Roadha Mihaaru
ކެންދޫގައި ނަރުދަމާގެ މަސައްކަތް ފަށަނީ

ކެންދޫގައި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ފަށަނީ

16 މެއި 2022

ބ. ކެންދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދަން ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބ. ކެންދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދަން ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކެންދޫގައި ނަރުދަމާ ނިޒާމު އެޅުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ސާމާނު ވެސް އެ ރަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މި ވަގުތު އެ ރަށުގައި ކުރަމުން އަންނަނީ ފެނާއި ނަރުދަމާގެ ނިޒާމުގައި ހިމެނޭ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް ހެދުމުގެ މަސައްކަތެވެ.

ބ. ކެންދޫ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދަނީ. -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ބ. ކެންދޫ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދަނީ. -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މި މަޝްރޫއުގެ ދަށުން، ބޯފެން ދޫކުރުމަށް އެ ރަށުގައި 26.5 ކިލޯ މީޓަރުގެ ފެންހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ޕްލާންޓްގެ ބެހެއްޓުން ހިމެނެ އެވެ. އާރުއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމު ކުރުމާއި 556 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަން އަދި ސީ އައުޓް ފޯލްއެއް ވެސް ހަދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ބ. ކެންދޫ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދަނީ. --ފޮޓޯ:އެމްޑަބްލިއުއެސްސީ

ބ. ކެންދޫ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދަނީ. --ފޮޓޯ:އެމްޑަބްލިއުއެސްސީ

ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ވެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކެންދޫގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 24.5 މިލިއަން ރުފިޔާ އެވެ.