Roadha Mihaaru
އަޣުލަބިއްޔަތު ލިބުނަސް ޝަހުބާން ވަތްކެއް ނުކުރެވުނު!

އަޣުލަބިއްޔަތު ލިބުނަސް ޝަހުބާން މަގާމުން ވަތްކެއް ނުކުރެވުނު!

23 މެއި 2022

މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް، ޝަހުބާން ފަހުމީ އެ މަގާމުން ވަކިކުރުމަށް އެ ކައުންސިލްގެ މެމްބަރުންގެ މެދުގައި މިރޭ ނެގި ވޯޓުގައި އޭނާ ވަކިކުރަން އަޣުލަބިއްޔަތު ލިބުނަސް މަގާމުން ވަތްކެއް ނުކުރެވުނު ކަމަށް ކައުންސިލްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް، ޝަހުބާން ފަހުމީ އެ މަގާމުން ވަކިކުރުމަށް އެ ކައުންސިލްގެ މެމްބަރުންގެ މެދުގައި މިރޭ ނެގި ވޯޓުގައި އޭނާ ވަކިކުރަން އަޣުލަބިއްޔަތު ލިބުނަސް މަގާމުން ވަތްކެއް ނުކުރެވުނު ކަމަށް ކައުންސިލްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އޮފިޝަލް "މިހާރު" އަށް ވިދާޅުވީ، އެ ކައުންސިލްގެ ރައީސް ކަމުންނާއި މެމްބަރުކަމުން ޝަހުބާން ވަކިކުރުމަށް ބޭއްވި ވޯޓުގައި ކައުންސިލުގެ 12 މެމްބަރުން ބައިވެރިވި ކަމަށެވެ. އެ ކައުންސިލްގައި ޖުމްލަ ތިއްބަވަނީ 15 މެމްބަރުންނެވެ.

އޭގެ ތެރެއިން އަށް މެމްބަރަކު ވަނީ ޝަހުބާން ވަކިކުރަން ތާއީދުކުރައްވައިފަ އެވެ. އޭނާ މަގާމުގައި ބަހައްޓަން ފެންނަ ކަަމަށް ވޯޓު ދެއްވީ ހަތަރު މެމްބަރެކެވެ.

އެމްއެމްސީގެ ގާނޫނު ބުނާ ގޮތުން، މެމްބަރުންގެ ވޯޓަކުން އެ ކައުންސިލްގެ ރައީސް ވަކިކުރެވޭނީ މަދުވެގެން 10 މެމްބަރުންގެ ތާއީދު ލިބިގެންނެވެ. އެހެންވެ، އެ މަގާމުން ޝަހުބާން ވަކިކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޝަހުބާންގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ވެސް މިއަދު ހުށަހަޅާފައިވެ އެވެ.

އެ ކޮމެޓީގެ މެމްބަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ މުޖުތަމައު ގަބޫލުކުރާ މިންގަނޑުން އަބުރުވެރި، އަހުލާގު ރަނގަޅު މީހެއް ކަމަށް ވުމަކީ މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ ސިފަތަކުގެ ތެރޭގައި ގާނޫނުގައި ހިމެނޭ ކަމަށްވާއިރު، ޝަހުބާން މިހާރު އެއާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް. ގާނޫނުގައި ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ސަބަބެއް،" އޭނާ ވިދާޅުވި އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާންގެ އިތުރުން އޭނާގެ ބޭބެ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވެސް ކުރެ އެވެ.

އެ މައްސަލައިގައި ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

އެފަދަ ސީރިއަސް ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް، ޝަހުބާން އަދިވެސް މަގާމުގައި ހުންނެވުމުން، ބައެއް ނޫސްތަކުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވަމުން ޝަހުބާން ކުރިން ވިދާޅުވީ އެމްއެމްސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ. ފަހުން ގުޅުމުން އޭނާގެ ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ.