Roadha Mihaaru
ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލު ރަނގަޅު

ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލު ރަނގަޅު

01 މާޗް 2022

ތައިރޮއިޑް ފަރުވާ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތައިރޮއިޑް ފަރުވާ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ޑޮކްޓަރުންގެ އިރުޝާދާ އެކު ސާޖަރީއަށް ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ރައީސް އެޑްމިޓްކުރީ މިދިޔަ ހަފުތާގަ އެވެ. ސާޖަރީކުރިއަށް ގެންދިޔައީ ހުކުރު ދުވަހުގެ ފަތިހެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާލު ރަނގަޅު ކަމަށެވެ. ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ހެޔޮދުއާކޮށްދިން އެންމެންނަށް ޝުކުރުއަދާކުރެއްވި އެވެ.

ރައީސްގެ ސާޖަރީ ކުރިއަށް ދިޔަ ވަގުތު، ވެރިކަމުގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރެއްވި އެވެ. އަލުން މަގާމާ ހަވާލުވެވަޑައިގަތީ ތިން ގަޑިއިރާއި 30 މިނެޓަށް ފަހު އެވެ.

އެއީ ގާނޫނުއަސާސީގައި ބުނާ ގޮތުން، ވެރިކަމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަން ކުރަން އޮންނަ އުސޫލުންނެވެ.

ގާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގަ އެވެ.