Roadha Mihaaru
ކްލަބް އޭދަފުށި ދިވެހި ޕްރިމިއާ ލީގު ކޮލިފައިން އަށް

ކްލަބް އޭދަފުށި ދިވެހި ޕްރިމިއާ ލީގު ކޮލިފައިން އަށް

25 މެއި 2022

ބ. އޭދަފުށީގެ ޗެމްޕިއަންކަން ހޯދައި ކްލަބް އޭދަފުށިން 2023/24 ދިވެހި ޕްރިމިއާ ލީގު ކޮލިފައިން އިން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބ. އޭދަފުށީގެ ޗެމްޕިއަންކަން ހޯދައި ކްލަބް އޭދަފުށިން 2023/24 ދިވެހި ޕްރިމިއާ ލީގު ކޮލިފައިން އިން ޖާގަ ހޯދައިފި އެވެ.

ކްލަބް އޭދަފުށިން އޭދަފުށީގެ ޗެމްޕިއަންކަން ހޯދީ އޯޕަން ޑިވިޝަނުގައި އޭދަފުށި ފުޓުބޯޅަ ކުލަބާ ދެކޮޅަށް ކުޅުނު ދެ ލެގުގެ ޕްލޭއޮފް ކާމިޔާބު ކޮށްގެންނެވެ.

ފުރަތަމަ ލެގު 2-1 އިން ކާމިޔާބު ކުރީ އޭދަފުށި ފުޓުބޯޅަ ކުލަބެވެ. ނަމަވެސް މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު މެޗު ފަހަތުން އަރައި 2-1 އިން ކާމިޔާބު ކޮށް އެގްރިގޭޓް ނަތީޖާ 3-3 އިން އެއްވަރު ކޮށްގެން ޕެނަލްޓީގައި ކުރި ހޯދައިގެން، ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކޯޗު އަހުމަދު އާތިފް (އާތީ) ގެ އިރުޝާދުގެ ދަށުން ކުޅޭ ކްލަބް އޭދަފުށި ވަނީ ކޮލިފައިންގައި އޭދަފުށި ތަމްސީލުކުރުމުގެ ފުރުސަތު ހޯދައިފަ އެވެ. ޕެނަލްޓީން އެޓީމު މޮޅުވީ 4-3 އިންނެވެ.

މެޗުގެ ފުރަތަމަ މިނިޓުގައި އޭދަފުށީ ފުޓުބޯޅަ ކުލަބުން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ބިދޭސީ ފޯމާޑް މުސްތަފާ ހާމިދެވެ. ކްލަބް އޭދަފުށީގެ ޑިފެންޑަރު މުހައްމަދު ޝާން އަށް ރަތް ކާޑު ދައްކާފައި ވަނިކޮށް 10 ކުޅުންތެރިިންނާ އެކު ކުޅެ އެޓީމުން ނަތީޖާ އެއްވަރުކުރީ އާދަމް ނިޒާމް (ކިތުނާ) ޖަހައިދިން ގޯލަކުންނެވެ. ކިތުނާ އަށް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް އެރަށުގެ މަޝްހޫރު ފޯވާޑް އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އެވެ.

ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ކްލަބް އޭދަފުށި ގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) އަށް ރަތް ކާޑު ދެއްކުމުން އެޓީމުން ކުޅެން ޖެހުނީ ނުވަ ކުޅުންތެރިންނާ އެކު އެވެ. ނަމަވެސް 90 ވަނަ މިނިޓުގައި އެޓީމުން ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހައި އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްފަ އެވެ. ޕެނަލްޓީ ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކިތުނާ އެވެ.

މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން އޭދަފުށި ފުޓުބޯޅަ ކްލަބްގެ މުހައްމަދު ރައްޒާން ރަޝީދު އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރައްޒާން އަތުގައި ބޯޅަ ޖެހުނީ އޭރިއާ ބޭރުން ކަމަށް އެޕީލް ކުރުމުން ވެސް ރެފްރީގެ ނިންމުން ބަދަލެއް ނުކުރެ އެވެ.

