Roadha Mihaaru
ބޮޑު ކުށްތަކުގައި ކުޑަކުޑަ ކުދިން:ގާނޫނުގެ އަތް ނުފޯރާ

ބޮޑެތި ކުށްތަކުގައި 15 އަހަރުނުވާ ކުދިން: ގާނޫނުގެ އަތް ބަނދެވިފައި!

18 މެއި 2022

ނުރައްކާތެރި ހަތިޔާރު ހިފައިގެން ރޯމާ ދުވާލު މާލޭގެ މަގުމަތީގައި މާރާމާރީ ހިންގަމުން އެ ދަނީ އެ ސާނަވީ ތައުލީމަށް ކިރިޔާ އުމުރު ހަމަވާ ވަރުގެ ކުޑަކުދިންނެވެ. މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކުން ވެސް ބޭނުން ކުރަނީ އެ ކުދިންނެވެ. މުޖްތަމައުގެ ލޯބި ލިބެންޖެހޭ ފަދަ އުމުރެއްގައި ތިބި އެ ކުދިން މިއަދު ވެފައި އޮތީ މުޖްތަމައުއަށް އޮތް ބޮޑު ބިރުވެރި ކަމަކަށެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނުރައްކާތެރި ހަތިޔާރު ހިފައިގެން ރޯމާ ދުވާލު މާލޭގެ މަގުމަތީގައި މާރާމާރީ ހިންގަމުން އެ ދަނީ އެ ސާނަވީ ތައުލީމަށް ކިރިޔާ އުމުރު ހަމަވާ ވަރުގެ ކުޑަކުދިންނެވެ. މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކުން ވެސް ބޭނުން ކުރަނީ އެ ކުދިންނެވެ. މުޖްތަމައުގެ ލޯބި ލިބެންޖެހޭ ފަދަ އުމުރެއްގައި ތިބި އެ ކުދިން މިއަދު ވެފައި އޮތީ މުޖްތަމައުއަށް އޮތް ބޮޑު ބިރުވެރި ކަމަކަށެވެ.

ދާދިފަހުން މާލޭގައި ހިނގައިދިޔަ ބޮޑެތި މާރާމާރީތަކުގައި 15 އަހަރުން ދަށުގެ ކުދިން ބައިވެރިވި އެވެ. މިދިޔަ އަހަރު މި އުމުރުގެ ކުދިންތަކެއް ތޫނު ހަތިޔާރާ އެކު މާލޭގައި މާރާމާރީ ހިންގި އެވެ. މިއިން ކުއްޖަކު އަތުލައިގަނެވުނަސް، ހައްޔަރެއް ނުކުރެވެ އެވެ. އެއީ އެ އުމުރުގެ ކުދިން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ނުޖެހޭތީ "ގާނޫނުގެ ދިގު އަތް" އޮތީ ބަނދެވިފަ އެވެ.

"ކަމާބެހޭ އިދާރާތަކަށް އަންގާފައި ބެލެނިވެރިން ގެނެސްފައި ނަސޭހަތް ދީފައި ދޫކޮށްލަން ޖެހެނީ."

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ކުރިން އޮތީ އުމުރުން 10 އަހަރު ފުރިފައިވާ ނަމަ، މަސްތުވާތަކެއްޗާއި މީހުން މެރުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ބޮޑެތި ކުށްތަކުގެ ޒިންމާ އުފުލަން ޖެހޭނެ އެވެ. އަދި ނޫން ކުށްތަކުގައި 15 އަހަރުވުމުން ޒިންމާ އުފުލަންޖެހޭ ގޮތަށެވެ.

އެ ނިޒާމު ބަދަލުކޮށް، 15 އަހަރުން ދަށުގެ ކުދިން ޖިނާއީ އެއްވެސް ކުށެއްގެ ޒިންމާ އުފުލަން ނުޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުންނެވެ. އެއްވެސް އިސްތިސްނާއެއް ނެތި ގެނައި މި ބަދަލާ އެކު، 15 އަހަރުން ދަށުގެ ކުއްޖަކު ސީރިއަސް ކުށެއް ކުރިޔަސް ތަކުރާރުކޮށް ކުރިޔަސް އޮތީ އެ ކުއްޖާއާ މެދު ހިތްހެޔޮ ކޮށްލުމެވެ.

