Roadha Mihaaru
ހިޔާގެ ކުއްޖަކަށް އައިޝާ ބަންޑުންކޮށްލި ލޯބި!

ހިޔާގެ ކުއްޖަކަށް އައިޝާ ބަންޑުންކޮށްލި ލޯބި!

21 ޑިސެމްބަރ 2021

އާއިލާތަކުގެ އިހުމާލާ އެކު ކުޑަކުދިންގެ ހިޔާގެ ހަތަރު ފާރުގެ ތެރޭގައި ކުދިން ބޭތިއްބުން އައިޝަތު އަބްދުއްރަހީމް (އައިޝާ) އަށް ބަލައެއް ނުގަނެވެ އެވެ. އެ ކުދިންނާ މެދު އާއްމުން ދެކޭ ގޮތާއި ލޯތްބާއި އަޅާލުމުން މަހްރޫމްކޮށްފައި ބޭތިއްބުމަކީ އޭނާއަށް އަސަރުކުރުވާ ކަމެކެވެ. އެ ކުދިން އުޅެން ޖެހިފައިވާ ހާލަތުން އުފަންވި ލޯބި އޭނާ ބަންޑުންކޮށްލީ ހިޔާގެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އާއިލާތަކުގެ އިހުމާލާ އެކު ކުޑަކުދިންގެ ހިޔާގެ ހަތަރު ފާރުގެ ތެރޭގައި ކުދިން ބޭތިއްބުން އައިޝަތު އަބްދުއްރަހީމް (އައިޝާ) އަށް ބަލައެއް ނުގަނެވެ އެވެ. އެ ކުދިންނާ މެދު އާއްމުން ދެކޭ ގޮތާއި ލޯތްބާއި އަޅާލުމުން މަހްރޫމްކޮށްފައި ބޭތިއްބުމަކީ އޭނާއަށް އަސަރުކުރުވާ ކަމެކެވެ. އެ ކުދިން އުޅެން ޖެހިފައިވާ ހާލަތުން އުފަންވި ލޯބި އޭނާ ބަންޑުންކޮށްލީ ހިޔާގެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށެވެ.

ދައުލަތުން ބެލެހެއްޓި އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ހޯދުން ފަސޭހައެއް ނޫނެވެ; ކައިވެންޏެއް ނުކޮށް މަންމައަކަށް ވާން ކުރި މަސައްކަތުގައި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ދިގު އިންތިޒާރެއް ވެސް ކުރަން ޖެހުނެވެ. އެކަމަކު ހިތްވަރާ އެކު ކުރި މަސައްކަތުން އައިޝާ ވަނީ އެ ކުއްޖާއަށް އާއިލާއެއް ހޯދައިދީފަ އެވެ.

އުފާވެރިކޮށް ހަ ވަނަ އުފަން ދުވަސް ފާހަގަކުރި އެ ކުއްޖާއަކީ މިހާރު އައިޝާގެ މުޅި ދިރިއުޅުމެވެ.

އައިޝާ އޭނާގެ ދަރިފުޅާ އެކު: އެ ކުއްޖާއަށް މުޅިން އާ ދިރިއުޅުމެއް ހޯދައިދެވުމަކީ އާއިޝާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން.

އައިޝާ އޭނާގެ ދަރިފުޅާ އެކު: އެ ކުއްޖާއަށް މުޅިން އާ ދިރިއުޅުމެއް ހޯދައިދެވުމަކީ އާއިޝާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން.

"ބަނޑު އަޅައި ނުވިހިޔަސް އެއީ އަހަރެންގެ ދަރިފުޅު," އައިޝާ ކިޔައިދިނެވެ.

"އޮފީހުން ލަސްވެއްޖިއްޔާ ގުޅާނެ ގެއަށް އަންނަ އިރެއް ބަލަން. ތަނަކަށް ދިޔައަސް ވަރަށް މިސްވެގެން އުޅޭނެ. އަހަރެންނަށް މިއަށް ވުރެން ބޮޑު ހިތްހަމަޖެހުމެއް ނެތް."

އަހަރުތަކެއްގެ އިންތިޒާރެއް!

ހިޔާ އިން ކުއްޖަކު ބެލުމަކީ ހެޔޮނުބައި ވިސްނެން ފެށި ހިސާބުން ވެސް އައިޝާ ބޭނުންވި ގޮތެވެ. މަންމައާ އެ ވާހަކަ ހިއްސާކުރުމުން ދިނީ ހިތްވަރެވެ.