މީގެ އިތުރުން ފުރަތަމަ ލެގުގައި ވެސް ކިތުނާ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެ މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކްލަބް އޭދަފުށްޓަށް ލީޑު ނަގައިދޭން އޭނާ ޖެހި ލަނޑު ރެފްރީ ބަލައިނުގަތީ އޮފްސައިޑު ކަމަށް ބުނެ އެވެ. އެ މެޗުގައި ވެސް ފުރަތަމަ ލީޑު ނެގީ، ކުރިން ވެލެންސިއާ އަށް ކުޅުނު މުހައްމަދު ޒާހިދު (ބައްޓޭ) ގެ އިރުޝާދުގެ ދަށުން ކުޅުނު އޭދަފުށީ ފުޓުބޯޅަ ކުލަބުންނެވެ. މުހައްމަދު އަތީފް ގެ ލަނޑުން އެޓީމު ކުރީގައި އޮއްވައި ކްލަބް އޭދަފުށްޓަށް އެއްވަރު ކޮށްދިނީ ހުސައިން ޝަރީފެވެ. އޭދަފުށި ފުޓުބޯޅަ ކުލަބް މޮޅުވި ލަނޑު މެޗު ނިމެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަތީފް އެވެ.

ޕެނަލްޓީގައި އޭދަފުށީ ފުޓުބޯޅަ ކުލަބުން މުހައްމަދު ފާސިރު (ފާއްޓޭ) އާއި ކެޕްޓަން ޝާމީ އިބްރާހިމް އަދި ހައްފާފް ސިދުގީ ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރި އެވެ. ކާމިޔާބު ނުވީ އަހުމަދު ޝިއާން އާއި މެޗުގެ ފުރަތަމަ ލަނޑު ޖެހި މުސްތަފާގެ ޕެނަލްޓީ އެވެ. ކްލަބް އޭދަފުށްޓަށް ނާކާމިޔާބުވީ ޝާހީ މޫސާ ފޮނުވާލި އެޓީމުގެ ފުރަތަމަ ޕެނަލްޓީ އެވެ. މުހައްމަދު ސިމާނާއި އަހުމަދު ޖައުޝާން އަބްދުﷲ އަދި އިސްމާއިލް ޝަރީފްގެ ޕެނަލްޓީ ކާމިޔާބު ކުރިއިރު ފަހު ޕެނަލްޓީ ކާމިޔާބު ކުރީ ހުސެއިން ޝަރީފް އެވެ.

ޕްރިމިއާ ލީގު ކޮލިފައިން އިން ޖާގަ ލިބޭނީ ބައިވެރިވާ ކޮންމެ ރަށަކުން އެއް ޓީމަކަށެވެ. ސެންޓްރަލް ޒީނުގައި 18 ރަށަކުން 19 ޓީމެއް ވަނީ ބައިވެރި ވެފަ އެވެ. އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެރި ވެފައި ވަނީ އޭދަފުށިން އެކަންޏެވެ. ވީމާ ސެންޓްރަލް ޒޯނުގައި އޯޕަން ޑިވިޝަން ކުޅެން ޖެހުނީ ހަމައެކަނި ބ. އޭދަފުށިން ބައިވެރިވި ދެ ޓީމުގެ މެދުގަ އެވެ.

މިއާ އެކު ސެންޓްރަލް ޒޯނުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާނެ 18 ޓީމެއް ވަނީ ފައިނަލް ކުރެވިފަ އެވެ. ބ، ޅ، ކ، އއ، އދ، ވ، ފ، މ އަދި ދ އަތޮޅު ހިމެނޭ ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަން ކުރިއަށް ދާނީ ފަސް ގުރޫޕަކަށް ބަހާލައިގެންނެވެ. މި ފަސް ގުރޫޕުން އެއްވަނަ ހޯދާ ޓީމުތަކުގެ އިތުރުން ދެވަނައަށްދާ ޓީމުތަކުން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމާ އެކު ޖުމްލަ އަށް ޓީމު، މި ޒޯނުގެ އެއްވަނަ ޑިވިޝަނަށް ހޮވޭނެ އެވެ

ދެވަނަ ޑިވިޝަނުގެ ފަސް ގުރޫޕުގެ ކުޅުން މިއަހަރުގެ ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ކުރިޔަށް ގެންދަން އެފްއޭއެމް އިން ވަނީ ތާވަލު ކޮށްފަ އެވެ. އަދި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން އެއްވަނަ ޑިވިޝަން ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން މަހު އެވެ. އެއްވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާ ޓިމަކަށް 2023/24 ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.