Roadha Mihaaru
ޓޫރިސްޓަކަށް އަނިޔާވެ ނުހިނގިފައި؛ މައްސަލަ ޕޮލިހަށް

ރިސޯޓެއްގެ ފާލަމުން ވެއްޓުނު ޓޫރިސްޓަކު ޒަހަމްވެ ނުވެސް ހިނގޭ؛ މައްސަލަ ޕޮލިހަށް

12 މެއި 2022

ގއ. އަތޮޅުގައި އޮންނަ ރިސޯޓެއްގެ ފާލަންމަތިން ޓޫރިސްޓަކު ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެ ރިސޯޓްގެ އިހުމާލުތަކެއްވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގއ. އަތޮޅުގައި އޮންނަ ރިސޯޓެއްގެ ފާލަންމަތިން ޓޫރިސްޓަކު ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެ ރިސޯޓްގެ އިހުމާލުތަކެއްވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށަށް ޗުއްޓީ ހޭދަކުރަން މިދިޔަ މާޗު މަހު ދިޔަ 50 އަހަރުން މަތީގެ އެމެރިކާގެ އަންހެން ޓޫރިސްޓަކަށެވެ. އެ ހާދިސާ ހިނގީ ރިސޯޓްގެ މޫދު ކޮޓަރިތަކާ ގުޅާލާފައި އޮންނަ ފާލަންމަތީ އެ މީހާ ބައިސްކަލެއް ދުއްވާފައި ދަނިކޮށެވެ.

އެކަން ހިނގި ގޮތް އެނގޭ މީހަކު "މިހާރު" އަށް ބުނީ، ފާލަންމަތިން ވެއްޓުނީ ބައިސްކަލްގައި ދަނިކޮށް ކުރިމަތިން ދުއްވާފައި ދިޔަ ބަގީއަކުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ކަމަށެވެ. ބައިސްކަލާ އެކު ޓޫރިސްޓް މީހާ ވެއްޓުނީ މޫދަށެވެ. އެ ތަނުގައި ގަލާއި މުރަކަ ވަރަށް ގިނައިން ހުރުމުން އޭނާ އަށް ބޮޑެތި އަނިޔާތަކެއްވި ކަމަށް ބުންޏެވެ.

ޓޫރިސްޓް މީހާ މޫދަށް ވެއްޓުމުން ވެސް ބަގީގައި ތިބި ރިސޯޓްގެ ދެ މުވައްޒަފުން އެހީނުވި ކަމަށާއި އެހީވީ އެހެން ދެ މުވައްޒަފެއް ކަމަށް ބުންޏެވެ.

އަނިޔާވި ޓޫރިސްޓް ތުހުމަތުކުރަނީ ވެސް ރިސޯޓުން އޭނާ އަށް އެކަށީގެންވާ ސިއްހީ ފަރުވާ އާއި އެހީތެރިކަން ނުދިން ކަމަށެވެ.

އަނިޔާވި މީހާ ވަނީ މިދިޔަ މަހު 10ގެ ނިޔަލަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ވެސް ހޯދައިފަ އެވެ. ޑޮކްޓަރުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މައިބަދަ އަށް ވަރަށް ބޮޑަށް ގެއްލުންވެ، މޭކަށިތައް ވަނީ ބިނދިފަ އެވެ. އޭނާ އަށް ހިނގާބިނގާވެ ވެސް ނޫޅެވެ އެވެ.

މިދިޔަ މަހު އެ މީހާ އެމެރިކާ އަށް ގެންގޮސްފައި ވަނީ ވެސް އަމިއްލަ އަށް އެއާ އެމްބިއުލާންސެއް ޗާޓަރު ކޮށްގެންނެވެ. ޓޫރިސްޓުގެ އާއިލާއިން އެކަމަށް ބޮޑު ހަރަދެއް ކޮށްފައިވާއިރު، ޓްރީޓޮޕް ބިލަށް ވެސް ބޮޑު އަދަދެއް އެރި ކަމަށްވެ އެވެ.

އެނބުރި ގައުމަށް ގޮސް، އޭނާ މިހާރު ވަނީ އެމެރިކާގައި މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. ނަމަވެސް, އަދިވެސް އޭނާ އަށް ނުހިނގޭ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އެ ހާދިސާގައި ރިސޯޓްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ގަބޫލުކުރާތީ، އެކަމުގެ ބަދަލު ހޯދުމަށް އޭނާ ވަނީ ރާއްޖެއިން ވަކީލުންތަކެއް ވެސް އައްޔަންކޮށްފަ އެވެ. އެ މައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ ދިވެހި ލޯފާމެއް ކަމަށްވާ "ދިވެހި ޗެމްބާސް" އިންނެވެ. މިދިޔަ މަހު ފުލުހަށް މައްސަލަ ހުށަހެޅީ އެ ލޯފާމުގެ ފަރާތުންނެވެ.

ދިވެހި ޗެމްބާސްގެ ވަކީލް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު "މިހާރު" އަށް ވިދާޅުވީ ފުލުހަށް ހުށަހެޅި މައްސަލަ އަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އެ ލޯ ފާމުން ރިސޯޓާ ގުޅިގެން އެކަމުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އައި ނަމަވެސް، ރިސޯޓްގެ އެއްބާރުލުން ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިސޯޓްގެ އެއްބާރުލުން ނުލިބިއްޖެ ނަމަ، އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރިސޯޓްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.