Roadha Mihaaru
ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ ބަލައިދޭން އެދިއްޖެ

ފުލުހަކު ނޫސްވެރިއަކަށް އިންޒާރުދިން ކަމަށް ބުނާ މައްސަލައެއް ބަލައިދޭން އެމްއެމްސީން އެދިއްޖެ

19 މެއި 2022

މާލޭގައި އިދިކޮޅުން ރޭ ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާ ރޫޅާލަން އުޅުނު ފުލުހަކު ނޫސްވެރިއަކަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ބަލައިދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ފުލުހުންގެ ކިބައިން މިއަދު އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި އިދިކޮޅުން ރޭ ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާ ރޫޅާލަން އުޅުނު ފުލުހަކު ނޫސްވެރިއަކަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ބަލައިދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ފުލުހުންގެ ކިބައިން މިއަދު އެދިއްޖެ އެވެ.

އެ ކައުންސިލުން ބުނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ކަވަރުކުރުން އުޅުނު ނޫސްވެރިއަކަށް "ސޯލިހު" ނަމަކަށް ކިޔާ ފުލުހަކު އިންޒާރުދިން ކަމަށް ބުނެ، މީޑިއާގައި ރިޕޯޓްކޮށްފައިވާ ކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ބަލައި، ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު މީޑިއާ ކައުންސިލާ ހިއްސާކުރަން ފުލުހުންގެ ކިބައިން މިހާރު އެދިފައިވާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި "ސޯލިހު" ކިޔާ އެ ފުލުސް މީހާ، ރޭގެ މުޒާހަރާގައި ނޫސްވެރިއަކަށް އަމާޒުކޮށް "ހޭއަރުވައިލާނެ" ކަމުގެ އިންޒާރު ދިނެވެ. އަދި އެ ވަގުތު އެ ތަނުގައި ތިބި ބައެއް ނޫސްވެރިން އެކަން ޓުވިޓާގައި އާންމުކޮށް، ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ވެ އެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރު ވެސް ކުރި އެވެ.

އިދިކޮޅުގެ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ މަހުގެ 21 ގައި ވަނީ ކަނޑައަޅައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރު ވެސް ކުރުވި އެވެ. އެކަމަކު، އެ މައްސަލަތަކާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.