26 ޑިސެމްބަރ 2016
މާލޭގައި ދިރިއުޅޭ މީހުން ކުޑަބަނޑޮހަށާއި ފޭދޫފިނޮޅު ފަދަ ރަށްރަށަށް ބަންދު ދުވަސްތަކުގައި ދަތުރު ދިއުމަކީ އާއިލީ ގުޅުމާއި ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރޭގައި ހިމެނިގެން ކުރިންސުރެ އުފެދިފައި އޮތް މުހިންމު އާދައެކެވެ. ނަމަވެސް އިގުތިސާދީ އެދުންވެރިކަމުގެ ތެރޭގައި އެ ފުރުސަތު ވަނީ އާންމު ރައްޔިތުންގެ ކިބައިން ނިގުޅައިގެންފަ އެވެ.
މާލޭގައި ދިރިއުޅޭ މީހުން ކުޑަބަނޑޮހަށާއި ފޭދޫފިނޮޅު ފަދަ ރަށްރަށަށް ބަންދު ދުވަސްތަކުގައި ދަތުރު ދިއުމަކީ އާއިލީ ގުޅުމާއި ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރޭގައި ހިމެނިގެން ކުރިންސުރެ އުފެދިފައި އޮތް މުހިންމު އާދައެކެވެ. ނަމަވެސް އިގުތިސާދީ އެދުންވެރިކަމުގެ ތެރޭގައި އެ ފުރުސަތު ވަނީ އާންމު ރައްޔިތުންގެ ކިބައިން ނިގުޅައިގެންފަ އެވެ.
މާލެ ސަރަހައްދުގައި ދިވެހިން ދަތުރު ދާން ބޭނުންކުރި ހުރިހާ ރަށެއް ޓޫރިސްޓް ރިސޯޓްތަކަށް ހެދީ އެވެ. ކުޑަބަނޑޮހާއި މާދޫފިނޮޅު އަދި އެންމެ ފަހުން ފޭދޫފިނޮޅު ވެސް އެ ލިސްޓަށް އެރީ އެވެ. ކުޑަވިލިނގިއްޔާއި ކޮށްދިއްޕަރު ވެސް ރިސޯޓްތަކަށެވެ.
ކުރިން ޕިކްނިކް އައިލެންޑްގެ ގޮތުގައި ބޭނުންކުރި ރަށްތައް ރިސޯޓްތަކަށް ބަދަލުކުރުމުގެ ފުރުސަތު 2012 ގައި ދިނުމުން އެންމެ ފުރަތަމަ ރިސޯޓް ހަދަން ނިންމި ރަށްތަކުގެ ތެރޭގައި ކުޑަބަނޑޮސް ހިމެނެ އެވެ. އެ ރަށުގައި ރިސޯޓް ހަދަން ނިންމުމާ އެކު އެކަން ހުއްޓާލަން އެކި ފަރާތްތަކުން އާދޭސްކުރި އެވެ. ނަމަވެސް ރައްޔިތުންގެ ހިތްހަމަޖެހުމަށް ވުރެ އިސްކުރީ ސަރުކާރަށް އެވަގުތު ލިބޭނެ ލާރިކޮޅެކެވެ. އަދި މަހުޖަނުންނަށް އިތުރު ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
ކުޑަބަނޑޮހުގެ ގޮނޑުދޮށުގައި ޓޫރިސްޓުންގެ ބަޔަކު ވޮލީކުޅެނީ: ކުރިން މިއީ އާންމު ދިވެހިންގެ ރަށެއް
ކުޑަބަނޑޮސް ރިސޯޓް ތަރައްގީކުރަން ނިންމި ދުވަސްވަރު ސަރުކާރުން ބުނެފައި ވަނީ އެ ހުއްދަ ދިނީ ދިވެހިންނަށް ދަތުރު ދެވޭނެ ފަސޭހަ ގޮތަށް ވެސް އެއްބަސްވެގެން ކަމަށެވެ. އެކަމަކު އެ ރަށް ރިސޯޓެއްގެ ގޮތުގައި ހުޅުވި ފަހުން އެ ފުރުސަތު، އެހާ ލުއިކޮށް ތަނަވަސްވެފައި އޮތް ކަމަކަށެއް ނުފެނެ އެވެ.
