Roadha Mihaaru
ފީ ދައްކާގޮތަށް 70 ޕާކިން ޖާގައަށް ހުޅުވާލައިފި

ހުޅުމާލެއިން ދޫކުރާ 70 ޕާކިން ޖާގައިގެ ބީލަމަށް ހުޅުވާލައިފި

25 އެޕްރީލް 2022

ހުޅުމާލޭގެ ދެ ސަރަހައްދަކުން 70 ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ނިންމައި، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެ ސަރަހައްދަކުން 70 ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ނިންމައި، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކާރު ޕާކުކުރުމަށް ޖާގަ ދޫކުރަން ނިންމާފައި ވަނީ ފެރީ ޓާމިނަލް ކައިރިން "ފިތުރޯނު ޕާކިން" އިން 50 ޖާގަ އަދި ރެޑްވޭވް މެގަމޯލް ކައިރިން "އުނިމާ ޕާކިން" އިން 20 ޖާގަ އެވެ.

އެޗްޑީސީން މިއަދު ބުނި ގޮތުގައި ހުޅުމާލޭގައި އުޅޭ މީހުންނަށް ފަސޭހަ އަދި ހަމަހަމަ އުސޫލަކުން ވެހިކަލް ޕާކު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އެ ކުންފުނިން 70 ޖާގަ ކުއްޔަށް ދޫކުރަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

އެކަމަށް ޝައުގުވެރިވާ މީހުންނަށް ބީލަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10 އިން 11 އާ ދެމެދު އެޗްޑީސީގެ ހެޑް އޮފީހުގަ އެވެ. ބީލަން ފޯމު ހުޅުވުން އޮންނަނީ 11:15 ގަ އެވެ.

ހުޅުމާލެއިން ޕާކިން ސްލޮޓް ދޫކުރަން އެޗްޑީސީން ނިންމިއިރު ކުރިން ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެތަނެއްގައި ޕާކު ކުރެވޭ ގޮތަށް އެޗްޑީސީން ދިޔައީ އުޅަނދު ރަޖިސްޓްރީ ކޮށްދެމުންނެވެ.

ފަހުން އެ އުސޫލު ބަދަލުކޮށް، ފްލެޓްތަކާއި ރޯ ހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް ވެސް ބަދަލުކުރި އެވެ.

ހުޅުމާލޭގެ އާބާދީ ބޮޑުވެ އެ ރަށް ތޮއްޖެހުން ކުޑަކުރުމަށް މިހާރު އެޗްޑީސީން އުޅަނދުތައް ރަޖިސްޓްރީ ދެ ގޮތަކަށް ބަލައިގެންނެވެ. އެއް ގޮތަކީ ގަރާޖު ހުރި ތަންތަނަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުމެވެ. ދެވަނަ ގޮތަކީ ކުރިން ވަކިވަކި ފްލެޓްތަކަށް ރަޖިސްޓްރީކޮށްފައިވާ ހުއްދަތައް ބާތިލުކޮށް އެތަނަށް ހުއްދަ ރިޕްލޭސް ކޮށްދިނުމެވެ.