Roadha Mihaaru
ރޯމާ ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި

ރޯމާ ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި

07 ޖެނުއަރީ 2022

މިލާން (ޖެނުއަރީ 7) – އަމިއްލަ ދަނޑުގައި އޭސީ މިލާނުން 3-1 އިން ރޯމާ ބަލިކޮށް އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް އިންޓަ މިލާނާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަ ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (ޖެނުއަރީ 7) – އަމިއްލަ ދަނޑުގައި އޭސީ މިލާނުން 3-1 އިން ރޯމާ ބަލިކޮށް އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް އިންޓަ މިލާނާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަ ކޮށްފި އެވެ.

އަދި ޔުވެންޓަސްގެ ދަނޑުގައި ނަޕޯލީ ކުޅުނު މެޗު ވަނީ އެއްވަރުވެފަ އެވެ.

މިލާނުގެ ފުރަތަމަ ލަނޑު ޖެހީ އަށްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ތިއޯ ހެނާންޑޭޒް ފޮނުވާލި ހަމަލާއެއް ރޯމާގެ ޓެމީ އަބްރަހަމް އަތުގައި ޖެހުމުން ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ. އެޓީމުގެ ދެވަނަ ލަނޑު 17 ވަނަ މިނިޓުގައި ޖެހީ ޖޫނިއާ މެސިއަސް އެވެ. ނަމަވެސް 40 ވަނަ މިނިޓުގައި އަބްރަހަމް ޖެހި ގޯލަލާ އެކު ރޯމާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަރަގު ކުޑަ ކޮށްފަ އެވެ.

މިލާނުގެ ތިންވަނަ ލަނޑު ޖެހީ ޕޯޗުގީޒް ފޯވާޑް ރަފައެލް ލެއާއޯ އެވެ. މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ލެއާއޯ އަށް ފައުލް ކޮށްގެން ރޯމާގެ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ އަށް ވެސް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. މި ފައުލުގައި ލިބުނު ޕެނަލްޓީ މިލާންގެ ޒްލަޓާން އިބްރަހިމޮވިޗް ފޮނުވާލުމުން ރޯމާގެ ކީޕަރު، ރުއީ ޕެޓްރީސިއޯ ވަނީ ދިފާއު ކޮށްފަ އެވެ.

ޔުވެންޓަސް އާއި ނަޕޯލީ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖެހީ ޑްރީސް މާޓެންސް އެވެ. ޔުވެންޓަސް އަށް އެއްވަރު ކޮށްދިނީ ދެވަނަ ހާފުގައި ފެޑެރީކޯ ކިއޭސާ އެވެ.

މި ނަތީޖާއާ އެކު އޭސީ މިލާން ވަނީ 45 ޕޮއިންޓް ހޯދައި، އެއް މެޗު މަދުން ކުޅެގެން އެއްވަނައިގައި އޮތް އިންޓަ މިލާނާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ. ޔުވެންޓަސްއާ ދެކޮޅަށް ކުޅެ އެއްވަރު ވުމުން ތިންވަނައިގައި އޮތް ނަޕޯލީއަށް ލިބިފައި ވަނީ 40 ޕޮއިންޓެވެ. ޔުވެންޓަސް އޮތީ 35 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ. އެއް މެޗު މަދުން ކުޅެގެން 38 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތީ އެޓަލާންޓާ އެވެ.

ރޯމާ އޮތީ 32 ޕޮއިންޓާ އެކު ފައިދާ ގޯލުގެ ތަފާތުން ހަތް ވަނައިގަ އެވެ. ހަ ވަނައިގައި އޮތް ފިއޮރެންޓީނާ އާއި އަށްވަނައިގައި އޮތް ލާޒިއޯ ވެސް ވަނީ ރޯމާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިފަ އެވެ.

ވިންޓާ ބްރޭކަށް ދެ ހަފްތާއަށް ކުޅުން މެދުކަނޑާލުމަށް ފަހު އިޓާލިއަން ސެރީ އާގެ ކުޅުން ފެށީ އިއްޔެ އެވެ. ލީގުގެ މެޗްޑޭ 20 ގައި ކުޅެން އޮތް 10 މެޗުގެ ތެރެއިން ހަތަރު މެޗު ވަނީ ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި އެއްވަނައިގައި އޮތް އިންޓަ މިލާނުން ރަށުން ބޭރުގައި ބޮލޯނިއާއާ ދެކޮޅަށް ކުޅެން އޮތް މެޗާއި، ހަތަރު ވަނައިގައި އޮތް އެޓަލާންޓާ އަމިއްލަ ދަނޑުގައި ޓޮރީނޯއާ ދެކޮޅަށް ކުޅޭ މެޗު ވެސް ހިމެނެ އެވެ.

މިއީ ކޮވިޑުގެ ސަބަބުން އިޓާލިއަން ސެރީ އާގައި މި ސީޒަނުގައި މެޗްތައް ފަސް ކުރަން ޖެހުނު ދެވަނަ ފަހަރެވެ.