އައިޝާގެ މަންމަ ވެސް އަމިއްލަ ދަރިއަކު ފަދައިން އެހެން މީހެއްގެ ކުއްޖަކު ބޮޑުކުރި އެވެ. އެއްބަނޑު އެއްބަފާ ކުއްޖެއް ނޫން ކަން އެނގުނީ, އައިޝާ ބުނި ގޮތުގައި, ވަރަށް ފަހުންނެވެ.

"އައިޝާމެންނާ އެކު މަންމަ ބެލީ ކާފަގެ ރައްޓެއްސެއްގެ ދަރިއަކު. އެކަން އެނގުނު ހިސާބުން ވެސް އާއިލާ ތެރޭގައި ބަދަލުވީ ކަމެއް ނެތް," އޭނާ ބުންޏެވެ.

މަތީ ތައުލީމަށް ރާއްޖެ އިން ބޭރުން ކިޔަވާ ނިމި ވަޒީފާއަކަށް ވަދެ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދުމުގެ މަސައްކަތް އައިޝާ ފެށީ 2013ގަ އެވެ.

"ސިންގަލް ޕޭރަންޓުންނަކަށް ނުދޭ އޭރު ކުދިންނެއް. ފޮސްޓަރިންގެ އުސޫލް އޭރު ހަރުކަށިކޮށް އޮންނަނީ. މި ޕްރޮސެސް ލަސްވާތީ, ބައެއް މައިންބަފައިން ދޫކޮށްލާފައި ދާ އަޑު އިވޭއިރަށް އެ ކުދިން ލިބޭތޯ ވެސް ބެލިން. ހޮސްޕިޓަލަށް ގެންގޮއްސިއޭ އަޑު އިވޭއިރަށް ވެސް ދަން. އެކަމަކު އާއިލާ އިން ބަލަން ތިބިއްޔާ އެގޮތަށް ވެސް ނުލިބޭ،" އޭނާ ކިޔައި ދިނެވެ.

އައިޝާގެ ދަރިފުޅު: ދެ މީހުންގެ ދޭތެރޭގައި އިތުބާރު އުފެދި ރަނގަޅު ގުޅުމެއް ގާއިމްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި.

އައިޝާގެ ދަރިފުޅު: ދެ މީހުންގެ ދޭތެރޭގައި އިތުބާރު އުފެދި ރަނގަޅު ގުޅުމެއް ގާއިމްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި.

އުސޫލު ލުއިކޮށް ކައިވެންޏެއް ނުކޮށް އުޅުނަސް ގާނޫނީ ބެލެނިވެރިކަން ލިބޭގޮތަށް ހެދުން ވީ އައިޝާގެ ނަސީބަށެވެ.

އޮފީހުން ލަސްވެއްޖިއްޔާ ގުޅާނެ ގެއަށް އަންނަ އިރެއް ބަލަން. ތަނަކަށް ދިޔައަސް ވަރަށް މިސްވެގެން އުޅޭނެ. އަހަރެންނަށް މިއަށް ވުރެން ބޮޑު ހިތްހަމަޖެހުމެއް ނެތް. -- އައިޝާ

ބެލެނިވެރިއަކަށް ވުމުގެ ހުރިހާ މައުލޫމާތަކާއި ބޭންކް ސްޓޭޓްމަންޓާއި އޭނާއާ ބެހޭ ގޮތުން އެ މީހުންނާ އިންޓަވިއުކޮށް މައުލޫމާތު ހޯދަން އެއްބަސްވެ އައިޝާ އެންމެ ފަހު ފަހަރަށް ފޯމު ހުށަހެޅީ 2018 ގެ ފަހުކޮޅެވެ. އޭގެ ފަހުން ވެސް އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސް އޭނާއަށް ޔަގީންކަން ލިބުނީ 2109ގެ ޖުލައި ހިސާބުގަ އެވެ.

ފުރަތަމަ ބައްދަލުވުމުގައި ހިމޭންކަން!

ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެ ކުއްޖާ ހަވާލުކުރުމުގެ ކުރިން ގުޅުން އުފެއްދުމުގެ ބައްދަލުވުންތަކެއް ފިޔަވަތީގައި ކުރިއަށް ގެންދެ އެވެ. އައިޝާ ބޭނުންވީ ވަކި ޖިންސެއްގެ ކުއްޖެއް ނޫނެވެ. ފުރަތަމަ ބައްދަލުވުމަށް ދިޔައިރު އޭނާގެ ހިތް ހުޅުވާލައިގެން ހުރީ ކޮން ކުއްޖަކަށް ކަމެއް ނޭނގެ އެވެ.

