Roadha Mihaaru
ދެމަފިރިއަކު ބުނަނީ ދަނުޝްއަކީ އެމީހުން ދަރިއެއް ކަމަށް

ދެމަފިރިއަކު ބުނަނީ ދަނުޝްއަކީ އެ މީހުންގެ ދަރިއެއް

23 މެއި 2022

އިންޑިއާގެ ދެމަފިރިއަކު، ތަމަޅަ ފިލްމުތަކުގައި މަޝްހޫރު ދަނުޝް އަކީ އެ މީހުންގެ ދަރިއެއް ކަމަށް ބުނެފި އެވެ.

އިންޑިއާގެ ދެމަފިރިއަކު، ތަމަޅަ ފިލްމުތަކުގައި މަޝްހޫރު ދަނުޝް އަކީ އެ މީހުންގެ ދަރިއެއް ކަމަށް ބުނެފި އެވެ.

ތަމަޅަ ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް އެކްޓަރު ކަމަށްވާ، ދަނުޝް އަކީ އެމީހުންގެ އަމިއްލަ ދަރިއެއް ކަމަށް ބުނަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ މަދުރާއީގެ ދެމަފިރިއެކެވެ.

އެ ދެމަފިރިންގެ ދަރިއެއް ކަމަށް ބުނެ ދޮގު ޚަބަރު ފަތުރާ ކަމަށް ބުނެ ދަނުޝްގެ ބައްޕަ، ކަސްތޫރީ ރާޖާ ވަނީ އެ މީހުންނަށް ގާނޫނީ އިންޒާރުދީފަ އެވެ.

ދަނުޝް އާއި އޭނާގެ އާއިލާގެ މެމްބަރުން.

ދަނުޝް އާއި އޭނާގެ އާއިލާގެ މެމްބަރުން.

ދަނުޝްގެ ބައްޕަގެ ފަރާތުން ވަކީލަކު އެ ދެމަފިރިންނަށް ފޮނުވި ނޯޓިސްގައި ބުނީ ދޮގު ޚަބަރު ފެތުރުމާ އެކު އެމީހުންގެ އަބުރު ކަތިލަމުން ދާތީ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ދޮގު ޚަބަރުތައް ފަތުރައި، އެމީހުންގެ އާއިލާގެ އަގުވައްޓާލަމުން ދާތީ އެ އާއިލާގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން އެ ދެމަފިރިންގެ މައްސަލަ ކޯޓަށް ހުށަހަޅާ ކަމަށް ވެސް އެ ނޯޓިސްގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ދަނުޝް އާއި އޭނާގެ ބައްޕަ، އެ ދެމަފިރިންގެ ފަރާތުން އެދިފައި ވަނީ، އެ މީހުން މާފަށް އެދި ބަޔާނެއް ނެރުމަށެވެ.

އެ ނޯޓިސްގައި އެމީހުން ވަނީ ދަނުޝްގެ އަގުވައްޓާލުމުގެ ސަބަބުން އެ އާއިލާ އަށް 10 ކްރޯޑް ރުޕީސް ދައްކަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެެވެ.

މެލޫރް ޖުޑިޝަލް މެޖިސްޓްރޭޓް ކޯޓަށް 2016 ވަަނަ އަހަރުގެ ތެރޭގައި އެ ދެމަފިރިން ވަނީ ދަނުޝް އަކީ އެމީހުންގެ ދަރިއެެއް ކަމަށާއި ހަރަދު ނުދޭ ކަމަށް ބުނެ މައްސަލަ ހުށަހަޅައިފަ އެވެ.

ދަނުޝް އަކީ އެމީހުންގެ ދަރިއެއް ކަމަށް ބުނާ ދެމަފިރިން.

ދަނުޝް އަކީ އެމީހުންގެ ދަރިއެއް ކަމަށް ބުނާ ދެމަފިރިން.

ލަތިރެސަން އާއި މީނާކްޝީ ކިޔާ އެ ދެ މީހުން ބުނާ ގޮތުގައި ދަނުޝް އަކީ އެމީހުންނަށް ލިބުނު ތިން ދަރިންގެ ތެރެއިން އެއް ކުއްޖެކެވެ. ދަނުޝްގެ އަސްލު ނަމަކީ ކަލައިސެލްވަން އެވެ. މެލޫރުގައި ސާނަވީ ތައުލީމު ހާސިލުކުރުމަށް ފަހު، މަތީ ސާނަވީ ކިޔެވުމަށް ޕްރައިވެޓް ސްކޫލެއްގައި އުޅުމަށް ފަހު، ކެނޑިގެން ފިލްމީ ދާއިރާ އަށް ނިކުތީ، ދަނުޝް މިހާރު ބައްޕަ ކިޔައި ކަސްތޫރީގެ އެހީގައި ކަމަށް ބުންޏެވެ.

ފިލްމީ ދާއިރާއިން އެތައް އެވޯޑެއް ހޯދާފައިވާ ދަނުޝް އެ މީހުންނަށް ގެއްލުނީ ޗެންނާއީ އަށް ފިލްމު ކުޅެން ދިޔަ ފަހުން ކަމަށާއި އެއީ އެމީހުންގެ ދަރިންކަން އެނގުނީ ފިލްމެއް ބަލަނިކޮށް ކަމަށް އެމީހުން ބުންޏެވެ. އެ މީހުން ވަރަށް ނިކަމެތި ހާލުގައި އުޅެތީ އެދުނީ މަހަކު 65،000ރ. އެމީހުންނަށް ދަނުޝް ދިނުމަށެވެ.

ހެކީގެ ގޮތުގައި އެމީހުން ވަނީ ދަނުޝްގެ ކުޑައިރުގެ ފޮޓޯ ކަމަށް ބުނާ ފޮޓޯތަކެއް ވެސް އޭރު އާންމުކޮށްފަ އެވެ.

އެ ދެމަފިރިން ބުނާ ގޮތުގައި ދަނުޝް ހުރީ ނޫކުލައިގެ ގަމީހުގައި.

އެ ދެމަފިރިން ބުނާ ގޮތުގައި ދަނުޝް ހުރީ ނޫކުލައިގެ ގަމީހުގައި.

އެ މައްސަލަ 2017 ވަނަ އަހަރު ކޯޓުން ނިންމީ ދަނުޝްގެ މައިންބަފައިންނަކީ އެ ދެމަފިރިން ނޫން ކަމަށެވެ. އެކަމަކު އެ ދެމަފިރިން ބުނާ ގޮތުގައި ދަނުޝްގެ މައިންބަފައިން ކަމަށް ބުނާ މީހުން ހުށަހެޅީ ފޭކު އުފަންދުވަހުގެ ސެޓްފިކެޓެކެވެ.

އުމުރުން 38 އަހަރުގެ ދަނުޝް އަކީ ތަމަޅަ ފިލްމުތައް ޕްރޮޑިއުސްކޮށް، ޑައިރެކްޓް ވެސް ކުރަމުން އަންނަ ތަރިއެކެވެ. އައިޝްވާރިޔާ ރަޖްނީކާންތާ ކައިވެނިކޮށް، އެމީހުންނަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.