Roadha Mihaaru

ގާޒީގެ އިންޒާރު ޝަމްއާނަށް: މީޑިއާ ސާކަސްއަކަށް މި ޝަރީއަތް ނުހެދޭނެ!

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ "މީޑިއާ ސާކަސްއަކަށް" ހަދަން އޭނާ މަސައްކަތް ނުކުރުމަށާއި އަދި އެކަން ކުރާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ދެއްވައިފި އެވެ.

ޝަމްއާނަށް ގާޒީގެ އިންޒާރު: މީޑިއާ ސާކަސް ހަދަން ނޫޅޭ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

16 ޑިސެމްބަރ 2025

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ "މީޑިއާ ސާކަސްއަކަށް" ހަދަން އޭނާ މަސައްކަތް ނުކުރުމަށާއި އަދި އެކަން ކުރާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ދެއްވައިފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަމްއާން ބަންދުކޮށް، ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.

އެ މައްސަލާގެ ޝަރީއަތް މީޑިއާ ހެޑްލައިން ހެދުމަށް ބޭނުން ނުކުރުމަށް އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން މިއަދު އިންޒާރު ދެއްވީ މިއަދު ބޭއްވި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރި އިމިގްރޭޝަންގެ ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފަކާ ޝަމްއާން ކުރި ސުވާލަކާ ގުޅިގެންނެވެ.

އެ ހެކިވެރިޔާއާ ޝަމްއާން ސުވާލުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފް ކަންކަން ކުރަން ހޯމް މިިނިސްޓަރު އަލީ އިހްސާން އެންގެވި ކަމަށް ބުނެ، އެކަމާ ގުޅޭގޮތުންނެވެ. އެ ސުވާލު ޝަމްއާން ކުރެއްވުމުން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއިރު، ގާޒީ ވެސް އެ ސުވާލު ހުއްޓުވި އެވެ.

ގާޒީ އިހްސާން ވިދާޅުވީ މީޑިއާ ސާކަސްއެއްގެ ގޮތުގައި ނުވަތަ މީޑިއާ ހެޑްލައިން ހެދުމަށް އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާއި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ޝަމްއާނަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެކަން ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

"މީޑިއާ ސާކަސްއެއް ހަދާކަށް، މީޑިއާ ހެޑްލައިން ހަދާކަށް ފުރުސަތެއް ނުދެވޭނެ." ގާޒީ ވިދާޅުވި އެވެ.

ގާޒީ އިހްސާން ވިދާޅުވި ގޮތުގައި ހެކިވެރިންނާ ސުވާލު ކުރުމުގެ މަރުހަލާގައި ވަކި މެސެޖެއް ނުވަތަ ބަޔާނެއް ނުދެވޭނެ އެވެ. އަދި ޝަމްއާން އެގޮތަށް ދެން އަމަލު ކުރާނަމަ ސުވާލު ކުރުމުގެ ފުރުސަތު ނުދެވިދާނެ ކަމަށް ވެސް ގާޒީ އިހްސާން ވިދާޅުވި އެވެ.

އިމިގްރޭޝަންގައި މަސައްކަތްކުރާ އެ މުވައްޒަފު ބުނި ގޮތުގައި އެ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ހިފަހައްޓާފައި ވަނިކޮށް އޭނާ ދޫކޮށްލަން އެދި ސިޓީއެއް އީމެއިލްއަށް ލިބިފައިވާތީ އެ ސިޓީ ބެލުމަށް ފަހު އެ މީހާ ދޫކޮށްލުމަށް ކަމާބެހޭ ޑިޕާޓްމެންޓްތަކަށް އެންގުމަށް ޝަމްއާން އޭނާއަށް އެންގި އެވެ.

އެގޮތަށް އެންގުމުން ސިޓީގައި އެކަން ލިޔުމަށް ފަހު އެކަން ކަމާބެހޭ ޑިޕާޓްމެންޓްތަކަށް އެންގި ކަމަށް އެ މުވައްޒަފު ބުންޏެވެ. ނަމަވެސް ދޫކޮށްލުމުގެ ކުރިން އޭނާގެ ބަޔާން ނެގުމަށް އެ ސިޓީގައި އަންގާފައިވާނެ ކަމަށް ހެކިބަސް ދެމުން އެ މުވައްޒަފު ބުންޏެވެ.

މިއަދު ދެވަނައަށް ހެކިބަސް ދިނީ ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ. އޭނާ ބުނި ގޮތުގައި ހިފެހެއްޓި ބިދޭސީ މީހާ އަކީ ރާއްޖޭގައި އަމިއްލައަށް މަސައްކަތްކޮށްގެން އުޅޭ މީހެއް ކަމަށް އެހެން މީހުންގެ ފަރާތުން އެނގިފައިވެ އެވެ.

އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝަމްއާންގެ ބަންދު މުރާޖާކުރަން އޭނާގެ ފަރާތުން ހުށަހަޅާފައި ވިޔަސް، މިއަދު ވަގުތު ހުރިގޮތުން އެކަން ނުކުރެވޭތީ މި ހަފުތާގެ އެހެން ދުވަހެއްގައި ބަންދު މުރާޖާ އަޑުއެހުން ބާއްވާނެ ކަމަށް ގާޒީ އިހްސާން ވިދާޅުވި އެވެ.

އެ މައްސަލާގައި ޝަމްއާންގެ އިތުރުން މ. ހަޒާރީވިލާ އަހުމަދު ލައްސާނާއި ގ. ހެޕީސައިޑް އިބްރާހިމް އަހުމަދާއި ހަމަ އެގޭ ހަސަން ޝަހެޝާންގެ އިތުރުން ތ. ބުރުނީ މޫނިމާގޭ، މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ.

އޭގެ ތެރެއިން އަލްސަން ކުށަށް އިއުތިރާފްވެ، ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން އޭނާއަށް އިއްވީ ދެ މަހުގެ ޖަލު ހުކުމެކެވެ. އަދި އެ ހުކުމް ތަންފީޒުކޮށް ނިމި، އޭނާ މިހާރު ވަނީ ބަންދުން މިނިވަންވެފަ އެވެ.