Roadha Mihaaru
ޔާމީން ޖަލުގައި ބާއްވައިގެން ނުވާނެ: ނާޒިމް

ޔާމީނުގެ ދިފާއުގައި ނާޒިމް: "އެ މަނިކުފާނު ޖަލުގައި ބާއްވައިގެން ނުވާނެ"

17 ފެބުރުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމް/ ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ރައީސްކަމުގައި ޖަލުގެ އަދަބު ލިބުނު، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް، ޔާމީންގެ ދިފާއުގައި އޭގެ ފަހުން ފުރަތަމަ ފަހަރަށް ރޭ ވާހަކަ ދައްކަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމް/ ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ރައީސްކަމުގައި ޖަލުގެ އަދަބު ލިބުނު، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް، ޔާމީންގެ ދިފާއުގައި އޭގެ ފަހުން ފުރަތަމަ ފަހަރަށް ރޭ ވާހަކަ ދައްކަވައިފި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ނާޒިމަކީ 2018 އިގެ ރިޔާސީ އިންތިހާބުން ޔާމީން ބަލިކުރި ކޯލިޝަނުގެ ބައިވެރިއެކެވެ. ފަހަކަށް އައިސް ނާޒިމާއި އޭނާގެ ޕާޓީން މި ސަރުކާރަށް ފާޑުކީ ނަމަވެސް، މިހާތަނަށް ޔާމީނުގެ ދިފާއުގައި އެއްޗެއް ނުބުނެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ، ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުންނެވެ. ވ. އާރަށުގެ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ސާބިތުވެ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ވެސް ދައްކަވަން ޖެހެ އެވެ.

އެހެންވެ، އެ ހުކުމް ދެމި އޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

"މި ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އަދި ޕާޓީއެއްގެ ލީޑަރަކު ޖަލުގައި އޮތުމަކީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް. ޔާމީން ޖަލުގައި އޮވެގެން ނުވާނެ. ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ވާނެ އެ ބޭފުޅާއަށް،" އެމްއެންޕީން ބޭއްވި "ޖަގަހަ ޖަލްސާ" ގައި ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވި އެވެ.

ޔާމީނުގެ ވެރިކަމުގައި ނާޒިމް ޖަލަށް ލީ، އޭނާ ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އެއް ރޭ ދަންވަރު އެ ގެ އަށް ފުލުހުން ވަދެ ފިސްތޯލައެއް ހޯދުމަށް ފަހު، ކުރި ދައުވާ ސާބިތުވުމުންނެވެ. ހައްޔަރުކުރުމުގެ ކުރިން ނާޒިމް ވަނީ ނިއުސްކޮންފަރެންސެއް ބާއްވައި، ޔާމީނުގެ ސަރުކާރުގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ނާޒިމް ރޭ ވިދާޅުވީ ޔާމީން ޖަލުގައި އޮންނަން ނުޖެހޭ ކަމަށް ގަބޫލުކުރައްވާ ސަބަބަކީ އޭނާއަކީ ޔާމީންގެ ސަރުކާރުގައި ޖަލުގައި ވަރަށް ނިކަމެތި ހާލުގައި އުޅުނު ބޭފުޅަކަށް ވުމުން އެ އިހުސާސް ކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއެއް ނޭދޭނެ ދުވަހަކު ވެސް މީހަކު ޖަލަށް ލާކަށް. ދުވަހަކު ވެސް ނޭދޭނަން. ޖަލަކީ ފަސޭހަ ތަނެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ އުދާސް" ޖަލްސާގައި އެމްއެންޕީން ރައީސް މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްއެންޕީ

"ރައްޔިތުންގެ އުދާސް" ޖަލްސާގައި އެމްއެންޕީން ރައީސް މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްއެންޕީ

އޭނާ ވިދާޅުވިގޮތުގައި ޖަލުގައި އޭސީ ކޮޓަރިއެއްގައި ބޭއްވި ނަމަވެސް ދެ ދުވަހެއް ވަންދެން އެކަނި އެ ތަނުގައި އޮތުމުން ނިކަމެތިކަމުގެ އިހުސާސް ކުރެވޭނެ އެވެ. އެހެންވެ، އޭނާއަކީ މީހުން ޖަލަށް ލުމަށް ތާއީދު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ސިފައިންގެ މީހެއްގެ ގޮތުގައި ވިއްސަކަށް އަހަރު ހޭދަކުރެއްވި ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ކުރާ މީހުން ޖަލަށްލުމުގެ ސަގާފަތް ދުއްވާލަން ޖެހޭ ކަމަށާއި އެމްއެންޕީން ވެރިކަމަށް އައުމަށް މަސައްކަތް ކުރަމުން ދަނީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.