"ފުރަތަމަ ފެނުނު އިރު އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކާ. ވަރަށް މަޑުން އިނީ. ކޭސްވޯކާ އިނދެފައި މި ދައްތައާ އެކީ ދާން ބޭނުންހޭ އެހީމަ ވެސް އެއްޗެއް ނުބުނޭ. ކުޑަކޮށް އުނދަގޫވެފައި އިނީ." ދަރިފުޅާ ފުރަތަމަ ބައްދަލުވި ވަގުތުކޮޅު އައިޝާ ސިފަކުރި އެވެ.

"އެ ދުވަހު ލައިގެން އިން ހެދުމުގައި ހުރި އެއްޗިއްސާ ހެދި ގައި ހިރުވާތީ އުޅޭތީ ސުވާލެއް ކުރީމަ އެ ތަނުގައި އުޅޭ އެހެން ކުއްޖެއްގެ ނަން ކިޔާފައި ބުނީ އެއީ އެ ކުއްޖާގެ ހެދުމެކޭ."

ދައުލަތުން ބަލަހައްޓާ ކުދިން ތިބޭ ހުޅުމާލޭގައި ހުންނަ ފިޔަވަތި.

ދައުލަތުން ބަލަހައްޓާ ކުދިން ތިބޭ ހުޅުމާލޭގައި ހުންނަ ފިޔަވަތި.

އެ ހިސާބުން ވާހަކަ ދައްކަން ފަށައި ދެން ކިޔައިދިނީ އޭނާގެ ދެ ކޮއްކޮއަކު ފިޔަވަތީގައި ތިބޭ ވާހަކަ އެވެ. އޭގެ ފަހުން ބައްދަލުކުރަންދާ ކޮންމެ ދުވަހަކު ވެސް ކޮއްކޮމެންނާއި އެތަނުގެ ތެރޭގައި ދިމާވާ އެކި ކަންކަން ހިއްސާކުރި އެވެ.

"ވަރަށް ހިތްފަޅައިގެންދާ ކަމެއް އަސްލުގައި, ދަރިފުޅާ ވާހަކަ ދައްކަން ފިޔަވައްޗަށް ދިޔަ ކޮންމެ ދުވަހަކު އެހެން ކުދިންނަށް ފެނޭ. އެ ކޮޓަރީގައި ބިއްލޫރިގަނޑުގައި ލޯ ޖަހައިގެން ބަލަން ވެސް ތިބޭ. ގާތްގަނޑަކަށް އެ އުމުރުގެ ކުދިން ތިބެނީ ހައްތަހާ ވެސް."

އާއިލާ އިން ބަލައިގަތުން

ފުރަތަމަ ވާހަކަ ދައްކަން ފެށިއިރު އައިޝާއަކަށް މަންމައެއް ނުކިޔަ އެވެ. އެކަމަކު ބައްދަލުވުންތަކުގައި ބޭރަށް ގެންދިއުމާއި އެކަކު އަނެކަކަށް ވާހަކަތައް ހިއްސާކުރަން ފެށުމުން އުފެދުނު އިތުބާރެއްގެ މައްޗަށް ފުރަތަމަ ގޮވީ "މިހާރުގެ މަންމަ"އޭ ކިޔާފަ އެވެ.

"އަސްލު މަންމަގެ ވާހަކަ ދައްކަންޏާ ބުނަނީ ކުރީގެ މަންމައޭ. އައިޝާއާ ވާހަކަ ދައްކަންޏާ މިހާރުގެ މަންމަ."

ހިޔާ އިން އައިޝާގެ އާއިލާ އެކު އުޅެން ގެންދަން ބޭނުންވާ ކަމަށް ބުނުމުން އެންމެ އުފާވީ މާމައެއް ލިބޭތީ އެވެ. ރޭގަނޑު ފްލައިޓުން ދަރިފުޅު ގޮވައިގެން އައިޝާ ރަށަށް ދިޔައިރު މުޅި އާއިލާ އިން އޮތީ އޭނާގެ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުކޮށްފަ އެވެ.

"އާއިލާ އިން އެކްސެޕްޓްކުރުން, އެކަން ދެން ވަރަށް ބޮޑު ހިތްވަރަކަށް ވި."

ދަރިފުޅުގެ ހަ ވަނަ އުފަން ދުވަސް އާއިލާއާ އެކު ފާހަގަކުރަނީ.

