Roadha Mihaaru
ގެއްލުން ދޭތީ ދަރަނބޫދޫގެ ދަނޑުވެރިކަން ހުއްޓިދާނެ

ގެއްލުން ދޭތީ ދަރަނބޫދޫގެ ދަނޑުވެރިކަން ހުއްޓިދާނެ

16 މެއި 2022

ފ. ދަރަނބޫދޫގެ ދަނޑުތަކަށް ދޭ ގެއްލުމާ ހެދި ދަނޑުވެރިކަން ހުއްޓިދާނެތީ އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފ. ދަރަނބޫދޫގެ ދަނޑުތަކަށް ދޭ ގެއްލުމާ ހެދި ދަނޑުވެރިކަން ހުއްޓިދާނެތީ އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުލްހަމީދު އާދަމް "މިހާރު" އަށް ވިދާޅުވީ ފ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށުގެ ތެރެއިން އަތޮޅުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަނީ ދަރަނބޫދޫގައި ކަމަށެވެ.

ކައިރި ރަށްރަށަށް އެއްޗެހި ފޮނުވައިގެން އާމްދަނީ ހޯދާ ގިނަ ބަޔަކު އެ ރަށުގައި އުޅުނަސް ޖެހިޖެހިގެން ތިން ރޭ ދަރަނބޫދޫގެ ދަނޑުތަކަށް ގެއްލުން ދީފައިވާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރެ އާއި ހޮނިހިރު ދުވަހުގެ ރޭ އަދި ރޭ ވެސް ދަރަނބޫދޫގެ އެކި ދަނޑުތަކަށް ވަދެ، ފަޅޯ ގަސްތައް ބުރިކޮށްލާފައިވެ އެވެ.

އެންމެ ފުރަތަމަ ގެއްލުންދިނީ ރަށުގެ އިރުމަތީފަރާތުގައި އޮތް، ދެ މީހެއްގެ ތިން ދަނޑަކަށެވެ. ޖެހިގެން އައި ރޭ ގެއްލުން ދިނީ ރަށުގެ ހުޅަނގު ފަރާތުގައި އޮތް ފަޅޯ ދަނޑަކަށެވެ. އެ ދަނޑުން 20 ފަޅޯގަސް ބުރިކޮށްލާފައިވެ އެވެ.

ސައިކަލެއްގައި ވަދެ ރޭ ގެއްލުންދިނީ ރަށުގެ އިރުމަތީ ފަރާތުގައި އޮތް ފަޅޯ ދަނޑެއްގެ 12 ގަހަކަށެވެ. ކައުންސިލުން ބުނި ގޮތުގައި އެ ގަސްތަކުގައި ހުރީ ފަޅޯ އަޅައި ފޯދިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަރަނބޫދޫ ކައުންސިލް އަދި ދަނޑުވެރިންނާ މަޝްވަރާކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އަދި މީހަކު ހައްޔަރުނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދަރަނބޫދޫގެ ދަނޑަކަށް ރޭ ގެއްލުން ދީފައި.-- ފޮޓޯ: ދަ ނިއުސް

ދަރަނބޫދޫގެ ދަނޑަކަށް ރޭ ގެއްލުން ދީފައި.-- ފޮޓޯ: ދަ ނިއުސް

ހަމީދު ވިދާޅުވީ ދަނޑުތަކަށް ގެއްލުން ދެނީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ. އެކަމަކު ފައިވާނުގެ ފިޔަވަޅުތަކަށް ބަލާއިރު އެކަން ކޮށްފައިވަނީ އެއްބަޔަކު ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަޅޯ ގަހެއް މި ފޯދެނީ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ މަސައްކަތުން. ދަނޑުވެރިން ބުރަ މަސައްކަތުން ހައްދާ ދަނޑުތަކަށް މި ގޮތަށް ގެއްލުންދޭނަމަ މިކަން ހުއްޓިދާނެތީ ކަންބޮޑުވޭ. އޭގެ ގެއްލުން މި އަތޮޅުގެ އެހެން ރަށްތަކަށް ވެސް ކުރާނެ،" ހަމީދު ވިދާޅުވި އެވެ.

ފ. އަތޮޅުގައި އެންމެ ފުޅާދާއިރާގައި ދަނޑުވެރިކަން ކުރާ ދަރަނބޫދޫގެ ދަނޑުތަކަށް މީގެ 2-3 އަހަރު ކުރިން ވެސް ގެއްލުންދިނެވެ. ގަސް ބުރިކޮށްލުމުގެ ބަދަލުގައި އޭރު ގެއްލުންދިނީ ގަސްގަހުގައި އަޅާ އެއްޗެހި ބިނދެގެންނެވެ.

ދަރަނބޫދޫގެ ދަނޑަކަށް ރޭ ގެއްލުން ދީފައި.-- ފޮޓޯ: ދަ ނިއުސް

ދަރަނބޫދޫގެ ދަނޑަކަށް ރޭ ގެއްލުން ދީފައި.-- ފޮޓޯ: ދަ ނިއުސް

ވަރަށް މާޔޫސްވެއްޖެ، ގެއްލުންދޭ މީހެއް ނުހޯދޭ

ދަރަނބޫދޫގައި ދަނޑު ހައްދާތާ ވިއްސަކަށް އަހަރުވެފައިވާ މީހަކު ބުނީ ވޯޓާ ދިމާކޮށް އެ ރަށުގެ ދަނޑުތަކަށް މީގެ ކުރިން ވެސް ގެއްލުން ދީފައިވާ ކަމަށެވެ. މި ފަހަރު ގެއްލުންދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އޮތް ދުވަހުގެ ކުރީ ރެ އެވެ.

މި ހަމަލާތަކުގައި އޭނާގެ ދަނޑަށް 5،000ރ. ގެ ގެއްލުމެއް ލިބުނެވެ.

އޭނާ ބުނީ މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބަކާ ދިމާކޮށް ކަރާ ނުކަނޑައި އޮއްވާ އެ ދަނޑަށް ވަރަށް ބޮޑު ގެއްލުމެއް ދިން ކަމަށެވެ.

"މާލެ އަދި ކައިރި ރަށްތަކަށް މި އެއްޗެހި ފޮނުވަނީ. އެކަމަކު ވަރަށް ދެރަވެފައި މިހާރު މި ހުންނަނީ. މި މަސައްކަތް ކުރިއަކަސް ކުރިއެރުމެއް ނުލިބޭ. އެ މީހުން ހޯދެނީއެއް ނޫން. ޖެހިޖެހިގެން ތިން ރޭ އެ ގެއްލުންދިނީ. ޝައްކުވާ މީހަކު ވެސް ނެތް،" ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި ދަނޑުވެރިޔާ ބުންޏެވެ.