ވޭތުވެ ދިޔަ ދިހަ އަހަރަށް ބަލާއިރު 18 އަހަރު ނުފުރޭ ކުޑަކުދިން ކުށް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ހިމެނެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2012 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް، ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކުގައި 12 ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ. މާރާމާރީ އާއި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން ހިސާބުތަކުން ދައްކަ އެވެ.
19 އޯގަސްޓް 2019
ވޭތުވެ ދިޔަ ދިހަ އަހަރަށް ބަލާއިރު 18 އަހަރު ނުފުރޭ ކުޑަކުދިން ކުށް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ހިމެނެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2012 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް، ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކުގައި 12 ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ. މާރާމާރީ އާއި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން ހިސާބުތަކުން ދައްކަ އެވެ.
ކުށްކުރާ މި ފަދަ ކުދިންނަށް ފިޔަވަޅު އެޅުމާއި އެ ކުދިން އިސްލާހު ކުރުމާ ގުޅޭ ގޮތުން، ކަމާ ބެހޭ އިދާރާތަކުގެ އެންމެ ބޮޑު އުއްމީދަކީ ޖިނާއީ އަދުލުގެ ގާނޫނެއް ވުޖޫދަށް ގެނައުމެވެ. އެކަމަކު ގިނަ ބައެއްގެ ކަންބޮޑުވުން މިހާރު ގުޅިފައިވަނީ އެ ބިލްގައި، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 15 އަހަރަށް މަތިކޮށްފައި ވާތީ އެވެ.
އެ މީހުން ދެކޭ ގޮތުގައި 15 އަހަރު ނުވާ ކުއްޖަކަށް ޖިނާއީ އެއްވެސް ދައުވާ ނުކުރެވޭ ގޮތަށް ގާނޫނެއް ހެދުމަކީ ކުށުގެ މާހައުލަށް ކުދިން ހުށަހެޅޭނެ ސަބަބެކެވެ. އެ މީހުންގެ ނަޒަރުގައި މީހުން މެރުމާއި މާރާމާރީ ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ފަދަ ކުށްތަކަށް ކުޑަކުދިން ނެރެނީ، އެކަމުގައި ޝާމިލްވާ ބޮޑެތި މީހުންގެ ނުފޫޒުންނެވެ. އެހެންވެ، އެ ކުދިންގެ މައްޗަށް ގާނޫނު ނުހިނގުމަކީ ކުދިންނަށް ލިބޭނެ އިތުރު ބާރެއް ކަމަށް ދެކެ އެވެ.
ކުށުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ: ކުޑަކުދިން ކުށުގެ ވެއްޓަށް ވައްދަނީ ކުށްކުރާ ބޮޑެތި މީހުން
ސަރުކާރުގެ ބަހަކީ ވެސް ހަމަ މިއީ އެވެ. އެފަދަ ނުރައްކާތެރި ކުށްތަކަށް ކުޑަކުދިން އަރައިގަންނަނީ ބޮޑެތި މީހުންގެ ނުފޫޒުންނެވެ. އެކަމަކު މި ބިލުގެ ސަބަބުން އެކަމަށް ހުރަސް އެޅޭނެ ކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ކުށްކުރާ ކުޑަކުދިންނާ ގުޅޭ ގޮތުން، ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އިން މިދިޔަ އަހަރު ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ގާނޫނާ ހިލާފުވެގެން 349 ކުދިންގެ މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. އޭގެ ކުރީ އަހަރު އެ އަދަދު އުޅުނީ 405 ގަ އެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ މާރާމާރީގެ މައްސަލަތަކެވެ. ތޫނު ހަތިޔާރު ގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 25 މައްސަލަ އާއި ވައްކަމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި ގެންގުޅުމުގެ މައްސަލަތައް ވެސް ހުށަހަޅާފައިވެ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ބޮޑެތި މީހުންނާއި ގުރޫޕުތަކާ ގުޅިގެން ހިންގާ ކުށްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީހުން މެރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ފަދަ ކުށްތައް، ކުޑަކުދިން ލައްވާ ކުރުވާކަން ނުވަތަ އެފަދަ ކުށްތަކުގައި އެ ކުދިންނަށް އިސް ދައުރެއް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
ގުރޫޕް މާރާމާރީ ހިންގުމަށް ރަށްރަށުން ކުޑަކުދިން މާލެ ގެނެސް، ކުށުގެ ވެށީގައި ދިރިއުޅޭ މީސްމީހުންގެ ގޭގޭގައި ނުވަތަ ސަރަހައްދުތަކުގައި ބައިތިއްބާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.
ޖޭޖޭޔޫގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކުށްކުރާ ބޮޑެތި މީހުންގެ ޝިކާރައަށް ގިނަ ފަހަރު ވެފައިވަނީ ފުދުންތެރިކަން ކުޑަ، އަޅާލާނެ ބަޔަކު ނެތް ކުޑަކުދިންނާއި ސްކޫލަށް ނުދާ އަދި ނަފްސާނީ ތަފާތު މައްސަލަތައް ހުންނަ ކުދިންނެވެ. ކުޑަކުއްޖާ ކުށްކުރާ ހިސާބުން، ދެން އެ ކުދިންނަށް ހިމާޔަތް ދިނުމުގެ ނަމުގައި، އެ ކުއްޖާ ނިސްބަތްވާ ގުރޫޕަކުން މަސައްކަތް ކުރާ ކަމަށާއި އޭގެ ސަބަބުން ކުއްޖާ އާއި އެ ގުރޫޕާ ދެމެދު އޮންނަ ގުޅުން ބޮޑުވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
މިހާރު އަމަލުކުރާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައި އޮންނަ ގަވާއިދު ބުނާ ގޮތުން އުމުރުން 10 އަހަރު ނުފުރެނީސް، ޖިނާއީ އެއްވެސް ކުށެއްގެ ޒިންމާ އެ ކުދިން ނަގާކަށް ނުޖެހޭނެ އެވެ. ދިހަ އަހަރު ފުރުނީއްސުރެ، 15 އަހަރު ފުރިހަމަ ވުމާ ހަމައަށް، އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި މަރުގެ ހުރިހާ ބާވަތެއްގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ އެވެ. އަދި 15-18 އަހަރާ ދެމެދު، ހުރިހާ ކުށްތަކެއްގެ ޒިންމާ އެ ކުދިން އުފުލަން ޖެހޭނެ އެވެ. ކުދިން ކުރާ މަދަނީ ކުށްތަކުގެ ޒިންމާ މައިންބަފައިން އުފުލަން ޖެހޭ ގޮތަށް މިހާރު ވެސް ގަވައިދުގައި އޮވެ އެވެ.
ކުޑަކުދިންތަކެއް ކުޅެނީ: އަދުލުގެ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި
މަޖިލީހަށް މިހާރު ފޮނުވާފައިވާ އަދުލުގެ ބިލުގައިވާ ގޮތުން، 15 އަހަރު ވުމާ ހަމައަށް، އެއިން އެއްވެސް ކުށެއްގެ ޒިންމާ ކުޑަކުދިން ނަގާކަށް ނުޖެހޭނެ އެވެ. ރައީސް އޮފީހުން ބުނިގޮތުގައި އެ އުމުރު ކަނޑައަޅާފައިވަނީ އިސްލާމީ އެހެން ގައުމުތަކުގައި ވެސް ހަމަޖައްސާފައި އޮންނަ އުމުރަށް ރިއާޔަތްކޮށްފަ އެވެ.
ޖޭޖޭޔޫގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް ވިދާޅުވީ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު މަތިކުރުމަކީ އެ ކުދިން ކުށް ނުކުރާ ކަމަށް ބެލޭނެ ހުއްޖަތެއް ނޫން ކަމަށެވެ. އަދި ނަގަން ޖެހޭ ޒިންމާއެއް ނެތް ކަމަށް ބަލައި އެ ކުދިން މަގުމައްޗަށް ދޫކޮށް ނުލާނެ ކަމަށާއި އުމުރު މަތިކުރުމުގެ ބޭނުމަކީ އެފަދަ ކުދިން އިސްލާހުވުމަށް އިތުރު ފުރުސަތެއް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަނަރަ އަހަރުން ދަށުގެ ކުއްޖެއް ވީމާ ކުށުގެ ޒިންމާއެއް ނެތޭ ކިޔާފައި މަގުމައްޗަށް ދޫކޮށްލައިފިއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް. އެކަމަކު މި ގާނޫނު [ބިލު] އެކުލަވާލާފައިވަނީ އެ ކުދިން އިސްލާހު ކުރުމަށް ޕްރޮގްރާމްތަކަކާ އެކުގައި،" ހާމިދު ވިދާޅުވި އެވެ.