"ހައްޔަރުކޮށް ނުވަތަ ބަންދުކުރުން ފަދަ ގާނޫނީ ފިޔަވަޅެއް އަޅުގަނޑުމެންނަކަށް އެޅޭކަށް ނެތް. ކަމާބެހޭ އިދާރާތަކަށް އަންގާފައި ބެލެނިވެރިން ގެނެސްފައި ނަސޭހަތް ދީފައި ކޮންމެ ފަހަރަކު ދޫކޮށްލަން ޖެހެނީ." ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ބަޝީރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ޑްރަގް ނެޓްވޯކްތަކުން ވެސް ފަރުދާއެއްގެ ފުރަގަހުގައި ތިބެގެން ޑްރަގް ވިއްކަން ނެރެނީ 10 އަހަރުން ފެށިގެން 14 އަހަރާ ދެމެދު ކުދިންނެވެ. ފައިސާ އާއި އަގުބޮޑެތި ހަދިޔާ އޭގެ ބަދަލުގައި އެ ކުދިންނަށް ލިބެ އެވެ. އަތުލައިގަތަސް، އަޑީގައި ތިބި މީހުންނާ ހަމައަށް ވާސިލްވާން އެ ކުދިން އެއްބާރުލުމެއް ނުދެ އެވެ. ހަރަކާތްތެރިވަނީ އަބަދުވެސް އެއް ބައެކެވެ.

"މިރޭ އިރާކޮޅު ދޫކޮށްލާ ކުއްޖާ މިރޭ މެންދަމު އަނެއްކާވެސް އެފަދަ ކުށެއްގައި ނުވަތަ އެއަށް ވުރެ ބޮޑު ކުށެއްގައި އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް އެބަ ގެނެވޭ." ބަޝީރު ވިދާޅުވި އެވެ.

އެންމެންގެ ކަންބޮޑުވުމަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމުތަކުގައި ހުރި ލޫޕްހޯލްތަކުގެ ސަބަބުން އާންމުންގެ ފުރާނަ އާއި މުދަލަށް ނުރައްކާވާ ހިސާބަށް އެފަދަ ކުދިންގެ ކަންކަން ގޮސްފައިވާތީ އެވެ. ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި ސީރިއަސް ކުށްތައް ކުރިޔަސް، އެ ކުދިން ކައިރީގައި ހޭ ވެސް އަހާލެވެން ނެތީމަ އެވެ. އެއީ އެ ކުދިން ކުރީ ކުށެއް ކަމަކަށް ގާނޫނު ނުދަންނާތީ އެވެ.

މި ސަަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ މަތީ އުމުރެއް އޮތީ ރާއްޖޭގައި

"ހަނގުރާމަ ހިނގާ ސަރަހައްދަކުން އަންނަ މީހުންގެ ތުއްތު ކުދިން ވެސް ހައްޔަރުކޮށްގެން ރިހެބިލިޓޭޓް ކުރެވޭ. އެކަމަކު މީހުން މަރަން ހަންޖަރު ޖަހާ ކުދިންގެ އުމުރު ފުރިހަމަ ނުވެޔޭ ކިޔާފައި އެޅޭނެ ފިޔަވަޅެއް ނެތް!." އާންމުންގެ މީހަކު ފާޅުކުރި ޚިޔާލެއްގައިވެ އެވެ.

މައްސަލައަކީ ޒިންމާ އުފުލަންޖެހޭ އުމުރު މަތިކުރުން ތަ؟

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު މިހާރު އެންމެ މަތީގައި އޮތް ގައުމެކެވެ. ދެވަނައަށް އެންމެ މަތީގައި އޮތް އިންޑިއާގައި އާއި ސްރީލަންކާގައި އުމުރުން 12 އަހަރުވުމުން ބޮޑެތި ކުށްތަކުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހެ އެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން، ޖިނާއީ މަސްއޫލިއްޔަތުގެ މިހާ މަތީ އުމުރެއް ކަނޑައަޅާފައި އޮތީ ރާއްޖެ އާއި ބަހްރެއިންގަ އެވެ. ބަހްރެއިންގައި ވެސް އޮންނަނީ 15 އަހަރެވެ.