މާލެ އަތޮޅުގެ އިތުރުން އަރި އަތޮޅުގައި ވެސް ހުރި ގިނަ ފަޅުރަށްތައް މިހާރު ވަނީ ވިއްކާލައިފަ އެވެ. އެހެންކަމުން މާލެ އާއި މި ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ހިތްހަމަޖައްސާލަން ދަތުރު ދެވޭނެ ފަޅުރަށެއް ކައިރިޔަކު ނެތެވެ.
"މިއީ ވަރަށް ބޮޑުވާން ޖެހޭ މައްސަލައެއް. މިހާރު މާލެ މިވަނީ އިންތިހާއަށް ތޮއްޖެހި ނޭވާލާން ދަތިވާ ހިސާބަށް ގޮސްފައި. މިކަހަލަ ތަނެއްގައި އުޅޭ ބަޔަކަށް ހަމަޖެހިގެން ނޭވާ ލެވޭ ކަހަލަ ތަނަކަށް ވެސް ދެވޭކަށް ނެތް،" މާލޭގައި ދިރިއުޅޭ ދެކުނުގެ ރަށަކަށް ނިސްބަތްވާ އަހުމަދު ރަޝީދު ބުންޏެވެ.
"ކައިރީގައި ހުރި ހުރިހާ ރަށްތަކެއް ރިސޯޓް ހަދަން ދިނުމުން އޭގެ ފައިދާ ކުރަނީ ރިސޯޓް އޯނަރުންނަށާއި ސަރުކާރަކަށް."
މާލެ ކައިރީގައި މިވަގުތު އޮތް ހަމައެކަނި ފަޅުރަށް، ފޭދޫފިނޮޅުގައި ރިސޯޓް ހަދަން ވިއްކާލަން މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ސަރުކާރުން އިއުލާންކުރުމުން އެކަމާ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އެއް ބަޔަކު އެހާ ކުޑަ އަގެއްގައި، އެ މުހިންމު ރަށް ވިއްކާލަން އުޅޭތީ އެވެ. އަނެއް ބަޔަކު އާންމު ދިވެހިންނަށް އޮތް ރާއްޖޭގެ ރީތިކަމުން އުފާ ހޯދޭނެ ރަށެއް، ވިޔަފާރިއަށް ގުރުބާންކޮށްލާތީ އެވެ.
އެ ރަށުގައި ރިސޯޓެއް ހެދުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފުތާގައި ވިދާޅުވި ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ. ފަންސާސް އަހަރަށް ރަށް ވިއްކާލީ އެންމެ 4 މިލިއަން ޑޮލަރަށެވެ.
"އެ ރަށް 2012 ވަނަ އަހަރުގެ ތެރޭގައި ބޭރު ކުންފުންޏަކުން ހުށަހެޅި 50 މިލިއަން ޑޮލަރަށް ގަންނަން. އެ މީހުން މާލެ އައިސް އެ ރަށް ބަލާފައި ވަރަށް ހިތްހަމަޖެހޭ ތަނަކަށް ވާތީ އެ އަގު ހުށަހެޅީ. ނަމަވެސް އޭރުގެ ސަރުކާރުން އެއްބަސްނުވީ ކިތަންމެ ބޮޑު އަގެއް ދިން ނަމަވެސް އެ ރަށް ދޫނުކޮށް ބާއްވަން،" އެ ހުށަހެޅުމުގެ ކަންތައް ދެނެވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ބޮޑު ފަޅެއް އޮންނަ އަދި މަޝްހޫރު ޑައިވިން ސްޕޮޓެއްގެ ހިމެނޭ ރަށަކަށް ވުމުން އިންވެސްޓަރުން އަބަދުވެސް ފާރަލާ ކަމަށެވެ.