"ކުށަށް އަދަބު ދިނުމުގެ ބަދަލުގައި އެ ކުދިންގެ މައްޗަށް ލާޒިމް ކުރަނީ މި ޕްރޮގްރާމްތައް ފުރިހަމަ ކުރުމަށް."
ހާމިދު ވިދާޅުވީ މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކުރާ ކުޑަކުދިންނަށް ގާނޫނީ ގޮތުން ހުކުމެއް ނައި ކަމުގައި ވިޔަސް ކުށް ސާބިތު ނުވާ ކަމަށް ނިންމައި މަގުމައްޗަށް ދޫކޮށް ނުލާނެ ކަމަށެވެ. އަދި އެކަހެރިކޮށްގެން ނަމަވެސް އެ ކުދިން އިސްލާހު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބިލުގައިވާ ގޮތުން، ބިލު ގާނޫނަކަށް ވެ އަމަލު ކުރަން ފަށާތާ ދޮޅު އަހަރުގެ ތެރޭގައި، ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ހަދަން ޖެހޭނެ އެވެ.
ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލުމަށް ޚާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ކަނޑައެޅުމާ އެކު މާލޭގައި ހުންނަ ޖުވެނައިލް ކޯޓުގެ އިތުރުން އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކެއް ވެސް އަތޮޅު ތެރޭގައި ގާއިމްކުރަން ބިލް ލާޒިމް ކުރެ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިން ކުށްތަކަށް އަރައިގަންނަން ފަށާ އެންމެ އާއްމު އުމުރަކީ 14 އަހަރާއި 15 އަހަރާ ދެމެދު އެވެ. ހާމިދު ވިދާޅުވީ އެފަދަ ކުދިންގެ ތަސައްރަފު ނުފުދޭއިރު، ބޮޑެތި ކުށްތަކަށް އަރައިގަންނަނީ ކޮންމެވެސް ބައެއްގެ ނުފޫޒެއްގެ ދަށުން ނޫނީ އެކަމަށް މަގު ދައްކައިދީގެން ކަމަށާއި އެހެންވެ، އެފަދަ ކުދިންގެ މައްޗަށް ހުކުމް އިއްވާއިރު، އެ ކުއްޖާގެ ހާލަތަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ ކުއްޖާ ކުށުގެ ތެރެއަށް ވަނީ ކިހިނެއްތޯ އާއި އޭނާގެ އިޖްތިމާއީ ހާލަތަކީ ކޮބައިތޯ އާއި ބަލަދުވެރިންނަކީ ކޮބައިކަމާއި އެ މީހުންނާއި ކުއްޖާއާ އޮންނަ ގުޅުން ވެސް ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހާލަތަށް ނުބަލައި އެ ކުއްޖާއަށް އަދަބު ދީފި ނަމަ، ކުށުގެ ވެއްޓަށް ނުކުންނަން އަނެއްކާވެސް އެ ކުއްޖާއަށް މަގުފަހިވާނެ ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.
ރ. ފައިނުގައި ކުޑަކުދިންތަކެއް ކުޅެނީ: ކުޑަކުދިންގެ ހިމާޔަތަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ --މިހާރު ފޮޓޯ: ހުސެން ވަހީދު
ކުށްކުރާ ކުދިން ރިހިބިލިޓޭޓްކޮށް އަލުން މުޖުތަމައުގެ ތެރެއަށް ނެރެން މިހާރު ވެސް މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން ކުޑަކުދިން ކުރާ ކުށްތަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމުން، ދައުވާ ކުރުމުގެ ބަދަލުގައި ދައުލަތުން އެ ކުއްޖާގެ މައްޗަށް ލާޒިމް ކުރަނީ އިސްލާހީ ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށެވެ. އަދި ޕްރޮގްރާމް ފުރިހަމަކޮށް، ތިން އަހަރު ވަންދެން ކުށަކަށް އަރައި ނުގަންނަ ނަމަ ކުރިން ކުރި ކުށުގެ މައްސަލަ ބާތިލް ކުރެ އެވެ.
