ގެއެއްގެ ތެރޭގައި ހަތަރު މައިން ބަންދުކޮށް ރުގްޔާގެ ނަމުގައި ތަޅައި އަނިޔާކޮށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
30 ޑިސެމްބަރ 2020
ގެއެއްގެ ތެރޭގައި ހަތަރު މައިން ބަންދުކޮށް ރުގްޔާގެ ނަމުގައި ތަޅައި އަނިޔާކޮށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ޖޫން 22، 2020 އިން ފެށިގެން އޮކްޓޯބަރު 30، 2020 އާ ހަމައަށް އެކި ދުވަސްމަތިން އަނބިދަރިންނަށް ޖިސްމާނީ ހާނީއްކަކޮށް އެ މީހުން ގެއިން ނުކުތަ ނުދީ ހިފެހެއްޓި މައްސަލައިގައި ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާއިލް ވަހީދުގެ މައްޗަށް ހަތަރު ދައުވާ އަދި އެ ގެއަށް ގޮސް ރުގްޔާގެ ނަމުގައި ޖިސްމާނީ އަނިޔާކުރި މައްސަލައިގައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ، މުހައްމަދު އަސީލްގެ މައްޗަށް ހަތް ދައުވާއެއް ކުރަން ފޮނުވާފައިވާ ކަމަށެވެ. މިއީ ރުގްޔާގެ ނަމުގައި ޖިންސީ ގޯނާކޮށްގެން ރާއްޖޭގައި ދައުވާކުރާ ފުރަތަމަ މައްސަލަ އެވެ.
1- މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ 2- މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ 3- ގައިގައި އަތްލުމުގެ ކުށުގެ ދެ ދައުވާ 4- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށުގެ ދައުވާ
1- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ 2- ގައިގައި އަތްލުމުގެ ކުށުގެ ދައުވާ 3- އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ 4- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ 5- ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ 6- ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ 7- ކުޑަކުއްޖެއްގެ ހާޒިރުގައި ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ
މި މައްސަލައިގައި ހައްޔަރުކުރީ ރުގްޔާގެ ނަމުގައި ސިހުރުގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރާ އަސީލް، 24، އަނބިމީހާ އާއި ދޮންދަރިންނަށް އަނިޔާވެރިވުމުގައި ހިތްވަރުދީ ބައިވެރިވި، އިސްމާއިލް ރަޝީދު، 39، އެވެ. އެ ދެ މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
އަންހެން މީހާ އާއި އޭނާގެ އާއިލާ އިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ރުގްޔާ ކުރުމުގެ ނަމުގައި ފިރިމީހާގެ ގޭގައި އަންހެން މީހާ އާއި ތިން ދަރިން ބަންދުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އާއްމުކޮށް އޭނާ އަށް ކުރިމަތިވާ މައިގްރެއިން ވޭނަކީ ޖިންނީގެ އުނދަގުލެއް ކަމަށް ބުނެ މީހަކު ގެނެސް އެކި ކަންކަން ކުރަން ފެށީ އެވެ. ރުގްޔާ ކުރުމުގެ ނަމުގައި އެ މީހާ ފަހުން ތިން މަސް ވަންދެން އެ ގޭގައި ވެސް ދިރިއުޅުނެވެ.
ރުގްޔާ ކުރުމުގެ ނަމުގައި އުޅުނު މީހާ، ބުނާގޮތުގައި އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅުގެ ގައިގެ ތެރެއަށް ވަނީ ޖިންނި ވަދެފަ އެވެ. އެ ދެ މައިންނަކީ ޖިންނީން ކަމަށް، ދެން ތިބި ދެ ކުދިންނަށް ކިޔައިދީ، އެ ކުދިންނަށް ވެސް ނަފްސާނީ އަނިޔާ ދިން ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. ޖިންނިއަށް އަނިޔާކުރުމުގެ ނަމުގައި އަންހެން މީހާ އާއި ދަރިފުޅުގެ ގައިގައި އެކި އެއްޗެހިން ތަޅައި އަނިޔާކުރުމާއި ކާން ނުދީ ބަނޑަށް ބޭތިއްބުމާއި އަޅުން ގޮތަށް ގެންގުޅުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
އެ އާއިލާ ރަހީނުކޮށްފައި ތިބި މުއްދަތުގައި، އާއިލާގެ މީހަކު ރިޕޯޓްކޮށްގެން ޖެންޑަ މިނިސްޓްރީގެ ސޯޝަލްވޯކަރަކު އެ ގެއަށް ދިޔަ އެވެ. އެކަމަކު އަންހެން މީހާ ދައްކާ ހުރިހާ ވާހަކަތަކަކީ ޖިންނި ދައްކުވާ ވާހަކަތަކެއް ކަމަށް ބުނެ މައްސަލަ ކުރިއަށް ގެންދިއުން ފިރިމީހާ ހުއްޓުވައި ސޯޝަލް ވޯކަރު ފޮނުވާލީ ކަމަށް އަންހެން މީހާ ބުނެ އެވެ.
ރުގްޔާގެ ނަމުގައި ހިންގާ ޖަރީމާތަކުން އާއްމުންނަށް އަނިޔާދިނުން އާއްމުވެފައި އޮތަސް މި ކަމުގައި އެކަށީގެންވާ ގާނޫނު ފިޔަވަޅު އެޅޭނެ ގޮތެއް ނެތެވެ. މިފަދަ ގިނަ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރުމުން އެ މީހަކު ދިރިއުޅޭ ގެއަށް ގޮސް ސިހުރު ފޮތްތައް "ހައްޔަރުކޮށްފައި" ތަހުގީގު އެ ހިސާބުން ނިމެނީ އެވެ.
ޕީޖީ ޝަމީމްގެ މައްސަލައެއް ނުބަލަން: ފުލުހުން
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއިލާއިން ޕީޖީއަށް
ޔުނާންގެ ދެމަފިރިންނަށް ދިން ލޯބި ރުޅިވެރިކަމަށް!
ޔުނާންގެ ދެމަފިރިންނަށް ބޮޑެތި ދައުވާތަކެއް ކޮށްފި
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނަށް ދައުވާ އުފުލައިފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ހިޝާންގެ މައްޗަށް ދައުވާ ކުރެވޭ ވަރަކަށް ހެއްކެއް ނެތް
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
16 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މީހަކަށް ދައުުވާ
ކުއްޖާއަށް ނުރައްކާ އޮތް މިންވަރެއް ނޭނގޭ!