Roadha Mihaaru
ނޫސްވެރިން ކޮއްޕައި ވެއްޓި މައްސަލަ ބަލަނީ

ނޫސްވެރިން ކޮއްޕައި ވެއްޓި މައްސަލަ ބަލަނީ

20 ޖުލައި 2023

އިދިކޮޅު ކޯލިޝަނުން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ކުރި މުޒާހަރާ ކަވަރުކުރަން އުޅުނު ބައެއް ނޫސްވެރިން އެތަނުން ނެރެން ފުލުހުން އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ކޯލިޝަނުން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ކުރި މުޒާހަރާ ކަވަރުކުރަން އުޅުނު ބައެއް ނޫސްވެރިން އެތަނުން ނެރެން ފުލުހުން އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ތަފްސީލެއް ނުދީ، ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ބޭއްވި މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނާ މެދު އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށެވެ.

އެ ސަރަހައްދުގައި ހުރި ނޫސްވެރިޔަކު ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި އިދިކޮޅުން ބޭއްވި އެއްވުމުގައި، އިދިކޮޅު ކޯލިޝަންގެ އިސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ފުލުހުން މަސައްކަތްކުރީ އެ ސަރަހައްދުން ނޫސްވެރިން ދުރުކުރާށެވެ.

އެއްވުން މަނާ ގްރީން ޒޯނުން ނޫސްވެރިން ނެރުމުގެ ގޮތުން ޗެނަލް 13 ގެ ކެމެރާމަން މިސްބާހު އެ ސަރަހައްދުން ދުރަށް ދިއުމަށް ފުލުހުން އެދުމުން، އޭނާ ދުރަށް ނުގޮސް އެތަނުގައި ހުރެ އެވެ. ދެން ފެނުނީ ކައިރީގައި ހުރި ފުލުހަކު މިސްބާހު ކޮއްޕާލާތީ އެވެ. މިސްބާހު ކޮއްޕާލުމާ އެކު، އޭނާ ކައިރީގައި ހުރި ސަންގު ޓީވީގެ ނޫސްވެރިޔާ މާހަތު ހުސެއިން ގައިގައި ވެސް ޖެހި، ދެ މީހުން ބިންމައްޗަށް ވެއްޓެ އެވެ.

އެ ވަގުތު، މުޒާހަރާގައި ބައިވެރިވި އަންހެނެއްގެ ފަޔަށް، ފުލުހުންގެ ބޫޓަކުން އަރައިގެން ތަދުވާތީ ވެސް އޮތެވެ.

ފުލުހުންނާއި ނޫސްވެރިން އުޅުނު ގޮތް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ގިނަ ބަޔަކު އަންނަނީ ފުލުހުން އަމަލުކުރި ގޮތް ކުށްވެރިކުރަމުންނެވެ.