މިސާލެކެވެ؛ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި ހައްޔަރު ކުރާ ކުއްޖަކަށް ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެކަމަކު އެ ކުއްޖާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން، އެ މައްސަލަ އޮތް ގޮތަށް ބާއްވާފައި ޕީޖީން ޑްރަގް ކޯޓަށް އަންގާނީ އެ މައްސަލައިގައި އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށެވެ. ކުޑަކުއްޖާ މަސްތުވާތަކެތި ބޭނުންކޮށްފައިވާ މިންވަރާއި އޭނާއަށް ބޭނުންވަނީ ކޮން ކަހަލަ ފަރުވާއެއްތޯ ކަނޑައަޅާނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިންނެވެ.
ކުއްޖާއަށް ބޭނުންވާ އިސްލާހީ ޕްރޮގްރާމް ހިންގާނީ އެންޑީއޭގެ ލަފާގެ މައްޗަށެވެ. ފަރުވާ ދޭނީ މުޖުތަމައުގައި ބަހައްޓައިގެންތޯ ނޫނީ އެކަހެރިކޮށްގެންތޯ ނޫނީ ޑިޓޮކްސް ސެންޓަރަކަށް ފޮނުވައިގެންތޯ އެތަނުން ބަލަ އެވެ. ފަރުވާގެ ގޮތުގައި މަސައްކަތާއި ތައުލީމު އުނގަންނައިދެ އެވެ. އެކަމަކު މައްސަލައަކީ އެކި ސަބަބުތަކާ ހުރެ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވުމެވެ.
"[އިސްލާހީ] ޕްރޮގްރާމްތައް އެންމެ ރަނގަޅަށް ހިންގަން މިއަދާ ހަމައަށް ވެސް އަޅުގަނޑުމެންގެ އަތުގައި ވަސީލަތްތަކެއް ނެތް،" ހާމިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދުލުގެ ގާނޫނުން އެކަން ލާޒިމް ކުރުމުން ޕްރޮގްރާމްތައް ހިންގަން މަޖުބޫރު ވާނެ ކަމަށެވެ. އަދި ބިލް ތަސްދީގު ކުރުމާ ހަމައަށް، އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ވަގުތު ލިބޭނެ ކަމަށް ޖޭޖޭޔޫން ގަބޫލުކުރެ އެވެ. އެހެންވެ، އެތަނުން ދެކޭ ގޮތުގައި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 15 އަހަރަށް މަތިކުރުމަކީ އެ ކުދިން އިސްލާހު ކުރަން ދެވޭނެ ދެ ވަނަ ފުރުސަތެކެވެ.
ބޮޑު ކުށްތަކުގައި ކުޑަކުޑަ ކުދިން:ގާނޫނުގެ އަތް ނުފޯރާ
ބައެއް ކުދިން އިސްލާހުވެ ނަމޫނާއަކަށް!
15 އަހަރުނުވާ ކުދިންގެ ފޯނު ފުލުހުންނަކަށް ނުބެލޭނެ
ނުރައްކާތެރި ކުށްކުރާ ޖީލެއް: ބަލަން ތިބެންވީތަ؟!
ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހުނުވާތީ ކަންބޮޑުވުން
ކުށުގެ ވެށީގައި އެންމެ ގިނައީ އާއިލާ ރޫޅިފައިވާ ކުދިން
ގިނައިން ހުށަހެޅީ ސްކޫލަށް ނުދާ ކުދިންގެ މައްސަލަ!
ކުޑަކުދިންގެ އަދުލުގެ ނިޒާމް ބޮޑު ބަދަލަކާ ދިމާލަށް!
ކުށްކުރި ކުޑަކުދިންގެ އަދަދު މިދިޔަ އަހަރު މަދު
ދެ ކުޑަކުއްޖަކު ހޯދަން ފުލުހުން އިއުލާންކޮށްފި