ޖަލުގައި ހޭދަކުރެއްވި ދުވަސްތައް ހަނދާން އާކުރައްވާ ނާޒިމް ވިދާޅުވީ، އޭނާ ޖަލަށްލިއިރު އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކު ހުރި ކަމަށާއި އެކަމަކު އެ ދަނޑިވަޅުގައި އެ ކުއްޖާ އަށް މީހުންގެ ފަރާތުން ކުރިމަތިވެދާނެ ފުރައްސާރަތަކަށް ބަލައި ޖެހުނީ ދަރިފުޅު ރާއްޖެ އިން ބޭރުގެ ބޯޑިން ސްކޫލަކަށް ފޮނުވާލަން ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެކަމުގެ ސަބަބުން އޭނާ އާއި ދަރިފުޅުގެ މެދުގައި "ބައްޕަ އާއި ދަރިފުޅުގެ ލޯބީގެ ކުލުނެއް މިއަދު ނެތް" ކަމަށެވެ.

އެކަން ދިމާވީ ދަރިފުޅާ އެކު ވަގުތު ހޭދަނުކުރެވުމުން ކަމަށާއި އެހެންވެ، އެފަދަ ހާލަތެއް ޔާމީނަށް ކުރިމަތިވާން އެދިވަޑައިނުގަންނަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެހެންވީމާ ޔާމީނަށް އިންސާފު ލިބެންޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ޕާޓީގެ އެގްޒެކެޓިވް ކައުންސިލުން [ރައީސް ޔާމީންގެ ލީޑަޝިޕާއެކު މަސައްކަތް ކުރަން] ނިންމައިފި ނަމަ އަޅުގަނޑު ދުރަށް ޖެހިލާފާއި ޕާޓީ އަށް ފުރުސަތު ދޭނަން. ރައީސް ޔާމީންގެ ލީޑަޝިޕްގައި ރައީސް ޔާމީނާއެކު އަޅުގަނޑެއް މަސައްކަތް ނުކުރާނަން. އެ ބަދަލު ނުކުރެވޭނެ އެއްވެސް މީހަކަށް."--- ނާޒިމް

އޭނާ ވިދާޅުވިގޮތުގައި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ ގިނަ ބަޔަކު ޝާމިލުވާ ގޮތަށް ހިންގި ކޮރަޕްޝަނެއް ނަމަވެސް ފެންނަނީ ހަމައެކަނި ޔާމީނާ ދިމާލަށް އިނގިލި ދިއްކުރެވޭ މަންޒަރެވެ. އެގޮތަށް އެކަން ކޮށްގެން ނުވާނެ ކަމަށާއި އޭނާ ގަބޫލު ކުރައްވަނީ އެންމެންނާ މެދު ވެސް ހަމަހަމަކަމާ އެކު އިންސާފު ގާއިމުކުރުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް މީގެ ކުރިން ވަނީ ޔާމީންގެ ވެރިކަމުގައި އޭނާއަށް ލިބުނު އަނިޔާތައް ހަނދާން ނުނެތޭނެ ކަމަށާއި ތިން އަހަރާއި ބައިގައި އޭނާއަށް ޖަލުގައި ލިބުނު އަނިޔާތަކަށް އެ މަނިކުފާނަށް މާފު ކުރެއްވިޔަސް ދުވަހަކު ވެސް އެމަނިކުފާނާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، ޔާމީންގެ ލީޑަޝިޕްގައި މަސައްކަތް ނުކުރެއްވޭނެ ކަމަށާއި ޔާމީން ވެރިއަކަށް ހުންނަވައިގެން "އަޅުގަނޑު ހަދާނެ ކޯލިޝަނެއް ނޯންނާނެ" ކަމަށެވެ.

"އަޅުގަނޑު ރައީސް ޔާމީނާއެކު މަސައްކަތް ނުކުރާނީ. އެކަމަކު ޕީޕީއެމާއެކު ވެސް މަސައްކަތް ކުރެވިދާނެ. އެހެން ޕާޓީއަކާއެކު ވެސް މަސައްކަތް ކުރެވިދާނެ،" ނާޒިމް ވިދާޅުވެފައި ވެ އެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ އެގްޒެކެޓިވް ކައުންސިލުން [ރައީސް ޔާމީންގެ ލީޑަޝިޕާއެކު މަސައްކަތް ކުރަން] ނިންމައިފި ނަމަ އަޅުގަނޑު ދުރަށް ޖެހިލާފާއި ޕާޓީ އަށް ފުރުސަތު ދޭނަން. ރައީސް ޔާމީންގެ ލީޑަޝިޕްގައި ރައީސް ޔާމީނާއެކު އަޅުގަނޑެއް މަސައްކަތް ނުކުރާނަން. އެ ބަދަލު ނުކުރެވޭނެ އެއްވެސް މީހަކަށް."