Roadha Mihaaru
އިންޑިއާ އައުޓް ހަރަކާތް ހިންގަނީ ޔާމީންގެ ފައިދާއަށް

އިންޑިއާ ސިފައިން ތިބުން ގޯސް، އެކަމަކު ޔާމީން އުޅުއްވަނީ އަމިއްލަ ފައިދާ އަށް: ނާޒިމް

23 މެއި 2022

ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުވާނެ ކަމަށާއި ނަމަވެސް "އިންޑިއާ އައުޓް" ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ބޭނުންފުޅަކަށް ކުރައްވާ ކަމެއް ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުވާނެ ކަމަށާއި ނަމަވެސް "އިންޑިއާ އައުޓް" ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ބޭނުންފުޅަކަށް ކުރައްވާ ކަމެއް ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމުގެ ފުރުސަތު ދިނުމަށް ތާއީދު ނުކުރެވޭނެ ކަމަށާއި އިގްތިސާދު ވެސް ވަކި ބައެއްގެ އަތް މައްޗަށް ދިޔުމަކީ ގަބޫލު ކުރާނެ ސިޔާސަތެއް ނޫން ކަމަށެވެ.

ނަމަވެސް އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހިންގަނީ ވަކި މީހެއްގެ ޒާތީ ކަމެއް ހާސިލް ކުރުމަށް ކަމަށާއި އެކަމުގައި ބައިވެރި ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ވަކި މީހެއްގެ ފައިދާ އަށް ވަކި މީހެއްގެ ބޭނުމަށްޓަކައި އަނެއްކާވެސް މުޒާހަރާ ކުރަމުންދާ މަންޒަރު،" ނާޒިމް ވިދާޅުވި އެވެ.

ބޭރު ގައުމަކާ ދޭތެރޭ އޮންނަ ގުޅުމަށް ބުރޫ އަރާފަދަ ކަމެއް ކުރާނަމަ އެކަން ހުއްޓުވުމުގެ ބާރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަމަށްޓަކައި ގަރާރެއް ނެރުމުގެ ބޭނުމެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތައް ހުއްޓުވަން ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އިންޑިއާއާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ގަރާރު ގާނޫނުއަސާސީ އާ ހިލާފު ކަމަށެވެ.

އަސާސީ އެއްވެސް ހައްގެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށާއި ހައްގެއް ހިފެހެއްޓުމަށް ރައިސުލްޖުމްހޫރިއްޔާ އަށް ގަރާރު ނެރެވޭ ގޮތެއް ގާނޫނުއަސާސީގައި ނެތް ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ނިންމައިފަ އެވެ.

އެ ގަރާރުގައިވާ ގޮތުން އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގެ އެވެ. އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.