ކުޑަކުދިންގެ ހިމާޔަތުގައި ރާއްޖޭގައި ހަދާފައިވާ ގާނޫނުތައް މުޖުތަމައުގެ ހާލަތާ ނުގުޅުމާއި ތަންފީޒު ނުވުމުގެ ކަންބޮޑުވުން އެބަ އޮތް

ކުޑަކުދިންގެ ހިމާޔަތުގައި ރާއްޖޭގައި ހަދާފައިވާ ގާނޫނުތައް މުޖުތަމައުގެ ހާލަތާ ނުގުޅުމާއި ތަންފީޒު ނުވުމުގެ ކަންބޮޑުވުން އެބަ އޮތް

ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތް ކުރައްވާ ގާނޫނީ ބޭފުޅަކު ވިދާޅުވި ގޮތުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު މަތިކުރުމަކީ މައްސަލައެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ ކުރިން 10 އަހަރު ފުރިފައިވާ ކުދިން މަސްތުވާތަކެތީގެ ކުށްތަކާއި ސީރިއަސް ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އޮތްއިރު ވެސް ކުށްކުރާ ކުދިން އަބަދުވެސް އުޅޭތީ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި މައްސަލައަކީ ކުޑަކުދިން ކުށާ ދުރުކުރަން މަސައްކަތް ކުރާނެ އެކަށީގެންވާ ނިޒާމެއް އެއްވެސް އިރަކު ގާއިމްވެފައި ނެތުމުންނެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނު އައީ "ހަލާކުވަމުންދިޔަ" ކުދިންތައް އިސްލާހު ކުރަން ރަނގަޅު މަސައްކަތްތަކެއް ނުކުރެވި އޮއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުލް އުގޫބާތުގެ ދަށުން ކުޑަކުދިންނަށް ގާއިމްކުރަންޖެހޭ ޚާއްސަ ނިޒާމު ގާއިމް ނުވެ އޮއްވާ ކުޑަކުދިންގެ އަދުލުގެ ގާނޫނު މި އައީ. އެ ގާނޫނު އައިތާ ވެސް މިހާރު ދެ އަހަރުވީ. އެއީ އަސްލު މައްސަލައަކީ. އުމުރުގެ އިޝޫއެއް ނޫން އަސްލު މައްސަލައަކީ." ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި މަސައްކަތް ކުރައްވާފައިވާ އެ ބޭފުޅާ ވިދާޅުވި އެވެ.

"އުމުރު މަތިކުރީ ދައުލަތަށް ޒިންމާއެއް މަތިކޮށްފައި. އެއީ މިކަހަލަ ކުދިން ކުށްކުށާ ދުރުކުރާނެ ނިޒާމެއް ގާއިމްކުރުމުގެ ޒިންމާ." އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުށަހެޅިން ބޮޑެތި ކުށްތަކުގައި 15 އަހަރުން ދަށުގެ ކުދިންނަށް ދައުވާ ނުކުރިޔަސް، މުޖްތަމައުއާ އެކަހެރިކޮށްގެން ރިހެބިލޭޓް ކުރެވޭނެ ގޮތެއް ހަދަން."

ބަޝީރު ވެސް ވިދާޅުވި ގޮތުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު މަތިކުރުމަކީ މައްސަލައެއް ނޫނެވެ. އޭނާ ވެސް ފާހަގަކުރާ މައްސަލައަކީ އެފަދަ ކުދިން އިސްލާހު ކުރާނެ ނިޒާމެއް ނެތުމެވެ.

