Roadha Mihaaru
ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅު ފުރާލައިފި

ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅު ފުރާލައިފި

28 އެޕްރީލް 2022

މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ފާހަގަކުރުމުގެ ގޮތުން، މައްކާގެ މަސްޖިދުލް ހަރާމް އާއި މަދީނާގެ މަސްޖިދުއް ނަބަވީގައި ކުރި ތަރާވީހް ނަމާދާއި ދަމު ނަމާދުގައި ބައިވެރިވި މީހުން، އެ ދެ ހަރަމްފުޅު ފުރާލައިފި އެވެ.

މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ފާހަގަކުރުމުގެ ގޮތުން، މައްކާގެ މަސްޖިދުލް ހަރާމް އާއި މަދީނާގެ މަސްޖިދުއް ނަބަވީގައި ކުރި ތަރާވީހް ނަމާދާއި ދަމު ނަމާދުގައި ބައިވެރިވި މީހުން، އެ ދެ ހަރަމްފުޅު ފުރާލައިފި އެވެ.

ސައޫދީ އަރަބިއްޔާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި، މަސްޖިދުލް ހަރާމްގައި ރޭ ކުރި ތަރާވީހް ނަމާދުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި އަންނަ އޮނަހިރި ރޭތަކުގެ ތެރެއިން ވެސް، 27 ވިލޭރެއަކީ ލައިލަތުލް ގަދްރި ކަމަށް ގިނަ އިލްމުވެރިން ބުރަވެވަޑައިގަންނަވާ ރޭ ކަމަށްވާތީ، 27 ވިލޭރޭގެ އަޅުކަމުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ކޮންމެ އަހަރަކު ވެސް ބައިވެރިވެ އެވެ.

މައްކާ އާއި މަދީނާގެ ހަރަމްފުޅުގައި ރޭ ކުރި ތަރާވީހް ނަމާދާއި ދަމު ނަމާދަކީ، ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މިސްކިތްތަކުގައި ޖަމާއަތުގައި ކުރާ ނަމާދުތަކުގައި ބައިވެރިކުރާ މީހުންގެ އަދަދު ދަށްކުރުމަށް އެޅި ފިޔަވަޅުތައް އުވައިލުމަށް ފަހު، މިހާތަނަށް އެންމެ ގިނަ މީހުން ޖަމާއަތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އިއްޔެގެ ރޯދަ ވީއްލުމަށް ފަހު، ގިނަ އަދަދެއްގެ ބަޔަކު މައްކާ އާއި މަދީނާގެ ހަރަމްފުޅަށް ގޮސް، ގުރްއާން ކިޔެވުމާއި ނަމާދުކުރުމާއި ދުއާކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ. ބައެއް މީހުން މަޣްރިބު ނަމާދަށް ދެ ހަރަމްފުޅަށް ވަން ގޮތަށް، މިސްކިތުން ނުކުތް ކަމަށްވަނީ ތަރާވީހް ނަމާދާއި ދަމު ނަމާދު ވެސް ނިންމައިފަ އެވެ.

ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާ އިން ބުނި ގޮތުގައި، އަޅުވެރިން ދެ ހަރަމްފުޅަށް ވަނުމަށް ފަސޭހަވާނެ އިންތިޒާމުތަކެއް، މި ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކުގައި ވަނީ ހަމަޖައްސައިފަ އެވެ. އެ ގޮތުން މިސްކިތަށް އަންނަ މީހުން މިސްކިތަށް ވަދެ ނުކުމެއުޅުން ފަސޭހަ ކުރުމުގެ ގޮތުން، ކުރިން އާންމުކޮށް ނުހުޅުވާ ދޮރާށިތައް މިހާރު ހުޅުވާފައި ހުންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އޭގެ އިތުރުން ދެ ހަރަމްފުޅުގެ ޓެރަހަށް އެރުމަށް ހުންނަ ލިފްޓުތަކާއި ދުވާ ސިޑިތައް ވެސް މިހާރު ވާނީ ބޭނުންކުރެވޭނެ ގޮތަށް ހިންގާފައި ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އަދި ދެ ހަރަމްފުޅުގެ ހުރިހާ ސަރަހައްދަކުން ވެސް ފިނިކުރި ޒަމްޒަމް ފެން ލިބޭނެ އިންތިޒާމު ވެސް ހުރީ ހަމަޖައްސައިފަ އެވެ.

އޭގެ އިތުރުން މިސްކިތަށް އަންނަ މީހުންނަށް ސިއްހީ ފުރަތަމަ އެހީ ދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައި، އިތުރު އެމްބިއުލާންސްތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އަދި ދެ ހަރަމްފުޅާ ކައިރީގައިވާ ސިއްހީ ހިދުމަތް ދޭ ތަންތަން ވެސް ތައްޔާރީ ހާލަތަށް ގެނެސް، ދެ ހަރަމްފުޅުގައި ވެސް ސިއްހީ ފަރުވާ ދެވޭނެ މަރުކަޒުތައް ގާއިމުކޮށްފައިވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މައްކާ ސަރަހައްދުގެ ސިއްހީ ހިދުމަތްތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ހަމަދު ބިން ފައިހާން ވިދާޅުވި ގޮތުގައި ޑޮކްޓަރުންނާއި ނަރުހުންގެ 18 ހާސް މީހުން، 24 ގަޑިއިރު ހިދުމަތުގައި މިހާރު ތިބޭނެ އެވެ.

އޭގެ އިތުރުން ދެ ހަރަމްފުޅު ހިމެނޭ ސަރަހައްދުގެ ރަށު ތެރެ ބެލެހެއްޓުމަށް އިތުރު ސިފައިން މަގުތަކަށް ނެރެ، އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުން އަންނަ ކަމަށް ވެސް ސައޫދީ ސަރުކާރުން ބުނެ އެވެ.