Roadha Mihaaru
ފިންލޭންޑް، ނޭޓޯއާ ގުޅުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް

ފިންލޭންޑް، ނޭޓޯއާ ގުޅުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް: ޕުޓިން

15 މެއި 2022

ރަޝިޔާގެ ހުޅަނގު އުތުރުން އިންވެގެން އޮތް، ނޯޑިކް ސަރަހައްދުގެ ފަސް ގައުމުގެ ތެރެއިން ފިންލޭންޑް، ނޭޓޯއާ ގުޅުމަށް މަސައްކަތް ކުރުމަކީ އެ ގައުމުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިންޒާރު ކުރައްވައިފި އެވެ.

ރަޝިޔާގެ ހުޅަނގު އުތުރުން އިންވެގެން އޮތް، ނޯޑިކް ސަރަހައްދުގެ ފަސް ގައުމުގެ ތެރެއިން ފިންލޭންޑް، ނޭޓޯއާ ގުޅުމަށް މަސައްކަތް ކުރުމަކީ އެ ގައުމުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިންޒާރު ކުރައްވައިފި އެވެ.

ފިންލޭންޑްގެ ރައީސް ސައުލީ ނީނިސްޓޯއާ އެކު އިއްޔެ ފޯނުން ކުރެއްވި މަޝްވަރާތަކުގައި، ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ފިންލޭންޑް މިހާރު އޮތް ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ދޫކޮށްލުމަކީ، އެ ގައުމުން ހަދާ ވަރަށް ބޮޑު ގޯހަކަށް ވާނެ އެވެ. ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ފިންލެންޑްގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތެވެ.

ރަޝިޔާއާ، 800 މޭލުގެ ދިގު ސަރަހައްދަކުން ގުޅިފައި އޮތް ފިންލޭންޑަށް، ނޭޓޯގެ މެމްބަރުކަން ލިބުމުން އެ ގައުމުގެ ސަލާމަތަށް ލިބޭނެ ފައިދާތަކާ ގުޅޭ ރިޕޯޓެއް، އެ ގައުމުގެ ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެ ރިޕޯޓާ ބެހޭ ގޮތުން ގާނޫނު ހަދާ މަޖިލީހުން މިހާތަނަށް ވަކި ގޮތެއް ނުނިންމާއިރު، އެ ގައުމުގެ ރައީސް ސައުލީ ނިނީސްޓޯ އާއި ބޮޑުވަޒީރު ސަންނާ މާރިން މިދިޔަ ހަފުތާގައި ވަނީ، ނޭޓޯގައި ފިންލެންޑް ބައިވެރިވުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުން އެކަމަށް ހުއްދަ ދިނުމާ އެކު، ނޭޓޯގެ މެމްބަރުކަން ހޯދުމަށް ރަސްމީކޮށް ހުށަހެޅުމުގެ ދައުވަތު، އެ ޖަމާއަތުން ފިންލޭންޑަށް ދޭނެ އެވެ. ނޭޓޯގެ މެންބަރުކަން ހޯދުމަށް ފިންލޭންޑުން މަސައްކަތް ކުރާއިރު، ޖެހިގެން އޮތް ސްވިޑްން ވެސް އެ ޖަމާއަތުގައި ބައިވެރިވާން ބޭނުންވެ އެވެ.

ނޭޓޯގެ މެމްބަރު ގައުމުތަކާ ކައިރީގައި އޮތް ނަމަވެސް، ފިންލޭންޑް މިހާތަނަށް އޮތީ އެމެރިކާ އާއި ރަޝިޔާ އަށް ވެސް ތާއީދު ނުކުރާ، ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގަ އެވެ. ނަމަވެސް، ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެ ގައުމުގެ ސިޔާސީ ދާއިރާގައި ވާހަކަ ދެކެވެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

އޭގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ރަޝިޔާގެ އުދުވާނަކުން ރައްކާތެރިކަން ހޯދުމުގެ ބޭނުމުގައި، ނޭޓޯގެ މެމްބަރުކަން ހޯދުމަށް ފިންލޭންޑް މިހާރު މާ ބޮޑަށް ބޭނުންވެ އެވެ.

ނޭޓޯގައި ބައިވެރިވުމާ ބެހޭ ގޮތުން ފިންލެންޑުގެ ރައީސާއި ބޮޑުވަޒީރު ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، ފިންލެންޑަށް ނޭޓޯގެ މެމްބަރުކަން ލިބިއްޖެ ނަމަ، އެ ގައުމުގެ ސަލާމަތީ ރައްކާތެރިކަން ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ފިންލެންޑުގެ ބައިވެރިވުމާ އެކު ނޭޓޯގެ ދިފާއު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ޕުޓިން އިއްޔެ ފިންލޭންޑްގެ ރައީސާ އެކު ދެއްކެވި ވާހަކައިގައި ވެސް، ފިންލޭންޑް ނޭޓޯއާ ގުޅިއްޖެ ނަމަ، ރަޝިޔާ އިން އަޅާނެ ފިޔަވަޅަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ފިންލޭންޑުން އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ، ރަޝިޔާ އިން ބަދަލު ހިފާނެ ކަމަށް، ރަޝިޔާގެ ޚާރިޖިއްޔާ އިން ވަނީ ބުނެފަ އެވެ.

ނޭޓޯއާ ގުޅުމުގެ މައްސަލައިގައި ފިންލޭންޑާއި ރަޝިޔާއާ ދެމެދު މަސްރަހު ގޯސްވެފައި ވަނިކޮށް، ރަޝިޔާ އިން އިއްޔެ ވަނީ އެ ގައުމުން ފިންލޭންޑަށް ފޯރުކޮށްދެމުން އައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިފަ އެވެ.