Roadha Mihaaru
މުސާރައާ ގުޅިގެން ސްކޫލް ކައުންސެލަރުންގެ ކަންބޮޑުވުން!

ރިސްކް އެލަވަންސް ނުލިބޭތީ ސްކޫލްތަކުގެ ކައުންސެލަރުންގެ ކަންބޮޑުވުން!

08 މެއި 2022

ސްކޫލްތަކުގައި މަސައްކަތްކުރާ ކައުންސެލަރުންނަށް މުސާރައާ އެކު ރިސްކް އެލަވަންސް ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްކޫލްތަކުގައި މަސައްކަތްކުރާ ކައުންސެލަރުންނަށް މުސާރައާ އެކު ރިސްކް އެލަވަންސް ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކައުންސެލަރުންނަކީ ސްކޫލުތަކުގައި ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ އަދި އަހުލާގީ މައްސަލަތަކާ ގުޅިގެން އެހީތެރިކަން ދޭ، ނުރައްކާތެރިކަން އޮތް މަސައްކަތަކަށް ވާތީ ރިސްކް އެލަވަންސަކީ ދާއިރާއާ ގުޅޭ ގޮތުން މުސާރައިގެ އޮނިގަނޑުގައި ހިމެނިގެން އެ މީހުންނަށް ލިބެން ޖެހޭ އެއްޗަކަށް ވިޔަސް، އެ ނުލިބޭ ކަމަށް ކައުންސެލަރުން ބުނެ އެވެ.

ސަރުކާރުގެ މުސާރައިގެ އޮނިގަނޑުގައި ރިސްކް އެލަވަންސްގެ ގޮތުގައި ކައުންސެލަރުންނަށް އާއްމުކޮށް ދެމުން އަންނަނީ ވަޒީފާ އަށް ނުކުންނަ ދުވަހަކަށް 100ރ. އެވެ. އެއީ މަހެއްގެ މައްޗަށް 3،000ރ. އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި ސްކޫލްތަކުގެ ބައެއް ކައުންސެލަރުން ވިދާޅުވީ ރިސްކް އެލަވެންސް ނުލިބި އެ މީހުން މަސައްކަތް ކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް 15 އަހަރު ވެއްޖެ ކަމަށެވެ. ސަރުކާރުން ރިސްކް އެލަވަންސް ނުދެނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައި ތިބޭ ކައުންސެލަރުންނަށް އެކަނި ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

ސްކޫލްތަކުގެ ކައުންސެލަރުންނަކީ ހެލްތު މިނިސްޓްރީގެ ދަށުން ވަކި ހާއްސަ ލައިސެންސަކާ އެކު ރަޖިސްޓްރީވެގެން މަސައްކަތްކުރާ ބައެކެވެ. އެ ލައިސެންސްގެ ދަށުން، ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަދި ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރާ ކައުންސެލަރުންނަށް މުސާރާ އެކު ރިސްކް އެލަވަންސް ލިބެ އެވެ.

ރަށެއްގެ ސްކޫލެއްގައި ކައުންސެލަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ ހަތް އަހަރުވެފައިވާ މީހަކު ވިދާޅުވި ގޮތުގައި، އެ މީހުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ ވަރަށް ކުޑަ މުސާރައަކަށެވެ. އެލަވަންސްތައް ނުލައި، އަސާސީ މުސާރައިގެ ގޮތުގައި ޑިޕްލޮމާ ލެވަލްގެ މީހަކަށް 5،000ރ. ލިބޭއިރު، ޑިގްރީ ލެވެލްގެ މީހަކަށް ލިބެނީ އެންމެ 6،000ރ. އެވެ.

"މިނިމަމް ވޭޖާ އެކު ބައެއް މީހުންގެ މުސާރަ އަށް މިފަހުން ކުޑަ ބަދަލެއް އަޔަސް، މާ ބޮޑު ތަފާތެއް ނާދޭ. އެލަވެންސްތައް ލައިގެން ވެސް ބައެއް މީހުންނަށް 10،000ރ. އަށް ވުރެ ވެސް ކުޑަ އެއްޗެއް ލިބެނީ،" އޭނާ ވިދާޅުވި އެވެ.

"ސްކޫލްތަކުގައި ކައުންސެލިން ދިނުމަށް ހާއްސަ އުސޫލެއް ވެސް މި ވީހާ ދުވަހު ހެދިފައެއް ނެތް. ބްރިޓިޝް އަދި އެމެރިކާގެ އުސޫލުތަކަކަށް އަޅުގަނޑުމެން މި ފޮލޯކުރަނީ. އެކަމަކު ރާއްޖޭގައި ކުދިންގެ ބިހޭވިއާ އެއާ ވަރަށް ތަފާތު. ޑީލްކުރަން ޖެހޭ ގޮތް ވެސް ތަފާތު،" އޭނާ ވިދާޅުވި އެވެ.

އެ ކައުންސެލަރު ފާހަގަކުރެއްވި ގޮތުގައި ހާއްސަކޮށް ރަށްރަށުގެ ގިނަ ސްކޫލްތަކުގައި ކައުންސެލިން ދިނުމަށް ބޭނުންވާ ވަސީލަތެއް ވެސް ނެތެވެ. ކައުންސެލިން ދިނުމަށް ސްކޫލުގައި ހާއްސަ ސެޓަޕެއް ނުވަތަ ކޮޓަރިއެއް ހުންނަން ޖެހޭއިރު، ގިނަ ސްކޫލްތަކުގައި އެ އިންތިޒާމެއް ވެސް ނެތެވެ.

އެލަވަންސް ނުދީ ކައުންސެލަރުން ލައްވައި، ސްކޫލްތަކުގައި އިތުރު މަސައްކަތް ކުރުވާ މައްސަލަ ވެސް ވަރަށް ބޮޑު ކަމަށް ފާހަގަކުރި އެވެ؛

- ޓީޗަރުން ސްކޫލަށް ހާޒިނުވާ ދުވަސްތަކުގައި އެ ގަޑިތައް ފުރަން ކުލާސްތަކަށް ފޮނުވުން.

- ސްކޫލްގައި އޮންނަ އިތުރު ހަރަކާތްތަކުގައި އުޅެން ޖެހުން.

"ކައުންސެލަރުންގެ އަސްލު މަގުސަދު ހާސިލުނުވޭ އެގޮތަށް ހެދީމާ. ކައުންސެލަރެއްގެ ގޮތުގައި ކުދިންނާ އޮންނަން ޖެހޭ ގުޅުމަށް ވެސް އެބަ އަސަރުކުރޭ އެކަމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ ތެރެއިން ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ މި މަހުން ފަށައިގެން ބޮޑުކުރަން ނިންމާފައިވާއިރު، ޕްރިންސިޕަލުންނާއި ޓީޗަރުން ފިޔަވައި ސްކޫލްތަކުގައި ދެން މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ 35 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވެ އެވެ. ނަމަވެސް އޭގެ ތަފުސީލު އަދި ހާމައެއް ނުކުރެ އެވެ.