Roadha Mihaaru
ނަޝީދު، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ނަޝީދު، ލަންކާގެ ބޮޑުވަޒީރު ރަނިލްއާ ބައްދަލު ކުރައްވައިފި

06 ޑިސެމްބަރ 2017

ސްރީ ލަންކާގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ރަނިލް ވިކްރަމަސިންހައާ، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ރަނިލް ވިކްރަމަސިންހައާ، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ލަންކާގައި މިވަގުތު ހުންނެވި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނިލްއާ އެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ ހުރިހާ ލީޑަރުންނަށް ބައިވެރިވެވޭ މިނިވަން، އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނަޝީދު ނުދެއްވަ އެވެ.

ރަނިލް އާއި ނަޝީދުގެ ބައްދަލުވުން ކޮލަމްބޯގައި މިއަދު ކުރިއަށް ގެންދިޔައިރު، މީގެ ކުރިން ވެސް އެ ދެ ބޭފުޅުން ވަނީ އެކި ފަހަރު މަތިން އެ ގައުމުގައި ބައްދަލު ކުރައްވައި، ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް ގުޅިފައިވާ އިދިކޮޅު ގިނަ ޕާޓީތަކަކުން ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.

ޓެރަރިޒަމްގެ ކުށުގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ، ގާނޫނުއަސާސީ އޮތް ގޮތުން އެ މަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. ނަމަވެސް އެމްޑީޕީގެ އިސް ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަ ކުރެއްވޭނެ ކަމަށެވެ.

ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވި ފަހުން، އެމްޑީޕީގެ ބޮޑެތި ހަރަކާތްތައް ހިންގަނީ ލަންކާގަ އެވެ. އެހެންވެ، ގިނަ ބަޔަކު ބުނާ ގޮތުގައި ލަންކާ އަކީ އެމްޑީޕީގެ "ކިއްލާ" އެކެވެ. ނަޝީދު ވެސް ގެންދަވަނީ އެ ގައުމަށް ދޭތެރެދޭތެރެއިން ވަޑައިގެން ބައެއް ގައުމުތަކުގައި އިސް އޮފިޝަލުންނާއެކު ބައްދަލުވުންތައް ބާއްވަވަމުންނެވެ. އެކަމަކު، ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ލަންކާ އަކީ އެމްޑީޕީ ކިއްލާއެއް ކަމަށް ބުނެ، ފަތުރަމުން އަންނަ ވާހަކަތައް ދޮގު ކުރައްވައި، އެތަނުގައި ޕީޕީއެމަށް ސަޕޯޓު ބޮޑު ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީ ސަރުކާރުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މިހާރު ތިއްބެވީ ލަންކާ އަށް އަމިއްލަ އަށް އަރުވާލެއްވިގެންނެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާއި މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އިދިކޮޅު ބައެއް ބޭފުޅުން ލަންކާ ސަރުކާރުގެ އިސް ވެރިންނާއެކު ބައްދަލުވުންތައް ބާއްވަވާތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ، އެކަމުގެ އަޑީގައި އޮތީ ލަންކާގެ ސަރުކާރު ކަމަށް ވިދާޅުވެ، ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ދާދި ފަހުން ވަނީ އެ ގައުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.