހެއްގައި ފްރީޒްކުރި އެމްބްރިއޯ އެވެ. އެހެންވެ ދެ ބޭންނަކީ ވެސް ޖެނެޓިކަލީ ވެސް ގުޅިފައިވާނެ ދެބޭން ކަމަށް އެންއީޑީސީން ބުންޏެވެ.

މޮލީ އާއި އެމާ.

މޮލީ އާއި އެމާ.

ފްރީޒްކޮށްފައިވާތާ ގިނަ އަހަރުތަކެއްވީ އެމްބްރިއޯގެ ޒަރީރާ އިން ކާމިޔާބުކަމާ އެކު ދަރިން ލިބޭތީ މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެންއީޑީސީގެ ލެބް ޑިރެކްޓަރު/އެންބްރިއޮލޮޖިސްޓް ކެރޯލް ސޮމަފެލްޓް ސިފަކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ މި ކާމިޔާބީގެ ސިއްރަކީ އެމްބްރިއޯ ފްރީޒްކުރަން މިހާރު ބޭނުންކުރާ ފެންވަރު ރަނގަޅު ޒަމާނީ ޓެކްނޮލޮޖީ އެވެ.