Roadha Mihaaru
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއިލާއިން ޕީޖީއަށް

ގަލޮޅު ސްކޫލުގެ ޖިންސީ ގޯނާގެ މައްސަލައިގެ ނިންމުން މުރާޖައާކޮށްދޭން އާއިލާ އިން އެދިއްޖެ

19 މެއި 2022

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ނިންްމި ނިންމުން މުރާޖައާކޮށްދިނުމަށް އެ ކުއްޖާގެ އާއިލާއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ނިންްމި ނިންމުން މުރާޖައާކޮށްދިނުމަށް އެ ކުއްޖާގެ އާއިލާއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އެ ސްކޫލުގައި ހަތަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ އުމުރުން 63 އަހަރުގެ އަންހެނަކު ހައްޔަރުކުރީ މިދިޔަ ނޮވެމްބަރު މަހު އެއްވަނަ ދުވަހު އެވެ. އޭނާއަކީ ގަލޮޅު ސްކޫލުގައި މަސައްކަތް ކުރާ ސަޕޯޓް ސްޓާފެކެވެ. ޖެހިގެން އައި ދުވަހު އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާ ދިނުމާ ގުޅިގެންނެވެ.

މި މައްސަލަ ފައިލްކުރިކަން އެޑިއުކޭޝަން މިނިސްޓްރީން ގަލޮޅު ސްކޫލަށް އެންގީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

ގަލޮޅު ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސްކޫލުގެ މުވައްޒަފެއްގެ ފަރާތުން ދަރިވަރަކަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ބުނެ މިދިޔަ އަހަރުގެ އޮކްޓޫބަރު 13 ގައި ނޫސްތަކާއި ސޯޝަލް މީޑިއާގައި ދައްކާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މުވައްޒަފާ މެދު އެއްވެސް ކަންބޮޑުވުމެއް ތހުގީގުން ފާހަގަކުރެވިފައި ނުވާތީ އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލާ އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.

ކުއްޖާގެ އާއިލާގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާއާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ސްކޫލުން ބުނި ނަމަވެސް އެކަށޭނަ އަވަސްމިނެއްގައި ފިޔަވަޅު އަޅައިފައި ނުވާ ކަމަށެވެ. އަދި ފިޔަވަޅު އެޅީ އާންމުންނާއި މީޑިއާއިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި ހާދިސާއާ ގުޅޭ ހުރިހާ މަރުހަލާއެއްގައި ސްކޫލުން މަސައްކަތް ކުރީ ހާދިސާއާ ގުޅޭ ފުރިހަމަ މައުުލޫމާތު ހާމަނުކޮށް ފޮރުވަން ކަމަށް، ސްކޫލުން ނެރުނު ބަޔާނުން އެނގޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

''މިފަދަ ނާޒުކު އަދި ހައްސާސް މައްސަލައެއްގައި އަނިޔާ ލިބިފައިވާ ކުއްޖާއާ އެ ކުއްޖާގެ ބެލެނިވެރިންނަށް ސްކޫލުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ސްކޫލުގެ ފަރާތުން ފޯރުކޮށްދީފައިނުވާ ހިނދު, ކުއްޖާގެ މައިންބަފައިންނަށް ވަނީ އިތުރު ގޮންޖެހުންތަކަކާއި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.'' ބަޔާނުގައި ވެ އެވެ.

ބަޔާނުގައި ބުނީ މި މައްސަލައިގައި ޖިނާއީ ދައުވާއެެއް ކުރެވޭ ވަރަށް ހެކި ހޯދިފައިނުވަނީ ކީއްވެގެން ކަން ނުވަތަ ޖިނާއީ ދައުވާއެއް ނުކުރުމަށް ނިންމީ ކޮން ހެއްކެއް މަދުވެގެން ކަމެއް އެއްވެސް ފަރާތަކުން ކުއްޖާގެ މައިންބަފައިންނަށް އަންގާފައިނުވާ ކަމަށެވެ.