Roadha Mihaaru
"ފްލެޓް ލިބޭ މީހުން ފެބުރުއަރީ މަހު ކަނޑައެޅޭނެ"

ގެދޮރުވެރިކަމުގެ ފްލެޓް ލިބޭ މީހުން ފެބުރުއަރީ މަހު ކަނޑައެޅޭނެ: މިނިސްޓަރު

25 ޑިސެމްބަރ 2016

ގެދޮރުވެރިކަމުގެ މަޝްރޫއުގައި މި ސަރުކާރުން ހުޅުވައިލި 1،084 ފްލެޓުގެ ތެރެއިން 704 ފްލެޓް ލިބޭ މީހުން އަންނަ އަހަރުގެ ފެބުރުއަރީ މަހާ ހަމައަށް ކަނޑައެޅޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގެދޮރުވެރިކަމުގެ މަޝްރޫއުގައި މި ސަރުކާރުން ހުޅުވައިލި 1،084 ފްލެޓުގެ ތެރެއިން 704 ފްލެޓް ލިބޭ މީހުން އަންނަ އަހަރުގެ ފެބުރުއަރީ މަހާ ހަމައަށް ކަނޑައެޅޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއު އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ.

ހައުސިން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭގައި އަޅާ ފްލެޓުގެ ތެރެއިން 704 ފްލެޓްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި، އެންމެ ލަސްވެގެން ހުރިހާ ޔުނިޓެއް ވެސް ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ޖެހޭ ކަމަށް އެއްބަސްވުމުގައިވެ އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެހާތަނަށް ދާންވާއިރަށް، އެ 704 ޔުނިޓަށް ވަންނާނެ ފަރާތްތައް ކަނޑައަޅަން. ފޯމުތައް ބަލައިގަނެ، ގޭގެއަށް ޒިޔާރަތްކުރުމުގެ ބޮޑު ބައި ވެސް މިހާރު ވަނީ ނިމިފައި. އެހެންވީމަ ހާލަތު ބެލުމުގެ ހުރިހާ މަސައްކަތެއްގެ ވެސް ވަރަށް ބޮޑު ބައި މިވަނީ ނިމިފައި،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ޝަޔާހް/ މިހާރު

މިނިސްޓަރު މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ޝަޔާހް/ މިހާރު

ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭނީ އެންމެ މަތިން މާކްސް ލިބޭ 704 މީހުންނަށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓަށް އެދި ކުރިމަތިލީ ފަހުން މިހާތަނަށް އެ މީހެއްގެ ދިރިއުޅުމަށް އައިސްފައިވާ ހުރިހާ ބަދަލުތަކަކަށް، ފްލެޓް ދިނުމުގެ ކުރިން ރިއާޔަތް ކުރާނެ އެވެ. އަދި އެކަން ކުރިއަށް ގެންދާނީ އެންމެ އިންސާފުވެރި އުސޫލްގެ މަތިން ކަމަށް ވެސް ވިދާޅުވި އެެވެ.

މި މަޝްރޫއުގައި ބާކީ ހިމެނޭ 380 ފްލެޓްގެ މަސައްކަަތް ކުރިއަށް ގެންދިޔައީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުންނެވެ. އެ ފްލެޓްތަކުގެ މަސައްކަތް މިހާރު ވަނީ ހުއްޓިފަ އެވެ.

"އޭގައި މިވީ ގޮތަކީ ފްލެޓް އަޅަން ހަވާލުވި މީހުންނަށް އެ މަސައްކަތް ނުކުރެވުނީ. އެ މީހުންގެ ފެންވަރު ދަށްވުމާއި އެކިއެކި މައްސަލަތައް ދިމާވެގެން. އެހެންވެ އެ މީހުންގެ ކޮންޓްރެކްޓް އުވައިލީ،" މިނިސްޓަރު ވިދާޅވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެގްޒިމް ބޭންކުގެ ހުއްދައާ އެކު އެ ފްލެޓްތައް އަޅާނެ ބަޔަކު ހޯދަން އަލުން ހުޅުވައިލާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ފްލެޓް އަޅާނެ ބަޔަކު ލިބުމާއެކު އެ މަސައްކަތް ވެސް ލަސްނުކޮށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުގައި 15،000 ފްލެޓް އަޅަން ނިންމާފައިވާއިރު، އެ މަޝްރޫއުގެ ހުރިހާ ކަމެއް މިހާރު ހަވާލުކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެވެ.

ހުޅުމާލޭގައި 7،000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް އެ މަޝްރޫއުގައި ފްލެޓްތަކެއް އެޅުމުގެ މަސައްކަތް ކުންފުނިތަކަކުން ކުރަމުން އަންނަ ކަަމަށް ވިދާޅުވި އެވެ.