Roadha Mihaaru
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން

މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ވަނީ ގެއްލުން

11 މެއި 2022

އާ އޮނިގަނޑާ އެކު ޕްރިންސިޕަލުންގެ މުސާރަ ބޮޑު ކުރިޔަސް، ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ގެއްލުން ވާނެ ކަމަށް ބުނެ ބައެއް ޕްރިންސިޕަލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާ އޮނިގަނޑާ އެކު ޕްރިންސިޕަލުންގެ މުސާރަ ބޮޑު ކުރިޔަސް، ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ގެއްލުން ވާނެ ކަމަށް ބުނެ ބައެއް ޕްރިންސިޕަލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރަށްރަށަށް ޕްރިންސިޕަލުން ނުލިބުމުގެ މައްސަލަ ހައްލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ކުރީއްސުރެ ދިޔައީ ދެ ގޮތަކަށް އެކޮމޮޑޭޝަން ހަމަޖައްސައިދެމުންނެވެ. އެއީ، އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 9000ރ. ދީގެން ނުވަތަ މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި އުޅުމެވެ. އެކަމަކު، މުސާރައިގެ އާ އޮނިގަނޑުގައި ރަށުން ބޭރުގެ އެކޮމަޑޭޝަން ވަނީ އުނިކޮށްފަ އެވެ.

ރަށުން ބޭރުގައި މަސައްކަތްކުރާ 2.1 ރޭންކްގެ ޕްރިންސިޕަލަކަށް މި މަހުން ފެށިގެން މުސާރައިގެ ގޮތުގައި 17،985ރ. ލިބޭނެ އެވެ. ފޯން އެލަވަންސް އަށް 500ރ، ސްކޫލް އެންރޯލްމަންޓް އެލަވަންސް 1000ރ، ޖޮބް އެލަވަންސް އަށް 10،300ރ. އަދި އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 5،022ރ. އާއެކު، މަހެއްގެ މައްޗަށް 34،807ރ. ލިބޭނެ އެވެ. އެކަމަކު، ޕެންޝަނާއި ދިރިއުޅޭ ތަނަށް މުސާރައިން ބޮޑު ހަރަދެއް ކުރަންޖެހެ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އަމިއްލަ ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މާލެ ސަރަހައްދު އަދި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ރަށްރަށުން ހެޔޮ އަގެއްގައި ތަންތަން ކުއްޔަށް ހިފުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މިނިސްޓްރީން އެކޮމޮޑޭޝަން ހަމަޖައްސައިނުދޭ ނަމަ ރަށުން ބޭރަށް މަސައްކަތް ކުރަން ދާން ގިނަ ޕްރިންސިޕަލުން ދެކޮޅު ހަދާނެ ކަމަށް، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ޕްރިންސިޕަލް ވިދާޅުވި އެވެ.

"ޕްރިންސިޕަލުންނަށް އެ މީހުން ތިބޭނެ ތަންތަން ހަމަނުޖެހިއްޖެ ނަމަ މިނިސްޓްރީން އެބަ ހޯދައިދޭ ކޮންމެ އަގެއްގައި ވެސް. އެކަމަކު އެ އެހީ ނުލިބޭނަމަ ކިތަންމެ ބޮޑު ހަރަދެއް ވެސް ކުރަން ޖެހިދާނެ އުޅޭނެ ތަނެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް، ޕްރިންސިޕަލް އަަށް އެކޮމޮޑޭޝަން ހަމަނުޖެހިއްޖެއްޔާ މިނިސްޓްރީން އިއުލާންކުރާނެ މިވެނި ރަށެއްގައި މަސައްކަތްކުރާ ޕްރިންސިޕަލް ހުންނާނެ ތަނެއް ހަމަޖައްސަން. އެގޮތަށް އިއުލާނުކޮށްގެން 15،000ރ. އަށް ތަނެއް ލިބުނަސް މިނިސްޓްރީން އެ ހަރަދު ކުރާނެ."

އޭނާ ވިދާޅުވި ގޮތުގައި މުސާރައިގެ އާ ބަދަލުގެ އެންމެ ފައިދާ ލިބެނީ އަމިއްލަ ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށެވެ.

"މުސާރަ ބޮޑުވުމަކީ ވަރަށް ބޮޑު އުފަލެއް. އެކަމަކު އެއާއެކު ނުތަނަވަސްކަމެއް މި ކުރިމަތިވީ،" އޭނާ ވިދާޅުވި އެވެ.

އާ އޮނިގަނޑުގެ ދަށުން، ރޭންކް 1ގެ ޕްރިންސިޕަލަކަށް މުސާރައިގެ 82 ޕަސެންޓް ކުރިއެރުމެއް ލިބެ އެވެ. އެ ރޭންކްގެ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގެ ޕްރިންސިޕަލަކަށް 33،075ރ. (59 ޕަސެންޓްގެ ކުރިއެރުމެއް) ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރަށެއްގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލަކު ވިދާޅުވީ މުސާރައާ އެލަވަންސްތަކާ އެކު އޭނަ އަށް މިހާރު ވެސް 35،000-36،000ރ. ލިބޭ ކަމަށެވެ. އެކަމަކު، އާ އޮނިގަނޑުގެ ދަށުން ވިޔަސް އޭނާގެ މުސާރަ އަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސާރައިގެ ގޮތުގައި ދެން ލިބޭނީ 31،000-34،000ރ. ހަގީގަތުގައި މުސާރަ ބޮޑެއް ނޫން މިވީ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.

"އެކޮމޮޑޭޝަން އެލަވަންސް ނުލިބެންޏާ ވަރަށް އުނދަގޫވާނެ ރަށުން ބޭރުގައި މަސައްކަތްކުރަން."

އަމިއްލަ ނޫން ރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެކޮމަޑޭޝަން ހަމަޖައްސައިނުދީ އޮތީ ކީއްވެއޯ އެޑިއުކޭޝަން މިނިސްޓްރީގައި އެހުމުން އެކަމަށް އަދި ޖަވާބެއް ނުލިބެ އެވެ.