Roadha Mihaaru
އަނިޔާ ލިބޭ ކުދިން އިތުރު އަނިޔާއަށް ހުށަހަޅަނީ!

އަނިޔާ ލިބޭ ކުދިންގެ ވަނަވަރު އާއްމުކޮށް އިތުރު އަނިޔާއަށް ހުށަހަޅަނީ!

22 މެއި 2022

ޖިންސީ ގޯނާ އާއި އެ ނޫން ވެސް އެކި އަނިޔާ ލިބޭ ކުދިން އެނގޭ ގޮތަށް ވާހަކަތަކާއި ފޮޓޯ އާއި ވީޑިއޯ އާއްމުކޮށް އިތުރު އަނިޔާ އަށް ހުށަނާޅަން ޖެންޑާ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖިންސީ ގޯނާ އާއި އެ ނޫން ވެސް އެކި އަނިޔާ ލިބޭ ކުދިން އެނގޭ ގޮތަށް ވާހަކަތަކާއި ފޮޓޯ އާއި ވީޑިއޯ އާއްމުކޮށް އިތުރު އަނިޔާ އަށް ހުށަނާޅަން ޖެންޑާ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އަނިޔާ ލިބޭ ކުދިން އިތުރު އަނިޔާ އަށް ހުށަހަޅަމުންދާ މައްސަލައިގައި މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރީ ޖިންސީ ގޯނާ އަށް ހުށަހެޅުނު ކުދިންތަކަކީ ކޮން ބައެއްކަން އެނގޭ ގޮތަށް ސޯޝަލް މީޑިއާގައި ވީޑިއޯއެއް ފަތުރަމުން ދަނިކޮށެވެ. އާއިލީ މީހެއް ކަމަށް ބުނެ ކުދިންގެ ވަނަވަރު ހާމަވެ، އިތުރު އަނިޔާ ލިބޭ ގޮތަށް އެ ވީޑިއޯގައި ވާހަކަ ދައްކަ އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އާ ގާނޫނުގެ ދަށުން އުފައްދާފައިވާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އެ ގާނޫނުގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ މައުލޫމާތު އާއްމުކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެ ސާވިސް އަށް ލިބެ އެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާއްމުކުރުން މަނާކޮށްފައިވާ މާއްދާ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާއްމުކުރުން މަނާކޮށްފައިވާ މާއްދާ.

މިނިސްޓްރީން އެދެނީ އަނިޔާ ލިބުނު ކުދިންތަކެއް ރީވިކްޓިމައިޒް ވެދާނެ ފަދަ ގޮތަށް އާއްމުކުރާ ވީޑިއޯތައް ޑިލީޓް ކުރުމަށެވެ. އެއްވެސް މީހަކު ފޭސްބުކާއި ޓުވިޓާ އަދި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުގައި ވެސް އެ ދައުރުނުކުރަން މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ މައުލޫމާތު އާއްމުކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅިފައި އޮތް ގާނޫނީ ކުށެކެވެ.

އެ ގާނޫނުގެ 33 ވަނަ މާއްދާގައި ބުނެފައި ވަނީ ކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށެވެ.

އެ މާއްދާގައި ވަނީ ކުށުގެ ތުހުމަތުވާ ކުދިންނާއި ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ސީދާ ގޮތުން އަދި ނުސީދާ ގޮތުން ނަމަވެސް ކުއްޖާ އަކީ ކާކުކަން ދެނެގަނެވޭ ގޮތަށް އެއްވެސް މައުލޫމާތެއް, ތަސްވީރެއް ހާމަނުކުރެވޭނެ ކަމަށެވެ.