Roadha Mihaaru
ގަދަ ހޫނަށް ފަހު ދިއްލީ އަށް ވާރޭ ވެހެނީ!

ގަދަ ހޫނަށް ފަހު ދިއްލީ އަށް ވާރޭ ވެހެނީ!

24 މެއި 2022

މިދިޔަ މާޗު މަހުން ފެށިގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް އާދަޔާ ހިލާފަށް ހޫނުގަދަވުމަށް ފަހު، އިއްޔެ ވިއްސާރަކުރަން ފަށައިފި އެވެ.

މިދިޔަ މާޗު މަހުން ފެށިގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް އާދަޔާ ހިލާފަށް ހޫނުގަދަވުމަށް ފަހު، އިއްޔެ ވިއްސާރަކުރަން ފަށައިފި އެވެ.

ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު، މަގުތަކުގައި ޓްރެފިކް ތޮއްޖެހި، ދިއްލީ އިންޓަނޭޝަނަލް އެއާޕޯޓްގެ ފްލައިޓްތައް ވެސް ޑިލޭވެފައިވެ އެވެ.

މާޗު މަހުން ފެށިގެން ދިއްލީ އަށް އާދަޔާ ހިލާފަށް ހޫނުގަދަވިއިރު، ބައެއް ހިސާބުތަކުގައި ހޫނުމިން 49 ޑިގްރީ ސެލްސިއަސް އަށް އެރި އެވެ. އެކަމަކު، މިހާރު ފިނިހޫނުމިން ވަނީ ކުއްލިއަކަށް 18 ޑިގްރީ ސެލްސިއަސް އަށް ވެއްޓިފަ އެވެ. އަދި 43 މޭލަށް ވައިގަދަވެފައިވެ އެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި މި ހަފުތާގައި ދިއްލީ، ޕަންޖާބު، ހަރިޔާނާ، ޗަންދިގަރު އަދި އުއްތަރު ޕްރަދޭޝްގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. އެ ހިސާބުގެ މޫސުން ކުއްލިއަކަށް ބަދަލުވީ، އިންޑިއާގެ ހުޅަނގުގައި އުފެދުނު ކޮޅިގަނޑެއްގެ ސަބަބުން ކަމަށް ބުންޏެވެ.

ހޫނުގަދަވުމުގެ ސަބަބުން އިންޑިއާގެ އުތުރުގެ ހިސާބުތަކުގައި މީހުންގެ ދިރިއުޅަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވި އެެވެ.

އިންޑިއާގެ އުތުރުގެ އެކި ހިސާބުތަކުގައި އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށް، ދަނޑުތައް ހަލާކުވެ، ކަރަންޓުގެ ހިދުމަތަށް ބުރުއަރާއި އަދި ގެއިން ބޭރަށް މީހުން ނިކުމެ އުޅުމަށް ދަތިވި އެވެ. ބައެއް އެކްސްޕާޓުން ވަނީ އެއީ އިންސާނުންނަށް ކެތްވާވަރަށް ވުރެ ގަދަ ހޫނެއްތޯ ސުވާލު ވެސް އުފައްދައިފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގައި މި އަހަރު ރިކޯޑް މިންވަރަކަށް ހޫނުގަދަވެދާނެ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ވަނީ ލަފާކޮށްފަ އެވެ.