Roadha Mihaaru
ޔޫކްރޭން ހަނގުރާމައާ ގުޅިގެން އާލަމީ ހައިހޫނުކަމެއް

ޔޫކްރޭން ހަނގުރާމައާ ގުޅިގެން އާލަމީ ހައިހޫނުކަމެއް ފެށިދާނެ: ގުޓަރޭސް

19 މެއި 2022

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ އެކި ގައުމުތަކަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ލިބުން ދަތިވެ، ބައިނަލްއަގްވާމީ ހައިހޫނުކަމެއް ފެތުރެން ފަށައިފާނެ ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ އެކި ގައުމުތަކަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ލިބުން ދަތިވެ، ބައިނަލްއަގްވާމީ ހައިހޫނުކަމެއް ފެތުރެން ފަށައިފާނެ ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، ފަގީރު ގައުމުތަކުގެ ކާނާގެ ރައްކާތެރިކަން މިހާރު ވަނީ ވަރަށް ބޮޑު ނޭނގުމެއްގެ ތެރެއަށް ވެއްޓިފަ އެވެ. ޔޫކްރޭންގައި އެންމެ ފަހުން ކެނޑި ގޮވާމުގެ ބާވަތްތަކުން 20 މިލިއަން ޓަނުގެ ގޮވާން، އެ ގައުމުން ބޭރުކުރެވޭނެ ގޮތެއް ނެތި މިހާރު ވެސް ހިފެހެއްޓިފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭނަކީ ދުނިޔޭގެ ނިސްބަތުން ވެސް ގޮވާމުގެ ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް ގައުމަށް ވާއިރު، ހަނގުރާމައިގެ ސަބަބުން، ގޮވާމުގެ ބާވަތްތައް އެ ގައުމުން ބޭރުކުރުމަށް ހުރަސް އެޅޭ ނަމަ، ފަގީރު ގައުމުތަކަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހޯދުން ވަރަށް ދަތިވާނެ އެވެ. އަދި ހަނގުރާމަ ފެށުމުގެ ކުރިން އޮތް ހާލަތަށް ޔޫކްރޭންގެ އެކްސްޕޯޓް ފުޅާ ނުކުރެވިއްޖެ ނަމަ، އަހަރުތަކަކަށް ދެމިގެންދާ ފަދަ ހައިހޫނުކަމެއް ދުނިޔެ އަށް މެދުވެރިވުމުގެ ފުރުސަތު އެބަ އޮތެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ޔޫކްރޭންގެ ބަނދަރުތަކުން އާގުބޯޓުފަހަރުގައި މުދާ ބޭރުކުރުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ހަނގުރާމަ ފެށުމުގެ ކުރިން، ޔޫކްރޭންގެ ބަނދަރުތަކަކީ ގިނަ އަދަދަކަށް ސަންފްލާވާ ތެލާއި ޒުވާރި އާއި ގޮދަން ފަދަ ގޮވާމުގެ ބާވަތްތައް ގިނަ އަދަދަކަށް އެކްސްޕޯޓް ކުރާ ބަނދަރުތަކެކެވެ.

ޔޫކްރޭންގެ އެކްސްޕޯޓަށް ހުރަސް އެޅުމާ ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުތަކަށް އެ ބާވަތްތައް ލިބުން ވަނީ ދަތިވެފަ އެވެ. އެކަމާ ވިދިގެން، އެ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރާ އެހެން ބާވަތްތަކުގެ އަގުތައް ވެސް މިހާރު ވަނީ އުފުލެން ފަށައިފަ އެވެ. އދ. އިން ބުނާ ގޮތުގައި މިދިޔަ އަހަރުގެ މި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ގޮވާމާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ހުރި މިންވަރާ އަޅައި ބަލާއިރު، މި އަހަރުގެ މިދުވަސްވަރު އެ ތަކެތީގެ އަގުތައް ހުރީ 30 ޕަސެންޓް މަތިވެފަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި އާލަމީ ހައިހޫނުކަމެއްގެ ބިރު އުފެދެނީ ދުނިޔޭގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނެތުމުން ނޫން ކަމަށެވެ. ނަމަވެސް އެ ބިރުވެރިކަން އުފެދެނީ، މިހާރު ލިބެން ހުރި ކާބޯތަކެތި ވެސް، އެތަކެއްޗަށް އެންމެ ބޭނުންޖެހިފައިވާ ފަގީރު ގައުމުތަކަށް ފޯރުކޮށްދެވޭނެ ރައްކާތެރި އިންތިޒާމެއް ނެތުމުންނެވެ.

އޭގެ އިތުރުން، ގުޓަރެސް ވިދާޅުވި ގޮތުގައި މިހާރު ލިބެން ހުރި ކާނާ ރައްކާތެރިކަމާ އެކު ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމުތައް އެކުގައި މަސައްކަތް ކުރަންޖެހެ އެވެ. އެ މަސައްކަތް ކުރިޔަސް، އެކަށީގެންވާ ހައްލެއް ލިބޭނީ ޔޫކްރޭންގެ މައްސަލަ ހައްލުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ބައިނަލްއަގުވާމީ މުޖްތަމައަށް ކުރިމަތިވަމުން ދާ ކާނާ މަދުވުމުގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ހައްލުކުރެވޭނީ ޔޫކްރޭންގައި އުފައްދާ ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތައް ދުނިޔޭގެ ބާޒާރަށް ނެރެވޭނެ ގޮތެއް ވެގެންނެވެ. އޭގެ އިތުރުން ރަޝިޔާ އާއި ބެލަރޫސްގައި އުފައްދާ ގަސް ކާނާ އާއި ދަނޑުވެރިކަމުގެ ބޭސް ފަދަ ތަކެތި ވެސް ބައިނަލްއަގުވާމީ ބާޒާރަށް އެކަށީގެންވާ ގޮތެއްގައި ނެރެގެން ނޫނީ، މި މައްސަލަ ހައްލު ނުވާނެ ކަމަށް ގުޓަރޭސް ވިދާޅުވި އެވެ.