Roadha Mihaaru
ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟

ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟

19 ސެޕްޓެމްބަރ 2021

ފިޔަވަތީގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި، ފުރާޅު މައްޗަށް އެއްފަހަރާ ގިނަ ކުދިންތަކެއް އަރައި އުޅުނު މިދިޔަ ހުކުރު ދުވަހަކީ ވެސް އެ ތަނުގައި އާއްމު ދުވަހެކެވެ. އާދަޔާހިލާފު ކަމެއް ނުހިނގަ އެވެ. ބައެއް ކުދިން ފުރާޅަށް އެރުމުގެ އިރުކޮޅެއް ކުރިން، ބަލަހައްޓާ މުވައްޒަފުންނާ އެކު މޫދަށް ގޮސް އުޅުނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފިޔަވަތީގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި، ފުރާޅު މައްޗަށް އެއްފަހަރާ ގިނަ ކުދިންތަކެއް އަރައި އުޅުނު މިދިޔަ ހުކުރު ދުވަހަކީ ވެސް އެ ތަނުގައި އާއްމު ދުވަހެކެވެ. އާދަޔާހިލާފު ކަމެއް ނުހިނގަ އެވެ. ބައެއް ކުދިން ފުރާޅަށް އެރުމުގެ އިރުކޮޅެއް ކުރިން، ބަލަހައްޓާ މުވައްޒަފުންނާ އެކު މޫދަށް ގޮސް އުޅުނެވެ.

އެކަމަކު ހަމަ ކުއްލިއަކަށް ފެނުނީ އެއްފަހަރާ ގިނަ ކުދިންތައް ފުރާޅު މައްޗަށް އަރައި ތަންތަން ހަލާކުކޮށް އަޑުގަދަ ކުރަމުން ދިޔަ ތަނެވެ. ދުރުގައި ބަލަން ތިބި މީހުންނަށް ފެނުނީ ތަނުގެ ހާލަތު ގޯސްވެފައި އޮތް މިންވަރެވެ. ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ކޮންޓްރޯލް ނުކުރެވިގެން އުޅުނު މަންޒަރެވެ.

މިއީ ކިހިނެއް ވީ ކަމެއްކަން އަދި ނޭނގެ އެވެ.

ސޯޝަލް މީޑިއާގައި މިފޮޓޯތަކާއި ވީޑިއޯ ވައިރަލްވެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެންމެ ބޮޑު ތުހުމަތަކީ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ނުލިބޭތީ ހާލަތު ބޮއްސުންލާފައި އޮތް ކަމެވެ. ކުދިންގެ ފަރާތުން އަޑު އިވުނު ވާހަކަތަކުން ސިފަކުރީ ތަން މެނޭޖްކުރުމުގައި ނުކުޅެދިފައި އޮތް ކަމަށެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ނަން ހާމަނުކުރަން އެދި ފިޔަވަތިން "މިހާރު" އަށް ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި ތުހުމަތުކުރާ ވަރުގެ ގޯސްތަކެއް ފިޔަވަތީގައި ނުހިނގަ އެވެ. މިސާލެއް ދައްކަމުން އެކަކު ބުނީ ކުދިންތަކެއް މި ދޭތެރެއަކުން އަޑުގަދަކޮށް، މީހުން އެއްވީ ވެސް އެތަނުގައި ކަމެއް ހިނގައިގެން ނޫނެވެ. ފުރާވަރު ކުދިންތަކެއް އެކަން ކުރީ ކޮންމެވެސް ވަރަކަށް އެކަމުން ވާނެ ގޮތް އެނގޭތީ ކަމަށް ބުންޏެވެ.

އެކަމަކު ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކަށް ވެސް ގަބޫލުކުރަން ދަތިވަނީ ކަމެއް ގޯސް ނުވާ ނަމަ، ކުދިންގެ ހިތްހަމަނުޖެހުމާއި ނުކިޔަމަންތެރިކަން އެގޮތަށް ދައްކަންވީ ސަބަބެވެ.

މިކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވެސް "މިހާރު" އަށް ވިދާޅުވީ ދެކޮޅުވެރިކަން ދައްކައި އެ ކުދިންގެ ފަރާތުން އެ ރޭ ފެނުނީ އާއިލާގެ ލޯތްބާއި އަޅާލުމުން މަހްރޫމްވެ ހިތްދަތިކަން ތަހައްމަލްކުރަމުންދާ ކުދިންގެ ފަރާތުން ފެނިދާނެ "ނޯމަލް ބިހޭވިއާއެއް" ކަމަށެވެ. އެކަމުގައި މާ ބޮޑު ގޯސްތަކެއް ހިނގާފައި ނުވާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝާ ވާހަކަ ދައްކަވަނީ: ފިޔަވަތީގައި ދިމާވި ކަންކަމަށް ފިޔަވަޅު އަޅުއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝާ ވާހަކަ ދައްކަވަނީ: ފިޔަވަތީގައި ދިމާވި ކަންކަމަށް ފިޔަވަޅު އަޅުއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި.

އޭނާ ވިދާޅުވީ ކުދިންގެ ފަރާތުން އެކަން ހިނގައިދިޔަ ސަބަބު ދެނެގަނެ، ވަށައި ޖެހޭ ހައްލަކަށް މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެހެން މެދުވެރިވާން ދިމާވި ބައެއް ސަބަބުތައް މިނިސްޓަރު ކިޔައިދެއްވި އެވެ. އެއް ކަމަަކަށް ފާހަގަކުރެއްވީ، އެ ކުދިން އެންމެ އިތުބާރުކުރާ ނުވަތަ ލޯބިވާ މަގާމެއްގައި ހުންނަ މީހެއްގެ ފަރާތުން ހިތާމަވެރި ހާދިސާތަކެއް ތަހައްމަލް ކުރަން ޖެހިފައި ވުމެވެ. އެފަދަ ހިތާމަވެރި ހާލަތެއް މެދުވެރިވެ ރައްކާތެރިކަން ފޯރުކޮށްދޭން ނިންމާ ނިންމުމުގެ ސަބަބުން އާއިލާއާ ދުރުގައި ވަގުތު ހޭދަކުރާ އެ ކުދިންނަށް އެ ހާދިސާ ސިކުނޑީގައި ހަރުލާފައި ހުންނަ ކަމަށް ވިދާޅުވި އެވެ.

އެ ހިޔާލުތައް ބައެއް ކުދިން ދައްކުވައިދެނީ އޭނާ ވިދާޅުވި ގޮތުގައި އުޅުމާއި މިޒާޖުންނެވެ.

އެކަން އެނގި ތިބެ، ދައުލަތުން އެ ކުދިން ބަލަހައްޓަމުން އައީ ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ. އެކަމަކު ހިނގައިދިޔަ ކަންކަމަށް މަގުފަހިވި ސަބަބުތައް ދެނެގަތުމަށް އެ ކުދިންނާ ވަކިވަކިން ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފިޔަވަތީގައި ދައުލަތުން ބަލަހައްޓަނީ އާއިލާތަކުން އިހުމާލުވެފައި ތިބި އުމުރުން 13 އަހަރުން ދަށުގެ ކުދިންނެވެ. އެއަށް ވުރެން ބޮޑެތި ކުދިން ވެސް ހިމެނޭ ގޮތަށް ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ވެސް ގިނަ ކުދިންތަކެއް ބެލެހެއްޓި އެވެ. އެކަމަކު ރަށްރަށުގައި އަމާން ހިޔާތަކެއް ހަދައި އެ ކުދިން މިހާރު ވަނީ އެތަންތަނަށް ބަދަލުކޮށްފަ އެވެ.

ފުރާވަރަށް އަރައިގެން އަންނަ އުމުރަކީ ކުދިންނަށް ކަނޑައެޅިފައި ހުންނަ ހޫދުދުތަކާއި މިންގަނޑުތަކަށް ތަބާނުވެ މިނިވަންކަން މަތީގައި އުޅެން ބޭނުންވާ އުމުރުކަން ފާހަގަކުރައްވަމުން ވިދާޅުވީ ފިޔަވަތީގައި ވެސް ކުދިންގެ ފަރާތުން އެ ދެކޮޅުވެރިކަން ދެއްކުމަކީ އެ އުމުރުފުރައިގެ ކުދިންގެ ފަރާތުން ފެނިދާނެ "ނޯމަލް ބިހޭވިއާއެއް" ކަމަށެވެ.

"ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދާ ކުދިންނަކީ އެހެން ކުދިންނެކޭ އެއްގޮތަށް އާއިލާ، މުޖުތަމައު، މުދައްރިސުން އެކުގައި ކިޔަވަމުންދާ ދަރިވަރުންނާއި އެންމެންގެ ލޯބި ލިބިގެން ހެދިބޮޑުވުމުގެ މަރުހަލާ ކަޑައްތުކުރަން ބޭނުންވާ ކުދިން،" މިނިސްޓަރު ވިދާޅުވި އެވެ.

