Roadha Mihaaru
ލަންކާއަށް ބޭރުގެ އެހީ ހޯދަން ނަޝީދާ ހަވާލުކުރައްވައިފި

ލަންކާއަށް ބޭރުގެ އެހީ ހޯދަން އެ ގައުމުން ނަޝީދާ ހަވާލުކުރައްވައިފި

19 މެއި 2022

ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެ ގައުމުގެ ސަރުކާރުން މިއަދު ހަވާލު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެ ގައުމުގެ ސަރުކާރުން މިއަދު ހަވާލު ކުރައްވައިފި އެވެ.

ލަންކާގެ ބޮޑުވަޒީރު ރަހިން ވިކްރަމަސިންހަ އެގޮތަށް ނިންމެވީ ރަނިލް އާއި ނަޝީދު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި، އެ ގައުމަށް ބޭރުގެ އެހީ ހޯދައިދޭން ނަޝީދު ހުށަހެޅުއްވުމުންނެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ނަޝީދުގެ އެ ހުށަހެޅުއްވުން ރަނިލް ގަބޫލުފުޅު ކުރެއްވުމަށްފަހު، ލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު ނަޝީދަށް ވަނީ ދެއްވައިފަ އެވެ. އަދި ނަޝީދުގެ އެއްބާރުލުމަށް ރަނިލް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ލަންކާގެ ނޫސްތަކުގައިވެ އެވެ.

ނަޝީދު އަމިއްލައަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ހުންނެވިއިރު ސްރީ ލަންކާއަށް ވަރަށް ގިނައިން ވަޑައިގަންނަވަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު އިދިކޮޅު ގިނަ އިސް ބޭފުޅުން ހަރަކާތްތެރިވީ ވެސް ލަންކާގަ އެވެ. އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީގެ ހަރަކާތްތައް ރަސްމީކޮށް ލަންކާގައި ހިންގި އެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެ، ބޭރު ފައިސާ ހުސްވުމުން ޒަރޫރީ ތަކެތި ގައުމުން ހުސްވެ ޕެޓްރޯލާއި ތެޔޮ ވެސް ވަނީ ހުސްވެފަ އެވެ. އަދި ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭން ފައިސާ ޗާޕް ކުރުން ނޫން ގޮތެއް ނެތެވެ.

އެކަމާ ހިތްހަމަނުޖެހިގެން ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުމަކަށް ބަދަލުވުމުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ ދާދިފަހުން އިސްތިއުފާ ދެއްވައިފަ އެވެ. ކުރިން ބޮޑުވަޒީރުކަން ކުރެއްވި ރަނިލް އަލުން މަގާމަށް ވަޑައިގަތީ އެ ހިސާބުންނެވެ.