Roadha Mihaaru
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ

ނޫސްވެރިން "ހޭއަރުވައިލާނެ" ކަމަށް ފުލުހަކު ބުނި މައްސަލަ ބަލަން އައިއެފްޖޭ އިން ގޮވާލައިފި

24 މެއި 2022

މި މަހުގެ 18 ގައި މާލޭގައި އިދިކޮޅުން ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާ ރޫޅާލަން އުޅުނު ފުލުހަކު، ނޫސްވެރިންނަށް "ހޭއަރުވައިލާނެ" ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ތަހުގީގު ކުރުމަށް ދުނިޔޭގެ ނޫސްވެރިންގެ އެންމެ ބޮޑު ޔުނިއަން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން އިއްޔެ ގޮވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި މަހުގެ 18 ގައި މާލޭގައި އިދިކޮޅުން ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާ ރޫޅާލަން އުޅުނު ފުލުހަކު، ނޫސްވެރިންނަށް "ހޭއަރުވައިލާނެ" ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ތަހުގީގު ކުރުމަށް ދުނިޔޭގެ ނޫސްވެރިންގެ އެންމެ ބޮޑު ޔުނިއަން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން އިއްޔެ ގޮވާލައިފި އެވެ.

އެ ޖަމާއަތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޔުނިއަން އާއި ރާއްޖޭގައި އެ މީހުންގެ ތަމްސީލުކުރާ ޖަމިއްޔާ ކަމަށްވާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެ މައްސަލަ ކުށްވެރިކުރާ ކަމަށާއި ސަރުކާރުން އެ މައްސަލަ ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން އެ ރޭ ބޭއްވި މުޒާހަރާ ކަވަރުކުރުން އުޅުނު ނޫސްވެރިންނަށް "ސޯލިހު" ނަމަކަށް ކިޔާ ފުލުހަކު އިންޒާރުދިން ކަމަށް ބުނެ، ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ކުށްވެރިކޮށް، އެ މައްސަލަ ބަލައިދޭން ފުލުހުންގެ ފަރާތުން އެދިފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި "ސޯލިހު" ކިޔާ އެ ފުލުސް މީހާ، އެ މުޒާހަރާގައި ނޫސްވެރިންނަށް އަމާޒުކޮށް "ހޭއަރުވައިލާނެ" ކަމުގެ އިންޒާރު ދިނެވެ. އަދި އެ ވަގުތު އެތަނުގައި ތިބި ބައެއް ނޫސްވެރިން އެ ކަން ޓުވިޓާގައި އާންމުކޮށް، ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ވެ އެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ މަހުގެ 21 ގައި ވަނީ ކަނޑައަޅައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރު ވެސް ކުރުވި އެވެ. އެކަމަކު، އެ މައްސަލަތަކާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.