"ޒިންމާ އުފުލަންޖެހޭ އުމުރު މި އޮންނަނީ އެކި ގައުމުތަކުގައި އެކިގޮތަށް. ބައެއް ގައުމުތަކުގައި 12 އަހަރު، އަނެއް ބައި ގައުމުތަކުގައި އެބަހުރި 16 އަހަރު ކަމަށް ވެސް ކަނޑައަޅާފައި. އުމުރު މަތި ކުރުމުގެ މައްސަލައެއް ނޫން މިއީ." ބަޝީރު ވިދާޅުވި އެވެ.

ކުދިން އިސްލާހު ކުރަން ގާނޫނީ ބާރެއް ނެތް

އުމުރުން 15 އަހަރުން ދަށުގެ ކުދިން ކުށެއްގެ ޒިންމާ އުފުލަން ނުޖެހޭ ގޮތަށް ޖިނާއީ މަސްއޫލިއްޔަތު ގާނޫނުގައި ލިޔުނުއިރު އެފަދަ ކުދިންނާ މެދު މެދު އަމަލު ކުރާނެ އެހެން ގޮތްތަކެއް ކުޑަކުދިންގެ އަދުލުގެ ގާނޫނަކު ވެސް ނެތެވެ. އެކަމާބެހޭ ނިޒާމެއް ހަދަން ހަވާލުކުރީ ހޯމް މިނިސްޓްރީއާ އެވެ.

ހޯމް މިނިސްޓްރީން އެކުލަވާލައި، އަމަލުކުރަން ފެށި ނިޒާމުގައި އޮތީ އާއިލާ އާއި ސްކޫލްތަކާ ގުޅިގެން އެފަދަ ކުދިންނަށް ރެހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމާއި އުޅޭ ނޫޅޭ ގޮތް ގާތުން ބެލުމަށެވެ. އެކަމަކު ކުއްޖާ އެއްބާރުލުން ނުދީފިި ނަމަ ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މައިންބަފައިންގެ ކޮންޓްރޯލް ނޯންނަ މިންވަރަށް އެފަދަ ކުދިން ތިބެނީ ކުށުގެ މާހައުލުގެ ތެރެއަށް ވަދެވިފަ އެވެ. ކުދިންނަށް ވަސްވާސް ދެނީ މަޝްހޫރު ގޭންގްތަކާއި ޑްރަގް ނެޓްވޯކްތަކުންނެވެ.

"ތެދެއް، ކުއްޖާގެ މައްޗަށް މަޖުބޫރު ކުރެވޭކަށް ނެތް"

ބަޝީރު ވެސް ވިދާޅުވި ގޮތުގައި 15 އަހަރުން ދަށުގެ ކުދިންނާ މެދު މިހާރު އޮތްގޮތުން އެއްވެސް ފިޔަވަޅެއް ނޭޅޭ ގޮތަށް އޮތުމަކީ ފުލުހުންގެ ބޮޑު ކަންބޮޑުވުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކުދިން މުޖްތަމައުއާ އެކަހެރި ކުރެވޭނެ ކޮންމެވެސް ނިޒާމެއް އޮންނަން ޖެހެ އެވެ.

"ގާނޫނުގެ ޑްރާފްޓިން ސްޓޭޖްގައި އަޅުގަނޑުމެން ވެސް ފާހަގަކުރި ކަމެއް އެއީ. އަޅުގަނޑުމެން ހުށަހެޅީ ބޮޑެތި ކުށްތަކުގައި 15 އަހަރުން ދަށުގެ ކުދިންނަށް ދައުވާ ނުކުރިޔަސް، މުޖްތަމައުއާ އެކަހެރިކޮށްގެން ރިހެބިލޭޓް ކުރެވޭނެ ގޮތެއް ހަދަން." އޭނާ ވިދާޅުވި އެވެ.

