Roadha Mihaaru
މިޔަރެއްގެ ހަމަލާގައި ޓޫރިސްޓަކު ޒަހަމްވެއްޖެ

މިޔަރެއްގެ ހަމަލާގައި ޓޫރިސްޓަކު ޒަހަމްވެއްޖެ

22 ޖޫން 2023

އެނބޫދޫ ކައިރީގައި ފީނަން އުޅުނު ޓޫރިސްޓެއްގެ އަތުގައި މިޔަރެއް ދަތްއަޅައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެނބޫދޫ ކައިރީގައި ފީނަން އުޅުނު ޓޫރިސްޓެއްގެ އަތުގައި މިޔަރެއް ދަތްއަޅައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

މިޔަރުގެ ހަމަލާގައި ޒަހަމްވި އަންހެން މީހާ ފޮރިން މިނިސްޓްރީ ކައިރިން ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާގެ ކަނާއަތުގެ އުޅަބޮއްޓާ ދިމާލުން ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އެތަނުން ލޭ މަނާ ނުވެ ލޭތައް ފައިބަމުން ދާތީ ފެނެ އެވެ. ޒަހަމްވި މީހާއާ އެކު އެހެން ޓޫރިސްޓުންތަކެއް ހާސްކަންމަތީ އުޅޭތީ ވީޑިއޯގައި ފެނެ އެވެ.

ޕިކަޕުގައި އެ މީހާ ގެންދަން އުޅެނިކޮށް އެމްބިއުލާންސް އައުން އޭނާ ގެންދިޔައީ އޭގަ އެވެ.

މި ހާދިސާ ހިނގީ އަންހެން މީހާ އިތުރު ބަޔަކާ އެކު ފީނަން ގޮސް އުޅެނިކޮށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި މިއީ ކ. މާފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ބައެކެވެ.

މި ހާދިސާއާ ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި މައުލޫމާތެއް ނުލިބެ އެވެ.

ރާއްޖޭގެ ކަނޑުތަކުގައި މިޔަރު މާގިނަވެ، މަސްވެރިންނާއި ޓޫރިސްޓުންނަށް ވެސް ނުރައްކާވެފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ މަސް ދުވަސް ކުރިން ވެސް ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.