Roadha Mihaaru
"ބޮޑު ތުހުމަތެއް، ޝަހުބާން އިސްތިއުފާ ދޭންޖެހޭނެ"

"ބޮޑު ތުހުމަތެއް، ޝަހުބާން އިސްތިއުފާ ދޭންޖެހޭނެ"

22 މެއި 2022

މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްގެ މަގާމުގައި ޝަހުބާން ފަހުމީ ހުންނެވުމުން، ބައެއް ނޫސްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްގެ މަގާމުގައި ޝަހުބާން ފަހުމީ ހުންނެވުމުން، ބައެއް ނޫސްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާންގެ އިތުރުން އޭނާގެ ބޭބެ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވެސް ކުރެ އެވެ.

އެ މައްސަލައިގައި ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

އެކަމާ ގުޅިގެން އެޑިޓާސް ގިލްޑްގެ ރައީސް އަދި "ދައުރު" ނޫހުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މީޑިއާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި ޝަހުބާން މަގާމުގައި ދެމިހުރުން ރަނގަޅު ނޫން ކަމަށެވެ. އޮންލައިން ނޫސްތައް ރެގިއުލޭޓުކުރާ ކައުންސިލްގެ އިސްވެރިއަކަށް ހުންނަން ޖެހޭނީ، ތުހުމަތުތަކުން އެއްކިބާވެފައިވާ ފަސްބައި ސާފު މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަހުބާންގެ ހިއްސާ އޮންނަ ކުންފުނިން އޮޅުވާލައިގެން އެތައް ބަޔަކަށް އޮޅުވާލައިގެން މިލިއަނުން ރުފިޔާ ނެގިކަމަކީ ފެންނަ އޮތް ހަގީގަތެއް. އަލްހާންގެ ޕްރެސްތައް ގައިޑްކޮށް ދިނުމުގައި ވެސް ޝަހުބާން ބައިވެރިވި،" ހިރިގާ ވިދާޅުވި އެވެ.

"އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުމަކީ ކުށްވެރިވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޝަހުބާންގެ މައްޗަށް ކުރަނީ އާދައިގެ ތުހުމަތެއް ނޫން ކަމަށް ވާތީ، ރީތި އަހުލާގަކީ ނޫސްވެރިއެއްގެ ގޮތުގައި އެ މަގާމުގައި ނުހުރުން ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

"މައްސަލައިގެ ބާވަތާއި، ދައުލަތުގެ އިދާރާއަކުން މައްސަލަ ތަހުގީގު ކުރަމުންދާއިރު ނޫސްވެރިންގެ ވެރިއަކަށް ހުރެގެން ނުވާނެ،" ފިޔާޒު ވިދާޅުވި އެވެ.

ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ ކިންގްސް އިން މުއާމަލާތްތައް ހިންގާފައިވާ ގޮތުން، އެކަމުގެ ލަނޑު ލިބުނު މީހުން ބޮޑެތި ތުހުމަތުތަކާއި ކަންބޮޑުވުންތައް ފާޅުކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ކަންތައްތައް ޝަހުބާންގެ ވެސް ހިއްސާ އޮންނަ ކުންފުނިން ދޮގު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އޮޅުވާލުމެއް ނޫންކަން ސާބިތުކޮށްދެވޭނެ ވަގުތު ފާއިތުވެގެން ހިނގައްޖެ ކަމަށާއި އެކަން ސާބިތު ނުކޮށްދެވޭ ނަމަ މައްސަލައެއް އުޅޭކަން ގަބޫލުކުރަންޖެހޭނެ ކަމަށް ވެސް ސިނާން ވިދާޅުވި އެވެ.

"އެހެންވީމަ، އަމުދުން އެމްއެމްސީގެ ރައީސްކަމުގައި ހުންނަވާއިރު ޝަހުބާން އަމިއްލައަށް އެކައުންޓަބަލް ވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްސީގެ ކުރީގެ ރައީސް މުހަންމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި އެކަހަލަ ބޮޑު ތުހުމަތެއް އޭނާގެ މައްޗަށް ކުރެވޭ އިރު މުއައްސަސާ އަށް ޓަކައި ވެސް މަގާމުން އެކަހެރިވެލުމަކީ އެންމެ ރީތި ގޮތް ކަމަށެވެ.

"ތުހުމަތުތަކެއް ކުރެވުމަކީ އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތުގައި ފަހުން އެއިން ބަރީއަ ވެސް ވެވިދާނެ ކަމެއް ކަން. އެކަމަކު، މިހާރު އެހާ ބޮޑެތި ތުހުމަތުތަކެއް އޮތްއިރު، އެކަން ވަކި ގޮތަކަށް ނިމެންދެން ވެސް ރީތިގޮތަކީ މަގާމުން އެކަހެރިވެލުން. އަޅުގަނޑު ގަބޫލުކުރަނީ ނޫސްވެރިންނަކީ ވަރަށް ސާފުކޮށް ތިބެން ޖެހޭ ބައެއް ކަމަށް،" މޮންދު ވިދާޅުވި އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވަމުން ޝަހުބާން ކުރިން ވިދާޅުވީ އެމްއެމްސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ފަހުން ގުޅުމުން އޭނާގެ ފޯނަކަށް ޖަވާބެއް ނުދެ އެވެ.