"ކޮމިއުނިޓީއަކުން އެކަން ގަބޫލެއް ނުކުރާނެ ދެއްތޯ މީހުން މެރުމާއި ބޮޑެތި މާރާމާރީ ފަދަ ކަންކަމުގައި ޝާމިލްވެފައި ތިބޭ ކުދިންތަކެއް އެއް ދޮރުން ވައްދާފައި އަނެއް ދޮރުން މުޖްތަމައުގެ ތެރެއަށް ދޫކޮށްލާފައި ތިބީމަ." އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ޝަރީއަތްތައް ކުރާ ޖުވެނައިލް ކޯޓް: 15 އަހަރު ނުފުރޭ ނަމަ ދައުވާއެއް އަދި ޝަރީއަތެއް ނުކުރާނެ

ކުޑަކުދިންގެ ޝަރީއަތްތައް ކުރާ ޖުވެނައިލް ކޯޓް: 15 އަހަރު ނުފުރޭ ނަމަ ދައުވާއެއް އަދި ޝަރީއަތެއް ނުކުރާނެ

ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުން މިހާރު އޮތްގޮތަކީ 15 އަހަރުން ދަށުގެ ކުޑަކުދިން އިސްލާހު ކުރުމުގައި ކުއްޖާ މައިންބަފައިންނަށް ފިޔަވަޅު އަޅައިގެން އެ ކުދިން މައިތިރި ކުރުމެވެ.

"ތެދެއް، ކުއްޖާގެ މައްޗަށް މަޖުބޫރު ކުރެވޭކަށް ނެތް. އެކަމަކު ކޮންމެ ކުއްޖެއްގެ ތިބޭނެ މައިންބަފައިން ނުވަތަ ބެލެނިވެރިން. އެ މީހުންގެ މިކަމަށް ޒިންމާ ކުރުވޭ ގޮތަށް ހެދޭނެ. އެހެން ގައުމުތަކުގައި ކުރާ ކަމެއް އެއީ." އޭނާ ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވާ ގޮތުން އެއީ އުނދަގޫ ނިންމުމެކެވެ. އެއީ ކުށްކުރާ ގިނަ ކުދިންނަކީ ބިކަވެފައިވާ ނުވަތަ ރޫޅިފައިވާ އާއިލާތަކުން އަންނަ ކުދިންނަށް ކަމަށްވާތީ އެވެ. އެ ކުދިންގެ މައިންބަފައިންނަށް ފިޔަވަޅު އަޅާ ނަމަ މުޅި އާއިލާއަށް އޭގެ އަސަރު ކުރެ އެވެ. އެންމެ ކުއްޖަކާ ހެދި އަޅާ ފިޔަވަޅަކުން އާއިލާގެ ދެން ތިބި ކުދިން މަގުމަތިވެ، އިތުރު ކުދިންތަކެއްގެ ކުށުގެ ވެށްޓަށް ފުރުސަތު ލިބެނީ އެވެ.

"އެ ކުދިން އިސްލާހު ނުކުރެވޭތީ މައިންބަފައިން އިހުމާލުވި ކަމަށް ބަލައިގެން އެ މީހުން މެދު ފިޔަވަޅެއް އަޅައިގެން ނުވަތަ ހައްޔަރުކޮށްފިއްޔާމު އެ އާއިލާގައި ދެން ތިބޭ ކުދިންނަށް އަޅާލާނެ ބަޔަކު ނުތިބޭނެ. އެ ކުދިންނާ ކާންދޭނެ ބޯންދޭނެ ބަޔަކު ނެތި މަގުމަތި ވާނީ. މިކަހަލަ ކަންކަން ދިމާވެދާނެ." އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޚާއްސަ އަދުލުގެ ނިޒާމެއް ގާއިމްކޮށް، ލުއިތަކެއް ދެނީ ބޮޑެތި އަދަބުތަކެއް ދިނުމަށްވުރެ ކުދިން އިސްލާހު ކުރުމަށެވެ. އެފަދަ ނިޒާމެއް އޮތުމަކުން ގޯހެއް ނެތެވެ. އެކަމަކު ސީރިއަސް ކުށްތައް ކުރާ ކުދިންގެ ފަރާތުން މީހުންގެ ޖާނާއި މާލަށް ލިބެމުންދާ ގެއްލުންތައް ނުހުއްޓުވި މުޖްތަމައުގެ ހައްގު އަބަދު ގުރުބާން ވުމަކީ ވެސް އިންސާފެއް ނޫނެވެ.