ދަރިފުޅުގެ ހަ ވަނަ އުފަން ދުވަސް އާއިލާއާ އެކު ފާހަގަކުރަނީ.

އައިޝާ ބުނިގޮތުގައި ދަރިފުޅުގެ ފަރާތުން ފުރަތަމަ ފެނުނީ އެންމެ ހިތްހަމަޖެހޭ ސިފަތަކެއް ނޫނެވެ. ވަކި ތަނެއްގައި ވަކި ގޮތަކަށް އުޅެން ޖެހުމުން ހަރުލާފައި ހުރި އާދަތައް އޭނާއަށް ޖެހުނީ ބަދަލުކުރާށެވެ. އެއީ ކުރިމަތިވެދާނެ ކަމެއް ކަމަށް ދެކިގެން އޭނާ އެކަމަށް ތައްޔާރު ވެސް ވި އެވެ.

"ފަސޭހަ ކަމެއް ނޫން. އެހެންވިޔަސް އައިޝާ ބޭނުންވެގެން ކުރި ކަމެއް ވީމަ މަޑުމަޑުން ރަނގަޅު ކުރުވީ. ފަހުން ސްކޫލަށް ވައްދައި އެކްޓިވިޓީސްތައް ކުރިއަށް ގެންގޮސް އެކީގައި ވަގުތު ހޭދަކުރަން ޕާކަށް ގެންގޮސް ހަދަން ފެށީމަ މަޑުމަޑުން ހަމައަކަށް އެޅުނީ," އައިޝާ ކިޔައިދިނެވެ.

"[ނަން އުނިކޮށްފައި] އަހަރެން ބަލައިގަތީ މަންމަގެ ގޮތުގައި. އަހަރެން ބަލައިގަތީ އެއީ ދަރިފުޅުގެ ގޮތުގައި. މީގައި މި ދިމާވާ މައްސަލައަކީ އެހެން މީހުންނަށް އެކަމެއް ނުވިސްނޭ,"

މަލާމާތާއި އިހާނާތުގެ ބަސްތައް!

ޒުވާންކަމުގައި ދެމިހުންނަން އަމިއްލައަށް ދަރިއަކު ނުހޯދަންވެގެން ހިޔާއިން ކުއްޖަކު ގެނެސްގެން ބަލަނީއޭ ވެސް ބައެއް މީހުން ބުނެފައި އެބަހުއްޓެވެ. ކިޔަވަން އުޅުނު އިރު ވިހާފައި ހިޔާއަށް ލީ ކުއްޖަކު އަލުން ގެނައީ ކަމަށް ވެސް ބުނެ ބައެއް މީހުންގެ އިހާނެތި ބަސްތައް އަޑު އިވުނެވެ.

"އެކުގައި ފެނުނީމަ ބައެއް މީހުން އަހާނެ މިއީ ކޮން ކުއްޖެއް. އަހަރެންގެ ދަރިފުޅޭ ބުނާއިރަށް ބުނާނެ އެހެން ނުވާނެ. އަދި މީހަކާ ނީންނައިރު ކިހިނެއްހޭ ދަރިއަކު ހުންނާނީ. ދެން އަހާނީ ދަރިފުޅު ކައިރިން. އެއީ ތެދެއް މިއީ މަންމަ؟،"

ދަރިފުޅާ އެކު އައިޝާ ބީޗުގައި: ގާނޫނީ ބެލެނިވެރިކަން ހޯދައި އެ ކުއްޖާ ބަލަމުން އަންނަތާ ތިން އަހަރު ވެއްޖެ.

ދަރިފުޅާ އެކު އައިޝާ ބީޗުގައި: ގާނޫނީ ބެލެނިވެރިކަން ހޯދައި އެ ކުއްޖާ ބަލަމުން އަންނަތާ ތިން އަހަރު ވެއްޖެ.

އެ ސުވާލުތަކުން ހިތްހަމަނުޖެހޭ ކަން ދައްކަން ބޭނުންވިޔަސް ދަރިފުޅު ކުރިމަތީގައި އެއްޗެއް ބުނަން ބޭނުން ނުވަނީ ކަމަށް އައިޝާ ބުންޏެވެ.

