Roadha Mihaaru
އައިއެންއައިއޭގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް

އައިއެންއައިއޭގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރަން ނިންމައިފި

26 ޑިސެމްބަރ 2016

ރާއްޖޭގެ މައި އެއާޕޯޓް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކުރުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކުރުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އައިއެންއައިއޭގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކުރާނީ އަންނަ އާދީއްތަ (ޖެނުއަރީ 1، 2017) ދުވަހުން ފެށިގެންނެވެ. އަދި މި ބަދަލު ގެންނަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ، މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ މަޝްވަރާގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އައިއެންއައިއޭގެ ނަން ބަދަލުކުރުމަށް ނިންމީ، އެއާޕޯޓަށް މިހާރު ގެންނަމުންދާ އުމްރާނީ ތަރައްގީ އާއި ރާއްޖޭގެ ބްރޭންޑް ރަމްޒުކޮށްދޭ، ފަސޭހަ އަދި ކުރިއެރުމާއި ތަރައްގީގެ ވިސްނުމަށް މަގުފަހިކޮށްދޭ ނަމަކަށް ހަމަޖެއްސުމަށްޓަކައި ކަމަށެވެ.

ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ރައީސް ޔާމީން ކުރިއަށް ގެންދަވަނީ: ރާއްޖޭގެ މައި އެއާޕޯޓުގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމަށް އަންނަ އާދީއްތަދުވަހުން ފެށިގެން ބަދަލުކުރުމަށް ކެބިނެޓްގެ މަޝްވަރާގެ މަތިން ރައީސް ޔާމީން މިއަދު ނިންމެވި.---ފޮޓޯ: ރައީސް އޮފީސް

ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ރައީސް ޔާމީން ކުރިއަށް ގެންދަވަނީ: ރާއްޖޭގެ މައި އެއާޕޯޓުގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމަށް އަންނަ އާދީއްތަދުވަހުން ފެށިގެން ބަދަލުކުރުމަށް ކެބިނެޓްގެ މަޝްވަރާގެ މަތިން ރައީސް ޔާމީން މިއަދު ނިންމެވި.---ފޮޓޯ: ރައީސް އޮފީސް

"ހަމަ އެއާއެކު، އެއަރޕޯޓުގެ ނަން މިހާރު އެ ބޭފުޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ދިވެހިރާއްޖެއަށް ޚާރިޖީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްގީ އަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އާއި، "ވެލާނާ" މި ނަމަކީ އެ މަނިކުފާނަށް ނިސްބަތްވާ ނަމަކަށް ވުމާއެކު، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ގޮތަށް އެއަރޕޯޓުގެ ނަން ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށާއި ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަކަށް ވާތީ، މި ނަން ކިޔުމަށް ނިންމެވީ އެވެ،" އައިއެންއައިއޭގެ ނަން ބަދަލުކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައިވެ އެވެ.

އެންމެ ފުރަތަމަ "ހުޅުލޭ އެއާޕޯޓް"ގެ ނަމުގައި ހިންގި އެއާޕޯޓްގެ ނަން "މާލޭ އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރެއްވީ 1980ގެ ކުރީކޮޅު ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އަދި އޭގެ ފަހުން "އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރެއްވީ ޖުލައި 26، 2011 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެހެންވެ މިއީ ރާއްޖޭގެ މައި އެއާޕޯޓުގެ ނަން ބަދަލުކުރި ތިންވަނަ ފަހަރެވެ.

އައިއެންއައިއޭގެ ނަން ބަދަލު ގެނައުމާ ގުޅިގެން، ރައީސް އޮފީހުން ވަނީ އެ އެއާޕޯޓް ވުޖޫދަށް ގެނައުމަށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު މޭ 1، 1964 ގައި ފެއްޓެވި މަޝްރޫއު ފާހަގަކޮށްފަ އެވެ. އެގޮތުން އެ ނިންމެވުމަކީ ރާއްޖެ އިން އިގުތިސޯދީ އަދި ހާރިޖީ ދާއިރާ އިން ތަރައްގީގެ މަގުގައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ރައީސް ޔާމީން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ރައީސް ޔާމީން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

އަދި އެއާޕޯޓުގެ ފަހުގެ ތާރީހަށް ބަލާއިރު، އެތަނުގެ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމަށް ކުރިން ނިންމި ނިންމުމަކީ، ގައުމަށް އެންމެ ބޮޑަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތް ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރެ އެވެ.

ޖީއެމްއާރު ކުންފުންޏަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އެއާޕޯޓް ކުއްޔަށް ދިން ނަމަވެސް، އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެވެ. އަދި އޭގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޖީއެމްއާރަށް މިދިޔަ މަހު ދައްކައިފަ އެވެ.

އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރުގެ ސަރުކާރުން ވަނީ ބިޔަ މަޝްރޫއެއް ފަށައިފަ އެވެ. އެގޮތުން އާ ރަންވޭ އަކާއި އާ ޓާމިނަލެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. މީގެ ތެރެއިން އާ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން ގެންދެ އެވެ. އަދި އާ ޓާމިނަލްގެ މަސައްކަތް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ރައީސް އޮފީހުން ބުނީ އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއަކީ، އިގުތިސޯދީ ގޮތުން ރާއްޖެ ބަދަލުކުރުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅު ރަމްޒު ކޮށްދޭ ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަން ވެސް ސަރުކާރުން ފާހަގަކުރެ އެވެ،