Roadha Mihaaru
ސުލްހައިގެ އުންމީދު އަދިވެސް އެބަ އޮތް: ޕުޓިން

ސުލްހައިގެ އުންމީދު އަދިވެސް އެބަ އޮތް: ޕުޓިން

27 އެޕްރީލް 2022

ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ކުރިއަށް ދިޔަ ކަމަށްވިޔަސް، ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމުގެ އުންމީދު އަދިވެސް އެބަ އޮތް ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ދަންނަވައިފި އެވެ.

ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ކުރިއަށް ދިޔަ ކަމަށްވިޔަސް، ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމުގެ އުންމީދު އަދިވެސް އެބަ އޮތް ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ދަންނަވައިފި އެވެ.

ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގައި އިއްޔެ ގުޓަރެސްއާ ބައްދަލުކުރައްވަމުން، ރައީސް ޕުޓިން ވިދާޅުވީ ހަނގުރާމައިގެ ހަރަކާތްތައް ކުރިއަށް ދިޔަސް، ޑިޕްލޮމެޓިކް ދާއިރާ އިން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.

"އަހަރެމެން މިދަނީ މިހާރު ވެސް މަޝްވަރާ ކުރަމުން، ވާހަކަ ދެއްކުމަށް އަހަރެމެން ދެކޮޅެއް ނުހަދަން،" ޕުޓިން ވިދާޅުވި އެވެ.

ދިގު މޭޒެއްގެ ދެކޮޅުގައި ދެ ބޭފުޅުން ތިއްބަވައިގެން ކުރިއަށް ގެންދެވި ވާހަކަތަކުގައި، ޕުޓިން ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ރަށް ބޭރުގައި އޮންނަ ބުޗާ އަވަށުގައި ރަޝިޔާ ސިފައިން ގަތުލުއާންމެއް ހިންގިކަމަށް ކުރި ތުހުމަތުތަކާ ގުޅިގެން، ސުލްހައިގެ ވާހަކތައް މަގުން ކައްސައިލި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް

"ބުޗާގައި އެ ކުރި ކަމަކީ ރަޝިޔާ ސިފައިންނާ އެއްވެސް ގޮތަކުން ގުޅުން ހުރި ކަމެއް ނޫން، އެއީ އަހަރެމެން ވަރަށް ހިތްހަމަނުޖެހުނު ތުހުމަތުތަކެއް. ރުޅިއެރުވުމުގެ އެ ތުހުމަތުތައް އުފަންކުރުވީ ކޮން ބައެއް، ކޮން މަގްސަދެއްގައިކަން ވެސް އަހަރެމެންނަށް އެނގޭ. އަދި އެކަމުގައި މަސައްކަތް ކުރީ ކޮން ކަހަލަ ބައެއްކަން ވެސް އެނގޭ،" ޕުޓިން ވިދާޅުވި އެވެ.

ގުޓަރޭސްއާ އެކުގައި ކުރެއްވި މަޝްވަރާތަކުގައި ރައީސް ޕުޓިން ވަނީ، އެ ގައުމުގެ ރައްކާތެރިކަން އެހެން ގައުމުތަކުން ކަށަވަރުކޮށްދޭ ބައިނަލްއަގުވާމީ މުއާހަދާއެއް އެކުލަވައިލުމަށް ހުށަހަޅުއްވައިފަ އެވެ. އޭގެ ބަދަލުގައި ޔޫކްރޭން ނޭޓޯގައި ބައިވެރިނުވުމާއި ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ޔޫކްރޭންގައި ގާއިމު ނުކުރުމުގެ އިތުރުން، ނިއުކްލިއާ ހަތިޔާރު ނުގެންގުޅޭ އަދި ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި، ޔޫކްރޭން އޮތުން ހިމެނެ އެވެ.

ރަޝިޔާ ސަރުކާރުގެ މަންދޫބުންނާއި ޔޫކްރޭން ސަރުކާރުގެ މަންދޫބުންނާ ދެމެދު ތުރުކީ ވިލާތުގައި ފެށި ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައީ، ރަޝިޔާ ސިފައިން ހިފައިގެން ތިބި ޔޫކްރޭންގެ ސަރަހައްދެއް ކަމަށްވާ ބޫޗާ އިން ރަޝިޔާ ސިފައިން ފައިބައިގެން ދިއުމަށް ފަހު، އެ ސަރަހައްދުން މަރާލާފައިވާ އާންމުންގެ ހަށިތަކެއް ފެނުމާ ގުޅިގެންނެވެ. ހުޅަނގުގެ މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި އެއީ ރަޝިޔާ ސިފައިން އެ ސަރަހައްދު ހިފައިގެން ތިބި އިރު ހިންގި ގަތުލުއާންމުގެ ނަތީޖާއެވެ.

ސެކްރެޓަރީ ޖެނެރަލް އަށް ރައީސް ޕުޓިން ދެންނެވި ގޮތުގައި ރަޝިޔާ ސިފައިން ފަށާފައިވާ އަސްކަރީ ހަރަކާތަކީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަ ދައްކާ ދަރިކޮޅުގެ މީހުން ތަހައްމަލް ކުރަމުންދާ ކެކުޅުންތަކަށް ނިމުމެއް ގެނައުމަށްޓަކައި، އަޅަން ޖެހުނު ވަރަށް މާޔޫސީ ފިޔަވަޅެކެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަށް ފަހު، ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަނީ ޑުޖަރިޗް ވިދާޅުވީ ޔޫކްރޭންގެ މަރިއުޕޯލްގައި ރަޝިޔާ ސިފައިންގެ ހިސާރުގެ ދަށުގައި ހުރި ދަގަނޑު ކާރުޚާނާގެ ތެރޭގައި ތާށިވެފައި ތިބި އާންމުން އެ ތަނުން ނެރުމުގައި ބައިނަލްއަގުވާމީ ރެޑް ކްރޮސް އާއި އދ. އިން ބައިވެރިވުމަށް، ޕުޓިން އެއްބަސްވެވަޑައިގަތެވެ. އަދި މިކަން ތަންފީޒު ކުރުމުގެ ގޮތުން، އދ.ގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ރަޝިޔާގެ ދިފާއީ ވުޒާރާއާ ދެމެދުގައި އިތުރު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.