ދަރިފުޅާ ވާހަކަ ދައްކަން ފިޔަވައްޗަށް ދިޔަ ކޮންމެ ދުވަހަކު އެހެން ކުދިންނަށް ފެނޭ. އެ ކޮޓަރީގައި ބިއްލޫރިގަނޑުގައި ލޯ ޖަހައިގެން ބަލަން ވެސް ތިބޭ. ގާތްގަނޑަކަށް އެ އުމުރުގެ ކުދިން ތިބެނީ ހައްތަހާ ވެސް.

"އާއިލާއަކީ އެ ކުދިންގެ ހައްގެއް"

ހިޔާގައި ބޮޑުވާ ކުދިންނާ މެދު ބައެއް މީހުންގެ ވިސްނުން ގޯހެވެ. އެއީ ވިޔާނުދާ ކުދިން ކަމެވެ. އެ ކުދިން ތިބެން ޖެހޭނީ އެތަނުގެ ހަތަރު ފާރުގެ ތެރޭގައި ބަންދުވެފައި ކަމެވެ. އެކަމަކު, ހަގީގަތަކީ އެ ކުދިން ތަހައްމަލްކުރަން އެ ޖެހެނީ ބަޔަކު ދިން ވަރަށް ބޮޑު އަނިޔާ އެކެވެ.

ހުޅުމާލެ ފިޔަވަތީގެ ދޮރުމަތީގައި މީހަކު ހުއްޓިލައިގެން: މިތަނުގައި ތިބީ އާއިލާތަކުން އިހުމާލުވެ އަޅާލުމާއި ލޯބިން މަހްރޫމްވެފައި ތިބި ކުދިންތައް.

ހުޅުމާލެ ފިޔަވަތީގެ ދޮރުމަތީގައި މީހަކު ހުއްޓިލައިގެން: މިތަނުގައި ތިބީ އާއިލާތަކުން އިހުމާލުވެ އަޅާލުމާއި ލޯބިން މަހްރޫމްވެފައި ތިބި ކުދިންތައް.

ހިޔާ އަކީ އެ ކުދިންނަށް އެންމެ ރަނގަޅު މާހައުލަށް ނުވާތީ ސަރުކާރުން މިހާރު ވަނީ ރަށްރަށުގައި އަމާން ހިޔާތަކެއް ހަދައި ގިނަ ކުދިންތައް ބަދަލުކޮށްފަ އެވެ. މާލޭގެ މަރުކަޒުތަކުގައި ބަންދުވެފައި ތިބުމަށް ވުރެން އެ ކުދިންނަށް އެތަނުގައި ހިތްހަމަޖެހުން ބޮޑެވެ. އެކަމަކު ސަރުކާރުން އަދިވެސް ބާރުއަޅަނީ އާއިލާތަކުން އެ ކުދިންނާ ހަވާލުވެ ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށެވެ.

މި ވިސްނުމުގައި ސަރުކާރުން މިހާރު ވަނީ ފޮސްޓަކުރެވޭނެ އުސޫލު ކުރިއަށް ވުރެން ވެސް ފަސޭހަކޮށް, އަވަސް ކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުގައިވާ ގޮތުން މި އަހަރު ތިން ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކޮށްފި އެވެ. އަދި 11 ކުއްޖަކަށް އެދި ވަނީ ހުށަހަޅައިފަ އެވެ.

"މި ކުދިންނަށް ބޭނުންވަނީ އަހެރެންމެގެ އަޅާލުމާއި ލޯބި. އަމިއްލަ ދަރިއަކަށް ނުވިޔަސް އައިޝާ ގަބޫލުކުރާ ގޮތުގައި މިއީ އެ ކުދިންނަށްޓަކައި ކޮށްދެވޭނެ ކަމެއް."

ހިޔާގައި ކުދިންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ލޯތްބާއި ކުލުނާއި އަޅާލުމުން މަހްރޫމްކޮށް މަރުކަޒުތަކުގައި މުސްތަގުބަލް ބިކަވާން ދޫކޮށްލާނީ ހެއްޔެވެ؟ ދައުލަތާ ހަވާލުކޮށް މި ކުދިންނަށް މި ހިތްދަތިކަން ދިން މީހުންނަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ވެސް ނެތީ ހެއްޔެވެ؟

އައިޝާ ހޯދީ ހިތު ތެރޭގައި އުފަންވި މި އުދާސްތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ. އޭނާގެ އުއްމީދަކީ ދަރިފުޅަށް އުފާވެރި ދިރިއުޅުމެކެވެ. އެކަމަށް ކުރަން ޖެހުނު ކޮންމެ ކަމަކާ ކުރިމަތިލާން އޭނާ ތައްޔާރެވެ.