Roadha Mihaaru
މި މުސާރައަކީ ހެޔޮ ބަދަލެއްކަމަށް އުއްމީދުކުރަން:ރައީސް

މި މުސާރައަކީ ހެޔޮބަދަލެއް ކަން ޓީޗަރުން ގަބޫލުކުރާނެ ކަމަށް އުއްމީދުކުރަން: ރައީސް

01 މެއި 2022

ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާއަށް ނިމުން ގެނެސްދެއްވައި ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށްފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާއަށް ނިމުން ގެނެސްދެއްވައި ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށްފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.

މުސާރަ ބޮޑުވި ކަމުގެ އުފާވެރިކަން ތައުލީމީ ދާއިރާއާ ހިއްސާކުރައްވަން ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެހެން މުވައްޒަފުން ހިމެނޭއިރު އޮނިގަނޑަށް ސަރުކާރުން ގެނައީ ހެޔޮ ބަދަލެއް ކަމަށް ގަބޫލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އާ އޮނިގަނޑުގައި މުސާރަތައް ވަނީ ދެގުނަ އަށް ވުރެން ވެސް ބޮޑުވެފަ އެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ބުރަ މަސައްކަތްތަކާ އަޅާބަލާއިރު ކުޑަ މުސާރައެއްގައި ތިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ. މި ކަންބޮޑުވުން އެކި ގޮތްގޮތަށް ފާޅުކޮށްފައިވެ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވުމުގެ ވައުދު ފުއްދަވައި އެކަން އިއުލާންކުރައްވަނީ.

ރައީސް ވިދާޅުވީ ހެޔޮލަފާ ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒަށް ވާ އިރު ތައުލީމީ ދާއިރާގެ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަަމަށެވެ. އެއީ ހަމައެކަނި ލިބޭ މުސާރައަކަށްޓަކައި ކުރައްވާ މަސައްކަތެއް ނޫން ކަން ވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މާތް ﷲގެ ވާގިފުޅާ އެކު [މުސާރަ ބޮޑުކުރުމުގެ] އެ ވައުދު މިއަދު ފުރިހަމަވެގެން މިދިޔައީ. މިއަދު ފެށުނު މެއި މަހާ އެކު، މާތް ﷲގެ ވާގިފުޅުން، ޓީޗަރުންގެ މުސާރައަށް އެ މުހިންމު ބަދަލު އަންނާނެކަން އިއުލާން ކުރުމަކީ، މިއުފާވެރި ފިތުރު އީދާއި، މިއަދު މި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް،" ރައީސް ވިދާޅުވި އެވެ.

"ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭ ވަރަށްވުރެ މާމަތިވެރި ކަމެއް. އެހެން ނަމަވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން."

މުސާރައަށް އައި ކުރިއެރުން:

ޕްރިންސިޕަލުންގެ މުސާރަ

ރޭންކް 1 : 16،000ރ. އިން 30،000ރ. (82 ޕަސެންޓްގެ ކުރިއެެރުމެއް)

ރޭންކް 2 : 20،000ރ. އިން 33،000ރ. (59 ޕަަަސެންޓްގެ ކުރިއެެރުމެއް)

ރޭންކް 3: 12،000ރ. އިން 20،000ރ. (38 ޕަަަސެންޓްގެ ކުރިއެރުމެއް)

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ރޭންކް 1: 13،000ރ. އިން 23،000ރ. (78 ޕަަަސެންޓްގެ ކުރިއެރުމެއް)

ރޭންކް 2: 21،00ރ. އިން 26،000ރ. (55 ޕަަަސެންޓްގެ ކުރިއެރުމެއް) ޓީޗަރުންގެ މުސާރަ

6،185 ޓީޗަރުން

ރޭންކް 1: 10،000ރ. އިން 13،000ރ. (22 ޕަަަސެންޓްގެ ކުރިއެރުމެއް)

ރޭންކް 2: 13،000ރ. އިން 19،000ރ. (50 ޕަަަސެންޓްގެ ކުރިއެރުމެއް)

ރޭންކް 3: 15،000ރ. އިން 20،000ރ. (37 ޕަަަސެންޓްގެ ކުރިއެރުމެއް)

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތެއްގައި މާލޭގެ ސްކޫލެއްގެ ޓީޗަރުންތަކެއް: ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށް މިއަދު ވަނީ އެކަން އިއުލާންކޮށްފައި. -- ފޮޓޯ/ މިހާރު

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތެއްގައި މާލޭގެ ސްކޫލެއްގެ ޓީޗަރުންތަކެއް: ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށް މިއަދު ވަނީ އެކަން އިއުލާންކޮށްފައި. -- ފޮޓޯ/ މިހާރު

ތައުލީމީ ދާއިރާގެ މުސާރައަށް ދައުލަތުގެ ބަޖެޓުން އަަހަރަކު 488 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ގައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންގެ އަދަދު ވެސް އިތުރުވެގެންދާނެ. -- ރައީސް

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ގައުމެއްގައި ވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށެވެ. ރާއްޖޭގައި ވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ ޓީޗަރުން ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެ ބޭފުޅުން ކުރައްވާ މަސައްކަތަށް ހައްގުވާ މިންވަރަށް ވުރެ މާދަށް އުޖޫރައެއްގައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލަކީ ގައުމު ބިނާކުރުމުގެ ގޮތުން ވަރަށް މުހިއްމު ބަދަލެއް ކަމަށެވެ. ޓީޗަރުންގެ މުސާރައަށް މިއަދު ގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައި ވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް އިތުރު ގަޑީގެ ފައިސާއާ އެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް، މި ގެނައި ބަދަލާއެކު، ހަމައެކަނި މުސާރަ އާއި އިނާޔަތްތަކުން ވެސް ލިބޭނެ. އަލަށް މިއެކުލަވައިލި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން، ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ،" ރައީސް ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަލާފާނު ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ދަރިވަރުން ބައިވެރިވަނީ-- ފޮޓޯ | މިހާރު

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަލާފާނު ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ދަރިވަރުން ބައިވެރިވަނީ-- ފޮޓޯ | މިހާރު

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމެވެ. އާ އޮނިގަނޑަކީ ރަށްރަށުގައި މަސައްކަތް ކުރަން ލިބޭ އިތުރު ހިތްވަރަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ގައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންގެ އަދަދު ވެސް އިތުރުވެގެންދާނެ. މިއީ ދިވެހިން އެދޭ ގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ގައުމު ބިނާކޮށް އާރާސްތުކުރުމަށް ވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓީޗަރުންނާ ގުޅޭ ގޮތުން ހެދި ދިރާސާ އިން އެނގުނީ ޓީޗަރުންނަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރަ ކުޑަވުމެއް ނޫނެވެ. އޭގެ އިތުރުން މަސައްކަތުގެ ބުރަކަމާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމާއި، ހައްގުތައް ކަށަވަރުނުވުމުގެ މައްސަލަ އާއި ވަސީލަތްތައް މަދުވުމުގެ މައްސަލަ ހިމެނެ އެވެ. މިކަންކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ، މާ ގިނަ ދުވަސްތަކެއް ނުވެ އަޅުގަނޑުމެންނަށް ފެންނަން ފަށާނެ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގެންނަ މިފަދަ ހެޔޮ ބަދަލުތަކުގެ ސަބަބުން، މި ދާއިރާ ކުރިއެރުވުމަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެގެން ދިއުން،" ރައީސް ވިދާޅުވި އެވެ.