Roadha Mihaaru
ރަޝިޔާ ސިފައިންގެ މީހަކު ޔޫކްރޭންގައި އުމުރަށް ޖަލަށް

ރަޝިޔާ ސިފައިންގެ މީހަކު ޔޫކްރޭންގައި އުމުރަށް ޖަލަށް

24 މެއި 2022

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ޔޫކްރޭން ސިފައިން ހައްޔަރުކޮށްފައިވާ ރަޝިޔާ ސިފައިންގެ މީހަކު އުމުރަށް ޖަލަށް ލުމަށް، ޔޫކްރޭންގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ޔޫކްރޭން ސިފައިން ހައްޔަރުކޮށްފައިވާ ރަޝިޔާ ސިފައިންގެ މީހަކު އުމުރަށް ޖަލަށް ލުމަށް، ޔޫކްރޭންގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

ސާޖަންޓް ރޭންކުގައި ހުރި ވަޑިމް ޝިޝިމަރިން، 21، ގެ މައްޗަށް ޔޫކްރޭން ސަރުކާރުން ކުރި، ގަސްދުގައި އާންމުންގެ މީހަކު މެރުމުގެ ދައުވާ އަށް އިއުތިރާފްވުމާ ގުޅިގެން، ކޯޓުން ނިންމީ އޭނާ އުމުރަށް ޖަލަށް ލުމަށެވެ. ޔޫކްރޭންގެ އާންމުންގެ މީހެއް ކަމަށްވާ އޮލެކްސަންދްރް ޝެލިޕޯވް، 62، ގެ ގަޔަށް ބަޑިޖަހައި މަރައިލި ކަމަށާއި އެކަން ކުރީ އޭނާގެ މައްޗަށް ތިބި ކޮމާންޑަރުންގެ އަމުރަށް ކަމަށް ވެސް ޝިޝިމަރިން ބުންޏެވެ.

ޝިޝިމަރިންއަކީ، ޔޫކްރޭން ސިފައިންގެ އަތް ދަށުވެފައި ތިބި ރަޝިޔާ ސިފައިންގެ ތެރެއިން، ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ކުށުގައި ޝަރީއަތަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން، ހުކުމް އިއްވި ފުރަތަމަ މީހާ އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު، ޔޫކްރޭންގެ އިރުމަތީ ސޫމީ ސަރަހައްދުގެ އަވަށެއްގައި، މަގުމަތިން ބައިސްކަލް ދުއްވާފައި ދިޔަ، އެމީހާގެ ގަޔަށް ޝިޝިމަރިން ބަޑިޖެހި އިރު، ޝިޝިމަރިން އަކީ ރަޝިޔާގެ އެއްގަމު ލަޝްކަރުގެ ޓޭންކު ފައުޖެއްގެ ޔުނިޓް ކޮމާންޑަރެކެވެ. އޭނާ ދަތުކުރަމުން ދިޔަ ޓޭންކު ފައުޖަށް، ޔޫކްރޭން ސިފައިންގެ ހަމަލާތައް ކުރިމަތިވެ ޓޭންކުތައް ހަލާކުވުމުން، އޭނާ އާއި ސިފައިންގެ އިތުރު ހަތަރު މީހަކު ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން، އެ ސަރަހައްދުން ކާރެއް ވަގަށް ނަގައިގެން ފިލަން މަސައްކަތް ކުރީ އެވެ.

ކާރު ވަގަށް ނަގައިގެން ފިލަން ދަނިކޮށް، އުމުރުން 62 އަހަރުގެ މުސްކުޅި ފިރިހެނަކު ބައިސްކަލެއްގައި ދަނިކޮށް ފެނުނެވެ. ބައިސްކަލުގައި ދިޔަ މީހާގެ ފަރާތުން، ރަޝިޔާ ސިފައިންގެ މައުލޫމާތު ޔޫކްރޭން ސިފައިންނަށް ލިބިދާނެ ކަމުގެ ބިރަށްޓަކައި، އެ މީހާ މަރައިލުމަށް، އެ ކާރުގައި ތިބި ސިފައިންގެ ތެރެއިން އެކަކު އެންގުމާ ގުޅިގެން، ޝިޝިމަރިން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށް އެ މުސްކުޅި މީހާގެ ގަޔަށް ބަޑިޖަހައި މަރައިލީ އެވެ.

ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ހައްޔަރުކޮށްފައި ތިބި، ރަޝިޔާ ސިފައިންގެ 40 މީހަކު ޔޫކްރޭންގައި މިހާރު އެބަ ތިއްބެވެ. އެ މީހުންގެ މައްޗަށް ޔޫކްރޭނުން ދައުވާ ކުރަން ހުށަހަޅާ ތުހުމަތުތަކުގެ އަދަދު 11 އަށް އަރަ އެވެ.