Roadha Mihaaru
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި

އުތުރުތިލަފަޅު މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި

12 މާޗް 2022

ދިވެހި ސަރުކާރުން ހުއްދަ ނުދެނީސް އެއްވެސް ގައުމެއްގެ އަސްކަރީ އުޅަނދަކަށް ރާއްޖެ ސަރަހައްދަށް ނުވަދެވޭނެ ކަމަށް ބުނެ، އުތުރު ތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ޑިފެންސް މިނިސްޓްރީން މިރޭ ރައްދު ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދިވެހި ސަރުކާރުން ހުއްދަ ނުދެނީސް އެއްވެސް ގައުމެއްގެ އަސްކަރީ އުޅަނދަކަށް ރާއްޖެ ސަރަހައްދަށް ނުވަދެވޭނެ ކަމަށް ބުނެ، އުތުރު ތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ޑިފެންސް މިނިސްޓްރީން މިރޭ ރައްދު ދީފި އެވެ.

އދ. މަހިބަދޫގައި އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި "އިންޑިޔާ އައުޓް" ކެމްޕެއިންގައި ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދީ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެހެން ގައުމެއްގެ އަސްކަރީ އުޅަނދެއް އުތުރުތިލަފަޅަށް ވަނުމުގެ ކުރިން ޑިޕްލޮމެޓިކް ކްލިއަރަންސް ހޯދަން ޖެހޭނެ ކަމަށާއި އެއީ ދިވެހި ދައުލަތުގައި އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ހައްގެއް ކަމަށެވެ.

"[އަސްކަރީ އުޅަނދުތައް ވަންނަން] ...ޑިޕްލޮމެޓިކް ކްލިއަރަންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އަދި [އުތުރުތިލަފަޅު] ބޭރުގެ އުޅަނދު ވަންނަން ގައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ދޮގު ވާހަކަތަކެއް،" ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އުތުރުތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރަކީ އެމްއެންޑީއެފްގެ ބޭނުންތަކަށް އަމާޒުކޮށް ދިފާއީ ބާރު ބޭނުންވާ ގޮތަށް، ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ތަރައްގީ ކުރާ ތަނެއް ކަމަށް މިނިސްޓްރީން ބުންޏެެވެ. އަދި އެތަނުގެ ސައްތައިން ސައްތަ މިލްކުވެރިކަމާއި ބާރު އޮންނާނީ ދިވެހި ދައުލަތުގެ ކަމަށް ބުނެ ކުރިން ވެސް މިކަމާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ވަނީ ތަކުރާރުކޮށްފަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް މީގެ ކުރިން ވިދާޅުވި ގޮތަށް އެ މިނިސްޓްރީން މިރޭ ވެސް ބުނީ ހަތިޔާރާ އެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ނޫޅޭނެ ކަމަށެވެ.

"...އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލައި ސިފައިންގެ އަގުވައްޓާާލަން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރަން،" މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭތީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މުޅި ރާއްޖޭގައި ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ. އެ ކެމްޕެއިންގެ ތެރެއިން އެކި ރަށްރަށަށް ގޮސް އިންޑިއާ ސިފައިން ބޭރު ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލަ އެވެ.