"އެ ކުދިންގެ މާޒީގައި ހިނގާފައިވާ ހާދިސާއަކަށް ބިނާކޮށް ކުދިން ލޭބަލްކުރެވި މުޖުތަމައު އިން ހަވާސާ ކުރެވިފައިވާ ކުދިންތަކެއްގެ ގޮތުގައި އެ ކުދިން ދެކުމަކީ އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ކުދިން ތަހައްމަލު ކުރަމުންދާ ޓްރޯމާ އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެ ކުދިންގެ އުޅުމާއި މިޒާޖަށް ނޭދެވޭ ބަދަލު ގެނުވާ ކަމެއް."

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުދިންގެ މިޒާޖަށް ބަދަލު އައުމުން އަބަދުވެސް ފިޔަވަޅުތަކެއް އަޅަ އެވެ.

- ހާލަތަށް ރިއާޔަތްކޮށް ކުއްޖަކަށް އާޖެންޓް ފަރުވާ ރިފަރަލްއެއް ހަދައިގެން ފޯރުކޮށްދޭން ޖެހޭ ކަމަށް ފާހަގަކުރެވޭ ނަމަ އެކަން ކުރިއަށް ގެންދޭ.

- ކުދިންނާ އެކު ވަގުތު ހޭދަކޮށް އެ ކުދިންގެ ވާހާކަތައް އަޑުއަހައި އެ ވާހަކަތަކަށް ބިނާކޮށް ކުދިންގެ މަސްލަހަތަށް އިސްކަންދީގެން ކުރެވޭނެ ކަންކަން އިންތިޒާމެއްގެ ތެރެއިން ތަރުތީބު ކުރުން.

- ކުއްޖާގެ ނުރަގަޅު އަހްލާގު ޓްރިގަ ކުރަން މެދުވެރިވާ ސަބަބު ދެނެގަނެ ސައިކޮލޮޖިސްޓްގެ އެހީތެރިކަމާ އެކު ކުއްޖާއަށް ބޭނުންވާ އިމީޑިއޭޓް ކްލިނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.

މިނިސްޓަރު ވިދާޅުވީ ހުކުރު ދުވަހުގެ ރޭގައި މެދުވެރިވި ހާލަތާ ގުޅިގެން ވެސް، ހާއްސަ އަޅާލުމާއި އެކި ބާވަތުގެ ތެރަޕީ ބޭނުންވާ ކުދިން ފާހަގަކޮށް، އެ ކުދިން ހެދި ބޮޑުވުމުގެ މަރުހަލާ އަށް ބޭނުންވާ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ކެއާ ޕްލޭނެއްގެ ތެރެއިން ހަމަޖައްސާފައިވާ ކަމަށެވެ. ކުދިންގެ އުދާސްތަކާއި ޝުއޫރު އަޑު އަހައިގެން މައްސަލަތަކަށް ހައްްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަަށް ވިދާޅުވި އެވެ.

"ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނާ އެކު ސްޕޯޓްސް ހަރަކާތްތަކުގައި ޝާމިލުވެ އުޅެވޭނެ މުވައްޒަފުން ދެނެގަނެ ޝެޑިއުލްޑް ޕްރޮގްރާމެއްގެ ތެރެއިން ކުދިންނާ އެކު ކުޅިވަރު ހަރަކާތްތަކެއް ފަށާނެ. މީގެ އިތުރުން ފިޔަވައްޗަށް ކުރިން އެންގުމަކާ ނުލައި ގާތްގާތުގައި އަޅުގަނޑު ޒިޔާރަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުދިން މަރުކަޒުތަކުގައި ބަންދުކުރުމުގެ ސިޔާސަތާ ދުރަށް

