Roadha Mihaaru
ސުޕްރީމް ކޯޓަށް ވަން މީހުންނަށް ހުކުމެއް ނެތް

ސުޕްރީމް ކޯޓަށް ވަން ސިފައިންނާއި ފުލުހުންނަށް ހުކުމެއް ނެތް

08 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ރޭ، އެއްވެސް މީހަކު ބަންދުކޮށް ނުވަތަ ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައި ނުވާނެ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ރޭ، އެއްވެސް މީހަކު ބަންދުކޮށް ނުވަތަ ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައި ނުވާނެ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

އެ ކޯޓުން ނެރުނު އަމުރެއްގައި މިހެން ބުނެފައި ވަނީ، ފަނޑިޔާރުން ހައްޔަރު ކުރުމަށް ސުޕްރީމް ކޯޓަށް ވަން މީހުން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކަމަށް ބަންދުގައި ހުންނެވި އުއްތަމަ ފަނޑިޔާރުގެ ފަރާތުން އެ މަނިކުފާނުގެ ވަކީލުން ވިދާޅުވެފައި ވަނިކޮށެވެ.

ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން އެއްވެސް ބާވަތެއްގެ ހުކުމެއް ނުވަތަ އަމުރެއް ވެސް ނެރެވޭނީ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ވަކިވަކި ފަނޑިޔާރުންނަށް އޮންނަ އިހްތިސާސެއް ނޫން ކަމަށެވެ.

"މީލާދީ ސަނަތުން 05 ފެބުރުވަރީ 2018 ވަނަ ދުވަހުގެރޭ އެއްވެސް ފަރާތެއް ބަންދުކުރުމަށް ނުވަތަ ޖަލަށްލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމެއް ނުވަތަ އަމުރެއްވިޔަސް ނެރެފައި ނުވާނެކަމުގައި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށާއި އަދި އެންމެހައި ފަރުދުންނަށް އެންގީމެވެ." އަމުރުގައިވެ އެވެ.

ރިޝްވަތު ހިފުމާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތަށް އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވާއިރު އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ވަނީ ބިންމައްޗަށް ވައްޓާލައި، އަނިޔާވެރިކޮށް ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ. ފަނޑިޔާރުންނާ މެދު މިގޮތަށް އަމަލުކުރި މީހުންނާއި ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ގަދަ ބާރުން އެތަނަށް ވަން މީހުންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި ކަމަށް ބުނުމުން އެ ހުކުމް ތަންފީޒު ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.

http://www.supremecourt.gov.mv/mediafolder/2018-sc-sj-05.pdf

ސުޕްރީމް ކޯޓުގެ އަމުރު

ފަނޑިޔާރުން ހައްޔަރުކޮށްފައި ވަނީ ހުކުމް ތަންފީޒުކުރަމުން އަންނަ ނުވަ މީހަކު މިނިވަންކުރުމާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު ޖޭއެސްސީ އަށް ފިޔަވަޅު ނޭޅޭނެ ކަމަށް ބުނެ މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި އަމުރަށް ފަހުގަ އެވެ. އެ އަމުރު ސަރުކާރުން ތަންފީޒު ނުކޮށް، ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި އެ ބޭފުޅުންގެ އަރިސް ބޭފުޅެއް ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަ ހަސަން ސައީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކޮށްފަ އެވެ.