Roadha Mihaaru
ޝާފިއު އާއި މިސްބާހު ދަތުރުކުރީ ކައިވެންޏަކަށް ދާން

ޝާފިއު އާއި މިސްބާހު ދަތުރުކުރީ ކައިވެންޏަކަށް ދާން، މިސްބާހުގެ ކޮއްކޮ ވެންޓިލޭޓަރުގައި!

21 މެއި 2022

ގއ. ވިލިނގިލީގެ ނެރުމަތީގައި މިރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި މަރުވި ދެ މީހުންނަކީ އެ ރަށުގައި މާދަމާ ބާއްވާ ކައިވެނި ޕާޓީއަކަށް ދާން ދަތުރުކުރި ބައެކެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ގއ. ވިލިނގިލީގެ ނެރުމަތީގައި މިރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި މަރުވި ދެ މީހުންނަކީ އެ ރަށުގައި މާދަމާ ބާއްވާ ކައިވެނި ޕާޓީއަކަށް ދާން ދަތުރުކުރި ބައެކެވެ.

ޕުލްމަން ރިސޯޓުން ފުރައިގެން ވިލިނގިއްޔަށް އެ ލޯންޗުކުރި މި ދަތުރުގައި ހިނގި އެ ހާދިސާގައި ނިޔާވީ ވިލިނގިލި ދޫރެސް، މިސްބާހު އަބްދުލް މުހުސިނާއި ނ. ލަންދޫ އުރަހަ، މުހައްމަދު ޝާފިއު އެވެ.

ފަސް މީހުންނާއެކު ދަތުރުކުރި އެ ލޯންޗުގައި ތިބި އެެ ދެ މީހުން މަރުވިއިރު، އަނެއް ތިން މީހުންގެ ހާލު ސީރިއަސް އެވެ. އޭގެ ތެރެއިން އެކަކަށް މިހާރު ވެސް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ.

ލޯންޗުން ދަތުރުކުރި ބާކީ ތިން މީހުން ވެސް އެމްއެންޑީއެފްގެ އެހީގައި އިމަޖެންސީކޮށް މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ވެންޓިލޭޓަރުގައި ފަރުވާދެނީ މަރުވި މިސްބާހުގެ ކޮއްކޮ އިސްހާގު އަބްދުލް މުހުސިނަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ލޯންޗުގައި ދަތުރުކުރި ބައެއް މީހުން ވިލިނގިއްޔަށް ދިޔައީ ކައިވެނި ޕާޓީއަކަށެވެ. މާދަމާ ކައިވެނިކުރަން ހަމަޖެހިފައި އޮތީ ލަންދޫގެ ފިރިހެނަކާއި ވިލިނގިލީގެ އަންހެނަކު ކަމަށް އެނގިފައި ވެ އެވެ.

ކައިވެނިކުރާ ފިރިހެންމީހާއަކީ މަރުވި އެކެއްގެ ތެރެއިން ޝާފިއުގެ ބޭބެ އެވެ. ކައިވެނިކުރާ އަންހެން މީހާއަކީ މަރުވި މިސްބާހުއާ އާއިލީ ގުޅުމެއް އޮންނަ މީހެއް ކަމަށް ވެ އެވެ. ނަމަވެސް އެ ދެ މީހުންގެ އޮތީ އާއިލީ ކޮން ގުޅުމެއް ކަމެއް ނޭނގެ އެވެ.

އެކްސިޑެންޓްވި ލޯންޗް

އެކްސިޑެންޓްވި ލޯންޗް

ލޯންޗުގައި ދަތުރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހުންނަކީ ލަންދޫގެ ދެ މީހެކެވެ. އަދި އަނެއް ތިން މީހުންނަކީ ވިލިނގިލި ބައެކެވެ. ލޯންޗުގައި ދެން އިން ލަންދޫ މީހާއަކީ ޝާފިއުގެ ބޭބެ އެކެވެ.

ޝާފިއުގެ މަރާއެކު ލަންދޫގެ މީހުންނަށް ވެސް ލިބިފައިވަނީ ސިހުމެކެވެ. އޭނާއަކީ ފުޓުބޯޅަ ދަނޑުގައި ވެސް މޮޅު ކުޅުންތެރިއެކެވެ. ޝާފިއުގެ މަރާއެކު އޭނާގެ ބައްޕަގެ ހާލުދެރަވެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި ކައިވެންޏަށް އެ އާއިލާގެ ވެސް ގިނަ ބަޔަކު ވަނީ ވިލިނގިއްޔަށް ގޮސްފަ އެވެ.

ލޯންޗު ނެރުބައްތިއަށް އަރަން މެދުވެރިވި ސަބަބެއް އަދިއެއް ނޭނގެ އެވެ.