Roadha Mihaaru
"ޓިނު ނެގި" ސިފައިންގެ މައުލޫމާތެއް ނެތް!

ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން ހަރަކާތްތެރިވި ސިފައިންގެ މައުލޫމާތެއް ނެތް!

24 އެޕްރީލް 2022

އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމްއެންޑީއެފުން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންގެ މައުލޫމާތު އެ މުއައްސަސާގައި ނެތްކަން ހާމަވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމްއެންޑީއެފުން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންގެ މައުލޫމާތު އެ މުއައްސަސާގައި ނެތްކަން ހާމަވެއްޖެ އެވެ.

މިކަން އެނގުނީ އެ އޮޕަރޭޝަން ހިންގިއިރު ސުޕްރީމް ކޯޓުން ޓިނު ނެގުމުގެ ތެރޭގައި އުޅެފައި ނުވާނެ ކަމުގެ ލިޔުން ހޯދަން އޭރުގެ ސިފައިންގެ އިސް އޮފިސަރަކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ޑިފެންސް މިނިސްޓްރީން ދިން ޖަވާބުގަ އެވެ.

ސިފައިންގެ މޭޖަރެއްގެ މަގާމުގައި އޭރު ހުންނެވި އަދި ފެބްރުއަރީ 1 ގެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް އޭރު ކިޔަމުން ދިޔަ ހއ. ތަކަންދޫ، ނޫރާނީވިލާ، އަބްދުލް މުހުސިން މުހައްމަދުގެ ސުވާލަށް ޑިފެންސް މިނިސްޓްރީން ދިން ޖަވާބުގައި ބުނީ، ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އެމްއެންޑީއެފުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ސިފައިންގެ މައުލޫމާތު އެމްއެންޑީއެފްގައި ފެންނަން ހުރި ލިޔުންތަކުން އެނގެން ނެތް ކަމަށެވެ.

"ވީމާ، އަބްދުލް މުހުސިން މުހަންމަދަކީ "ސުޕްރީމް ކޯޓްގެ އަމުރު" އާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހިންގި އޮޕަރޭޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަން އެމްއެންޑީއެފްގެ ލިޔެކިޔުންތަކުން އެނގެން ނެތް ވާހަކަ ދަންނަވަމެވެ،" މި މަހުގެ 10 ގައި ދިން ޖަވާބުގައި ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މުހުސިން ލީ ފޯމުގައިވާ ގޮތުން ނަމަ އޭނާ ސިފައިންގެ އިން ކަނޑާލީ ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އޭނާ އިސްވެ އުޅުއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ވާހަކަތަކަކާ ގުޅިގެންނެވެ.

އެކަމަކު، އޭނާ ސިފައިންގެއިން ކަނޑާލީ ފެބްރުއަރީ 1 ގެ އޮޕަރޭޝަނަށް ފަހު، ސިފައިންގެ އެހެން ތަނަކަށް ޒިންމާ ބަދަލުކޮށް، އެ ތަނުގެ ކޮމާންޑަރާ ޖެހުނު މައްސަލައެއްގަ އެވެ. މުހުސިން ތުހުމަތު ކުރައްވާ ގޮތުގައި ފެބްރުއަރީ 1 ގެ އަމުރަށް ފަހު، އޭނާގެ ޒިންމާ އެހެން ތަނަކަށް ބަދަލުކޮށް، ސިފައިންގެއިން ކަނޑާލީ "ފްރޭމް" ކުރުމަށް ފަހު އެވެ.

ނަމަވެސް އެ އޮޕަރޭޝަންގައި އޭނާ ހަރަކާތްތެރި ނުވާ ކަމަށް އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ އަހުމަދު ޝިޔާމާއި ވައިސް ޗީފް އަހުމަދު ޝާހިދަށް އަނގަބަހުން ދަންނަވައި އެ ކަމާ ގުޅޭ ނޫސްބަޔާނެއް ނެރެދިނުމަށް އެދިވަޑައިގެންނެވި ކަމަށް މުހުސިންގެ ފޯމުގައި ވެ އެވެ.

"އަޅުގަނޑު ބުނެވިދިޔަ އޮޕަރޭޝަންގައި ނޫޅޭކަން، އަޅުގަނޑު އޭރު މަސައްކަތްކުރި ޔުނިޓް؛ ކޯސްޓްގާޑްގެ ވެރިންގެ ގޮތުގައި ތިއްބެވި ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހޭރު އަދި ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް އަށް އެނގިލައްވާނެ އެވެ،" އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މުހުސިން ލީ ފޯމުގައި ވެ އެވެ.

އެ އޮޕަރޭޝަންގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ.

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ފަހުން ވާހަކަފުޅު ދެއްކެވި އެވެ.

ކޮތަރު ކޮށީ" ގެ ނަމުގައި މާލޭގެ ކާނިވާ ސަރަހައްދުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ސުޕްރީމް ކޯޓުގެ "ޓިނު ނަގަން ޖެހުނީ އެންމެ ސަބަބަކާ ހުރެ" އެވެ. އެއީ ދާހިލީ ހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށާއި އުދުވާނީ ހަމަތަކެއް ރާއްޖެ އަށް އަތުވެދާނެތީ ނުވަތަ ރައްޔިތުންގެ ތެރޭގައި މަސްލަހަތު ގެއްލި، މަގުތަކުގައި ހަމަނުޖެހުމެއް ވެސް އޮވެގެން ނޫން ކަމަށް ވިދާޅުވި އެވެ.

ޔާމީންް ވިދާޅުވީ "ޓިނު ނަގަން" ޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން ނޯންނާތީ ކަމަށެވެ. އަދި އެ ދަނޑިވަޅުގައި ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށް ޔާމީން ވިދާޅުވި އެވެ.