Roadha Mihaaru

ލަންކާއަށް އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ކުރިއަށް އޮތް ދުވަސްތަކުގައި ސްރީ ލަންކާއަށް އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް ބީބީސީން މިއަދު ލަފާކޮށްފި އެވެ.

ލަންކާއަށް އަނެއްކާވެސް މޫސުން ގޯސްވާނެ ކަމުގެ ލަފާ
އިފްރާޒް އަލީ
އިފްރާޒް އަލީ

08 ޑިސެމްބަރ 2025

ކުރިއަށް އޮތް ދުވަސްތަކުގައި ސްރީ ލަންކާއަށް އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް ބީބީސީން މިއަދު ލަފާކޮށްފި އެވެ.

ބީބީސީގެ މޫސުމީ ޚަބަރު ގެނެސްދޭ ރިޕޯޓަރު ލުއިސް ލިއާ މިއަދު ބުނީ ބަންގާޅު ކަނޑުގައި މިވަގުތު އުފެދިފައިވާ ކޮޅިގަނޑު މި ހަފުތާގައި ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.

"އެ ކޮޅިގަނޑު ދަތުރުކުރަނީ ބަންގާޅު ކަނޑުގެ ހުޅަނގަށް. އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވިޔަސް އަދި ނުވިޔަސް، މިއަދާއި މާދަމާ ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ،" ލިއާ ބުންޏެވެ.

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން މިއަދު މެންދުރު ފަހު ވަނީ ވިދާއި ގުގުރާނެ ކަމަށް ލަފާކޮށް މިރޭ 11:00 އާ ހަމަށް އެ ގައުމުގެ ދެކުނުގެ ހަތް ސަރަހައްދަކަށް ރެޓް އެލާޓް ވެސް ނެރެފަ އެވެ.

ލަންކާއަށް މޫސުން ގޯސްވާނެ ކަމަށް އަނެއްކާވެސް ލަފާކޮށްފައިވާއިރު، މިދިޔަ ހަފުތާގައި އެ ގައުމަށް އެރި ތޫފާން ދިތުވާގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

ތޫފާން ދީތުވާގައި 600 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލުމުގެ އިތުރުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގައުމުތަކުން ވަނީ ރެސްކިއު ޓީމުތައް ވެސް ލަންކާއަށް މިހާރު ފޮނުވައިފަ އެވެ.