Roadha Mihaaru
އިންޑިއާ އައުޓް ބެނާ ދެމުން ޕީޕީއެމުން ކުށްވެރިކޮށްފި

"އިންޑިއާ އައުޓް" ބެނާ ދެމުން ޕީޕީއެމުން ކުށްވެރިކޮށްފި

03 ޖޫން 2023

އިދިކޮޅު ޕާޓީތަކުން ރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި "އިންޑިއާ އައުޓް" ބެނާއެއް ދެމީ އެ ޖަލްސާ އަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ފޮނުވި ބަޔަކު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށް، އެކަން މިއަދު ކުށްވެރިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިދިކޮޅު ޕާޓީތަކުން ރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި "އިންޑިއާ އައުޓް" ބެނާއެއް ދެމީ އެ ޖަލްސާ އަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ފޮނުވި ބަޔަކު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށް، އެކަން މިއަދު ކުށްވެރިކޮށްފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އެ ގައުމާ ދެކޮޅަށް "އިންޑިއާ އައުޓް" ހަރަކާތް ފެށި ޕީޕީއެމުން އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗާގޯސް މައްސަލާގައި ރޭ ކާނިވަލުގައި ބޭއްވި "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގެ ތެރެއަށް "އިންޑިއާ އައުޓް" ޓީޝާޓް ލައިގެން ތިބި ބަޔަކު ވަދެ، ބެނާއެއް ދެމި މައްސަލަ އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެކަމުގެ އަޑީގައި ތިބީ ސަރުކާރުގެ އިސްވެރިން ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.

ސަރުކާރު އެކަހަލަ ކަމެއް ކުރަން ރާވަމުންދާ ކަމުގެ މައުލޫމާތު ދުރާލާ ލިބުނު ކަމަށާއި އެހެންވެ، އެފަދަ ދަނޑިވަޅެއްގައި ސުލްހަވެރިކަމާއެކު އެ ބަޔަކު ޖަލްސާއިން ނެރުނުމަށް އެކަން އިންތިޒާމު ކުރި ފަރާތުން ތައްޔާރަށް ތިބި ކަމަށް ވެސް ޕީޕީއެމްގެ ނޫސްބަޔާނުގައި ބުންޏެވެ.

އިދިކޮޅު އެއްވުމުގެ ތެރެއިން އިންޑިއާ އައުޓް ބެނާ ނަގާފައި.

އިދިކޮޅު އެއްވުމުގެ ތެރެއިން އިންޑިއާ އައުޓް ބެނާ ނަގާފައި.

"މިފަދަ ފިނޑި، ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދު ރޫޅާލެވެނޭ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ޕީޕީއެމް/ޕީއެންސީން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެ ޕާޓީގެ ކޮންމެ ރެލީއެއްގައި އިންޑިއާ އައުޓް ބެނާތައް ބޭނުންކުރެ އެވެ.

ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުންނާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ރޭ ބައިވެރިވި ޖަލްސާގައި ވެސް ބަޔަކު ވަނީ އެ ބެނާ ދަމައިފަ އެވެ.

އިންޑިއާ އާ ގާތް ގުޅުމެއް ބާއްވާ ނަޝީދުގެ އަރިސް މެންބަރުން އިދިކޮޅު ފަރާތްތަކާއެކު ކޯލިޝަން ހަދައިގެން ބޭއްވި ޖަލްސާއެއްގައި "އިންޑިއާ އައުޓް" ބެނާ ނެގުމުން ބޭރުގެ ބައެއް ފަރާތްތަކުގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

އެކަން ކުށްވެރިކޮށް ޑިމޮކްރެޓްސް އިން ވެސް މިއަދު ނޫސްބަޔާނެއް ނެރުނެވެ. އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ޑިމޮކްރެޓްސް އިން ވެސް ތުހުމަތުކުރީ އެއީ ސަރުކާރުގެ ބަޔަކު އަޑީގައި ތިބިގެން ކުރުވި ކަމެއް ކަމަށެވެ.

ނަޝީދަކީ އަބަދުވެސް "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅު ބޭފުޅެކެވެ. އެހެންވެ، މި ފަހަރު މައްސަލަ ގޯސްވީ، އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން އިސްވެ ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި އެ ހަރާކާތުގެ ބެނާއެއް ދެމުމުންނެވެ.