Roadha Mihaaru
ރަޝިޔާގެ 4 މަތިންދާބޯޓު ޔޫކްރޭނުން ވައްޓާލައިފި

ރަޝިޔާގެ 4 މަތިންދާބޯޓު ޔޫކްރޭނުން ވައްޓާލައިފި

14 މެއި 2023

ޔޫކްރޭންގެ އެތެރެއަށް ހަމަލާ ދިނުމަށް ރަޝިޔާގެ ތެރެއިން އައި ރަޝިޔާގެ ވައިގެ ސިފައިންގެ ހަތަރު އުޅަނދަކަށް، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައްޓައިލި ކަމަށް ޔޫކްރޭނުން މިއަދު ބުނެފި އެވެ.

ޔޫކްރޭންގެ އެތެރެއަށް ހަމަލާ ދިނުމަށް ރަޝިޔާގެ ތެރެއިން އައި ރަޝިޔާގެ ވައިގެ ސިފައިންގެ ހަތަރު އުޅަނދަކަށް، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައްޓައިލި ކަމަށް ޔޫކްރޭނުން މިއަދު ބުނެފި އެވެ.

ޔޫކްރޭންގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާ ދީ ވައްޓައިލީ، ރަޝިޔާގެ ސުކޯއީ ސޫ-34 މަރުކާގެ މަތިންދާބޯޓަކާއި ސުކޯއީ ސޫ-35 މަރުކާގެ މަތިންދާބޯޓެއްގެ އިތުރުން، މީ-8 މަރުކާގެ ދެ ހެލިކޮޕްޓަރެވެ. އެ ހަތަރު އުޅަނދު ވެސް ވައްޓައިލީ ޔޫކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަޝިޔާގެ ބްރިޔަންސްކް ސަރަހައްދުގެ ތެރެއިން ޔޫކްރޭނަށް ވަދެގެން ދަތުރުކުރަނިކޮށެވެ.

އެ އުޅަނދުތައް ދަތުރުކުރި މިސްރާބަށް ބަލާއިރު، ބެލެވޭ ގޮތުގައި އެ ހަތަރު އުޅަނދުގެ ތެރެއިން ދެ މަތިންދާބޯޓު މަސައްކަތް ކުރީ، ޔޫކްރޭންގެ ޗެރްނިހީވް ސަރަހައްދަށް މިސައިލާއި ބޮމުގެ ހަމަލާތަކެއް ދިނުމަށެވެ. އަދި ދެ ހެލިކޮޕްޓަރު މަސައްކަތް ކުރީ، އެ ދެ މަތިންދާބޯޓަށް މަދަދުދޭ ދެ އުޅަނދުގެ ގޮތުގައި ކަމަށް ވެސް ޔޫކްރޭންގެ ނޫސްތަކުން ބުނެ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ރަޝިޔާ އިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. އަދި ޔޫކްރޭން ސަރުކާރުން ވެސް މި ހާދިސާއާ ބެހޭ ގޮތުން ރަސްމީ ޖަވާބެއް ނުދެ އެވެ. ޔޫކްރޭންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީގެ ސީނިއާ އެޑްވައިޒަރަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫކްރޭންގެ ޗެރްނިހީވް ސަރަހައްދަށް ބޮމާއި މިސައިލުން ހަމަލާ ދޭން އުޅުނު، ރަޝިޔާގެ ވައިގެ ސިފައިންގެ ހަތަރު އުޅަނދެއް "ކޮންމެވެސް ބަޔަކު ހަމަލާދީ ވައްޓައިލި" ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ރަޝިޔާގެ ޓާސް ނޫސް އޭޖެންސީން ބުނި ގޮތުގައި އެ ގައުމުގެ ސުކޯއީ ސޫ-34 މަރުކާގެ މަތިންދާބޯޓެއް އިއްޔެ ވަނީ، ޔޫކްރޭނާ ކައިރި ސަރަހައްދަކަށް ވެއްޓިފަ އެވެ. އަދި ބްރިޔަންސްކް ސަރަހައްދުން ދަތުރުކުރި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވުމުގެ ސަބަބުން ވެއްޓިފައިވާ ކަމަށް ވެސް ޓާސް އިން ބުންޏެވެ.