މިނިސްޓަރު ޒަމީރު ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޭދޫފިނޮޅު ވިއްކާލުމަކީ ސަރުކާރަށް ކާމިޔާބީއެއްތަ؟ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެ ރަށުގެ ޖެޓީއާ ޖެހިގެން އޮންނަ ތަނަކީ ވަރަށް މަޝްހޫރު ޑައިވިން ސްޕޮޓެއް. ވަރަށް ގިނަ ޓޫރިސްޓުން ވެސް ޑައިވްކުރަން ދާ ތަނެއް އެއީ. އޭގެ އިތުރުން ދާދި ފަހުން އެ ރަށުގައި ވަނީ ފެންވަރު ރަނގަޅު ބަނދަރެއް ވެސް ހަދާފައި. އެއީ މާލެ ކައިރީގައި އޮތް އެންމެ ހިތްގައިމު ރަށް،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ހުރި ބައެއް މީހުންގެ ނަޒަރުގައި އެއީ ނުއަގެކެވެ.
"މާލެ ކައިރީގައި އޮތް ރަށެއް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލާނެ ކަމަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލެއް ނުކުރާނެ. އެ ރަށުން މަދުވެގެން ދިހަ ވަރަކަށް މިލިއަން ޑޮލަރު ލިބޭނެ،" ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީގެ ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
ކުރީގެ ޔޫތު މިނިސްޓަރު އަދި އެމްއެމްޕީއާރުސީ ހިންގެވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި މުހައްމަދު މަލީހު ޖަމާލު ވެސް ވަނީ އެ އަގާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
"ޗެލެންޖްކޮށްފައި މި ދަންނަވަނީ މާދަމާ ފޭދޫފިނޮޅު ބިޑަކަށް ހުޅުވާލިޔަސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 15 މިލިއަން ޑޮލަރު ވަރު ލިބޭނެ" މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މާލެ އަތޮޅުން ރަށްރަށް ހުސްވެ، އެހެން އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރި އިރު ވެސް ކުޑަބަނޑޮހާއި ފޭދޫފިނޮޅު އޭރުގެ ސަރުކާރުތަކުން ބޭއްވީ ވިއްކާނުލެވޭތީއެއް ނޫނެވެ. އޭރު ވެސް އެ ރަށްރަށަށް ލޯ އަޅަމުން ދިޔަ، އަމިއްލަ މުއްސަނދިކަން އިތުރުކުރަން ބޭނުން ކިތައްމެ ބަޔަކު ޓޫރިޒަމް ދާއިރާގައި އުޅުނެވެ.
އެކަމަކު ވެރިރަށުގައި ދިރިއުޅޭ އާންމުންނަށް ދަތުރު ދެވޭނެ ރަށެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވުނެވެ. ކޮންމެ ކަމެއް އިގުތިސާދީ ފައިދާއަށް ގުރުބާން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ސަރުކާރުގެ ވެރިން ވިސްނުމަކީ އާންމު އުފަލަށް ވުރެ މާލީ ފައިދާ އިސްކުރުމެވެ. އެއީ ސިޔާސަތު ކަނޑައަޅާ މީހުންގެ އެންމެ ގޯސް އެއް ވިސްނުމެވެ.
އަހަރެމެންނަށް ފަޅުރަށެއް ވެސް، ތުނޑިއެއް ވެސް ނެތް!
އަހަރެމެންނަށް މި ގޮތް! ސަރުކާރުތަކުގެ ލަދު ކޮބާ؟
ޕިކްނިކް ރަށެއްގެ ގޮތުގައި ފޭދޫފިނޮޅު ބާއްވަން އެދެފި
ޒަމީރަށް އޮތް ޔަގީންކަމަކީ ޕްރޮޖެކްޓްތައް އަވަސްވާނެކަން
ޕިކްނިކް ދާނެ ރަށްތަކެއް ސަރުކާރުން ހަމަޖައްސަނީ
ފުވައްމުލަކުގައި 500 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަނީ
އެފްރިކާ އިން ގަމަށް ނޮވެމްބަރު މަހު ދަތުރުތައް ފަށަނީ
ފަރެސްމާތޮޑާގައި އެއާޕޯޓު އަޅާ ބިންހިއްކަން ހަވާލުކޮށްފި
ވޯލްޑްކަޕާ ދިމާކޮށް ރަޝިޔާގައި ރާއްޖެ އިސްތިހާރު ކުރަނީ
އެއާޕޯޓަކާއި ސިޓީހޮޓަލަކާއެކު ފައިނުގައި ބޮޑު މަޝްރޫއެއް