Roadha Mihaaru
ގިނަ ދަރިވަރުންނަށް ދިމާވަނީ އަނގައިގެ މައްސަލަތައް

ގްރޭޑް އެކެއްގެ ގިނަ ދަރިވަރުންނަށް ދިމާވަނީ އަނގައިގެ މައްސަލަތައް

13 ނޮވެމްބަރ 2016

މި އަހަރު ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންނަށް ސިއްހީ ގޮތުން ދިމާވަނީ އަނގައިގެ މައްސަލަތައް ކަމަށް، އެ ދަރިވަރުންގެ ސިއްހަތު ދެނެގަތުމަށް ހެދި ސާވޭ ރިޕޯޓުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރު ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންނަށް ސިއްހީ ގޮތުން ދިމާވަނީ އަނގައިގެ މައްސަލަތައް ކަމަށް، އެ ދަރިވަރުންގެ ސިއްހަތު ދެނެގަތުމަށް ހެދި ސާވޭ ރިޕޯޓުން ދައްކައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ހެލްތް މިނިސްޓްރީ އަދި އެމްއެންޑީއެފް ގުޅިގެން ހެދި މި ސާވޭގެ ރިޕޯޓު މިއަދު ނެރެފައި ވެ އެވެ. އެ ރިޕޯޓުގައި ދަރިވަރުންނަށް ސިއްހީގޮތުން އެންމެ ގިނައިން ދިމާވާ މައްސަލަތަކާއި ދަރިވަރުންގެ ސިއްހީ ހާލަތު ހުރިގޮތް ބަޔާންކޮށްފައި ވެ އެވެ.

މިއަހަރުގެ ކުރީކޮޅު ހެދި ސާވޭގައި ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ 7488 ދަރިވަރުންގެ ތެރެއިން 6884 ދަރިވަރުން ސާވޭގައި ބައިވެރިވެފައިވެ އެވެ. އެއީ މާލޭގެ ސްކޫލުތަކުން 2151 ދަރިވަރުންނާއި ރަށްރަށުގެ ސްކޫލުތަކުން 4733 ދަރިވަރުންނެވެ.

އެ ސާވޭގައި ބުނެފައިވަނީ އަނގައިގެ މައްސަލަތަކުގެ ތެރެއިން ވެސް ދަތްތަކަށް ދިމާވާ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ސާވޭގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ދަތް ފަނިކެއުމުގެ މައްސަލަ ހުންނަކަން ފާހަގަ ކުރެވެނީ 34 ޕަސެންޓު ދަރިވަރުންނެވެ. އެއީ 2344 ދަރިވަރުންނެވެ.

ހަށިގަނޑުގައި ހުންނަންޖެހޭ ބަރުދަން އެންމެ ރަނގަޅަށް ހުރީ ސާވޭގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 62 ޕަސެންޓުގެ ދަރިވަރުންނެވެ. ބަރުދަން މާ ބަރުކަމަށް ބުނެފައިވަނީ 10 ޕަސެންޓުގެ ދަރިވަރުންނަށެވެ. އަދި ބަރުދަން ލުއިކަމަށް ބުނެފައިވަނީ މި ސާވޭގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 16 ޕަސެންޓުގެ ދަރިވަރުންނެވެ.

ދަރިވަރުންގެ ހެލްތް ސްކްރީނިން ރިޕޯޓު ނެރެން މިއަދު ބޭއްވި ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (މ) އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންގެ ހެލްތް ސްކްރީނިން ރިޕޯޓު ނެރެން މިއަދު ބޭއްވި ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (މ) އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން މި ސާވޭގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ލޭ މައްޗަށް ދިއުމާއި އެސްމާ އަދި ހަކުރުބަލީގެ މައްސަލަ އެވެ. ސާވޭގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 43 ޕަސެންޓު ދަރިވަރުންނަށް ލޭ މައްޗަށް ދިއުމުގެ މައްސަލަ ދިމާވާ އިރު 36.5 ޕަސެންޓުގެ ދަރިވަރުންގެ ހަކުރުބަލި ހުންނަކަމަށް ފާހަގަ ކުރެވެ އެވެ. އެސްމާގެ މައްސަލަ ދިމާވަނީ މި ސާވޭގައި ބައިވެރިވި 22.9 ޕަސެންޓުގެ ދަރިވަރުންނަށެވެ.

ސާވޭ ހެދިއިރު ލޮލުގެ މައްސަލަ ހުންނަކަން 399 ދަރިވަރުންނަށް ވަނީ އަލަށް ފާހަގަކުރެވިފަ އެވެ. އެއީ މާލެއިން 223 ދަރިވަރުންނާއި ރަށްރަށުގެ 176 ދަރިވަރުންނެވެ.

މި ސާވޭގައި ބެލެނިވެރިންނާ ވެސް ސުވާލުތަކެއް ކޮށްފައި ވެ އެވެ. އެގޮތުން ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ބެލެނިވެރިންގެ 45.7 ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންކަން ސާވޭގައި ފާހަގަކޮށްފަައި ވެ އެވެ.

ސާވޭގެ ނަތީޖާތަކުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ވެސް ހިމަނާފައި ވެ އެވެ. އޭގެ ތެރޭގައި ސިއްހަތު ރަނގަޅުކުރަން ދަރިވަރުން ކުރަންޖެހޭ ކަންތައްތައް އިތުރުކުރަންޖެހޭކަމަށާއި އަދި ސިއްހަތު ރަނގަޅުކުރަން ހިންގާ އެކި ޕްރޮގްރާމްތަކުގައި ޓީޗަރުންގެ ހަރަކާތްތައް އިތުރުކުރަންޖެހިފައިވާ ކަމަށް ބުނެފައި ވެ އެވެ.