Roadha Mihaaru
ތަމަޅަ އެކްޓްރެސްއެއް މަރުވި ގޮތާ މެދު ޝައްކުތަކެއް

ތަމަޅަ އެކްޓްރެސްއެއް މަރުވި ގޮތާ މެދު ޝައްކުތަކެއް އުފެދިއްޖެ

15 މެއި 2022

ތަމަޅަ އެކްޓްރެސް ސަހާނާ މަރުވި ގޮތާ މެދު ޝައްކުތަކެއް އުފެދިއްޖެ އެވެ.

ތަމަޅަ އެކްޓްރެސް ސަހާނާ މަރުވި ގޮތާ މެދު ޝައްކުތަކެއް އުފެދިއްޖެ އެވެ.

ސަހާނާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ އޭނާ އަށް 21 އަހަރު ފުރުނު ދުވަހެވެ. އޭނާ މަރުވީ އަމިއްލަ ކަމަށް ފުރަތަމަ ރިޕޯޓް ކުރިޔަސް، އޭނާގެ މަރާ ގުޅިގެން މިހާރު ވަނީ ޝައްކުތަކެއް އުފެދިފަ އެވެ.

ސަހާނާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ ގޭގެ ކުޑަދޮރުގައި ވާގަނޑެއް އައްސައިގެންނެވެ.

އެކަމަކު އޭނާ އަމިއްލަ އަށް މަރުވީ ނޫން ކަމަށް ބެލެވި، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ސައްޖަދު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ސަހާނާގެ އާއިލާ އިން ތުހުމަތުކުރަނީ ފިރިމީހާ އޭނާ މަރާލީ ކަމަށެވެ.

އޭނާގެ މަންމައާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނީ ސަހާނާ އަށް އޭނާގެ ފިރިމީހާ އަނިޔާކޮށް، ކާންނުދީ ގެންގުޅޭ ކަމަށެވެ.

އެ ދެމަފިރިން އުޅެމުން އައި ގޭގެ ވެރިޔާ ބުނި ގޮތުގައި، ސަހާނާގެ ފިރިމީހާ އެހީ އަށް ގޮވާ އަޑުއިވިގެން ދިޔައިރު ސަހާނާ އޮތީ އޭނާގެ އުނގުގައި ހަރަކާތް ހުސްވެފައި ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދަން އަންގައި، ފުލުުހަށް ރިޕޯޓްކުރީ އެ ހިސާބުންނެވެ.

އާއިލާއިން ބުނާ ގޮތުގައި ސަހާނާ އާއި އޭނާގެ ފިރިމީހާގެ ދެމެދުގައި މައްސަލަތަކެއް ޖެހުނީ ސަހާނާ އަށް ލިބޭ އާމްދަނީ އެއްވެސް ބެލުމެއް ނެތި ހަރަދުކުރާ މައްސަލައިގަ އެވެ. އޭނާގެ ފިރިމީހާ އަކީ އެއްވެސް މަސައްކަތެއް ކުރާ މީހެއް ނޫނެވެ.

ގެވެށި އަނިޔާކުރުމާއި މީހަކު މަރާލި ކަމުގެ ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު، ސަހާނާ ވަނީ ގިނަ އަދަދެއްގެ ގަހަނާ އިޝްތިހާރުތައް ކުޅެފަ އެވެ. އަދި މާޝަލް އާޓްސް ކޯޗް، ޖޯލީ ބަސްޓިއަން ޑައިރެކްޓްކުރި ތަމަޅަ ފިލްމު "ލޮކްޑައުން" ގައި ވެސް އުޅުނު ސަހަނާ ވަނީ މަލަޔާލަމް ބަހުގެ ދެ ފިލްމެއް ވެސް ކުޅެފަ އެވެ.

ސަހާނަ އާއި އޭނާގެ ފިރިމީހާ ކައިވެނިކުރީ މީގެ ދޮޅު އަހަރެއް ކުރިންނެވެ.