ފިޔަވަތީގެ ޖާގައަކީ 80 ކުދިންނެވެ. އެކަމަކު އެތަނުުގައި 100 އަށް ވުރެން ގިނަ ކުދިން ބެލެހެއްޓުމަކީ އެ ކުދިންނަށް ބޭނުންވާ ވަރަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށް ނުދެވިދާނެ ސަބަބެކެވެ. އެއާއެކު، އެ ކުދިން ބަލަހައްޓަނީ އެކަށީގެންވާ ތަމްރީން ލިބިފައި ތިބި މުވައްޒަފުންނަށް ނުވުން މައްސަލައަކަށް ވެދާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މުވައްޒަފުން އިތުރުކޮށް، ގިނަ ކުދިންތަކެއް މަރުކަޒުތަކުގައި ގެންގުޅުމަކީ އެ ކުދިންގެ ހެދި ބޮޑުވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އޮތް ރަނގަޅު ހައްލެއް ނޫނެވެ. އެހެންވެ ސިޔާސަތަކީ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކުދިންގެ އަދަދު މަދުކުރުން ކަމަށް ވިދާޅުވި އެވެ.

އަލަށް އެކުލަވާލެވުނު ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ރޫހަކީ ވެސް އެއީ. މި އަމާޒަށް ވާސިލް ވުމުގައި މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ،" އައިޝާ ވިދާޅުވި އެވެ.

"ދިމާވާ ހާލަތެއްގެ ސަބަބުން އާއިލާއާ ވަކިން ދިރިއުޅެން ޖެހިފައިވާ ކުދިންނަށް އާއިލީ ވެއްޓަކަށް ރުޖޫއަވެވޭނީ މުޖުތަމައު އާއި އާއިލާތަކުން އެ ފުރުސަތު ފަހިކޮށްދީގެން. އިޖްތިމާއީ އެކިއެކި މައްސަލަތަކާއި ޑިސްފަންކްޝަނަލް އާއިލާތަކުގައި އުނދަގޫ އިހްސާސްތައް ތަހައްމަލު ކުރަމުންދާ ކުދިންނަށް އެންމެންގެ އެހީތެރިކަން މުހިއްމު."

"ދިމާވާ ހާލަތެއްގެ ސަބަބުން އާއިލާއާ ވަކިން ދިރިއުޅެން ޖެހިފައިވާ ކުދިންނަށް އާއިލީ ވެއްޓަކަށް ރުޖޫއަވެވޭނީ މުޖުތަމައު އާއި އާއިލާތަކުން އެ ފުރުސަތު ފަހިކޮށްދީގެން. އިޖްތިމާއީ އެކިއެކި މައްސަލަތަކާއި ޑިސްފަންކްޝަނަލް އާއިލާތަކުގައި އުނދަގޫ އިހްސާސްތައް ތަހައްމަލު ކުރަމުންދާ ކުދިންނަށް އެންމެންގެ އެހީތެރިކަން މުހިއްމު."

އޭނާ ވިދާޅުވި ގޮތުގައި އެކި ގޮތްގޮތަށް ހިތުގެ އުދާސްތައް ބޭރުކުރާ ކުދިންނަށް ބޭނުންވަނީ ކައުންސިލިން އެކަންޏެއް ނޫނެެވެ. އެ ކުދިންގެ ހުނަރު ތަރައްގީކުރަން ޕްރޮގްރާމްތައް ބޭނުންވާތީ އެ އިންތިޒާމު ވެސް ވަނީ ތަރުތީބުކޮށްފަ އެވެ.

"މާޒީގައި އަނިޔާ ތަހައްމަލުކޮށްފައިވާ ކުދިންނަށް ބޭނުން ވަނީ އެންމެންގެ ލޯބި، އަޅާލުން އޯގާތެރިކަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އެކި ކުދިން އެ ލޯތްބާއި އަޅާލުން، އޯގާތެރިކަން ހޯދާނީ އެކި ގޮތްގޮތަށް. އެ ކުދިންގެ އުޅުމާއި ސުލޫކުން ދައްކުވައިދޭ އަމަލެއްގެ މައްޗަށް ބިނާކޮށް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެފަދަ ޓްރޯމާ ތަހައްމަލް ކުރަމުންދާ ކުދިންނާ އެކު މަސައްކަތް ކުރައްވާ މުވައްޒަފުން މިކަންކަމަށް އަހުލުވެރިކޮށް ކުދިންގެ ބޭނުންތަށް ދެނެގަނެ ވަށައިޖެހޭ އެޕްރޯޗެއްގެ ދަށުން ކުދިންނާ އެކު މަސައްކަތް ކުރުމަށް."

ފިޔަވަތީގައި ހުކުރު ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުދިންނާ ވަކިވަކިން ވާހަކަ ދައްކައި އުދާސްތައް އަޑުއަހައި މައްސަލަ އަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ.