Roadha Mihaaru
ކުރިއަށް އޮތީ މޫސުން ގޯސް ހަފުތާއެއް

ކުރިއަށް އޮތީ މޫސުން ގޯސް ހަފުތާއެއް؛ ކަނޑުތައް ގަދަވާނެ!

14 މެއި 2022

ކުރިއަށް އޮތް ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރިއަށް އޮތް ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއަދު ރާއްޖޭގެ އުތުރާއި މެދުތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ، ރާއްޖޭގެ އުތުރަށް ހުދު ސަމާލު އަދި މެދު ތެރެއަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.

އުތުރާއި މެދުތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް ވިދާޅުވި އެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް، ހުޅަނގު ދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ހުރިހާ ހިސާބަކަށް ވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

ވިއްސާރަ ވެހި ފެންބޮޑުވެފައި އޮތް ދުވަހެއްގައި މާލޭގެ މަގެއް މަތިން ބަޔަކު ސައިކަލު ދުއްވާފައި ދަނީ: މާލެ ސަރަހައްދަށް ވަނީ ރީނދޫ ސަމާލު ނެރެފައި -- ފޮޓޯ: މިހާރު

ވިއްސާރަ ވެހި ފެންބޮޑުވެފައި އޮތް ދުވަހެއްގައި މާލޭގެ މަގެއް މަތިން ބަޔަކު ސައިކަލު ދުއްވާފައި ދަނީ: މާލެ ސަރަހައްދަށް ވަނީ ރީނދޫ ސަމާލު ނެރެފައި -- ފޮޓޯ: މިހާރު

ކަނޑު ގަދަ؛ ސަމާލުވޭ!

ދެކުނުގެ ކަނޑުތައް މަޑުވިޔަސް، އުތުރާއި މެދުތެރޭގެ ހިސާބުތަކަށް އާންމުގޮތެއްގައި ކަނޑުގަދަވާނެ އެވެ. ދެކުނުގައި ރާޅުގެ އުސްމިނުގައި 4-2 ފޫޓް ހުންނާނެއިރު، އުތުރާއި މެދު ތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 5-8 ފޫޓްގައި ކަމަށް ލަފާކޮށްފައިވެ އެވެ.

މެޓްގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަފުތާގައި މުޅި ރާއްޖެ އަށް ވެސް އާންމުގޮތެއްގައި ކަނޑުގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރެއްވި އެވެ.

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން، މޫސުމީ އެލާޓްތަކުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރަތް ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރަށް ވުރެ ކުޑަ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެކެވެ.

ރާއްޖެ އަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ރާއްޖެ އަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މެޓުން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ކަމަށް ބަލަނީ ޖެނުއަރީ މަހުން ފަށައިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ފެށޭ ކަމަށް ބަލަނީ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

މި އަހަރުގެ އިރުވައި މޫސުމުގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ނުވެހި މަހަކަށް ވުރެ ގިނަ ދުވަސްވީއިރު ވަރަށް ހޫނު ގަދަވި އެވެ. އޭގެ ފަހުން، މިދިޔަ މަހު ފަހުކޮޅުގައި ވިއްސާރަކުރި އެވެ. ނަމަވެސް، އެ ވިއްސާރަ މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދެ އެވެ.