Roadha Mihaaru
ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ނުކުރަން ނިންމައިފި

ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ނުކުރަން ނިންމައިފި

25 މެއި 2022

ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުން ރިސޯޓުތަކުގެ ބިމުގެ ކުލި ކުޑަކުރުމުގެ ބައި އުނިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމުން ކުލި ކުޑަކުރުމުގެ ބައި އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުން ރިސޯޓުތަކުގެ ބިމުގެ ކުލި ކުޑަކުރުމުގެ ބައި އުނިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމުން ކުލި ކުޑަކުރުމުގެ ބައި އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ބިމު ކުލި ކުޑަކުރަން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ފެށީ ރަޝިޔާ-ޔޫކްރެއިން ހަނގުރާ ފެށުމުގެ ކުރިން ކަމަށެވެ. މި ވަގުތު ދުނިޔޭގެ މުޅި އިގްތިސާދީ ހާލަތު ބަދަލުވެފައި ވާތީ މިކަމުގައި މަޝްވަރާކޮށް މިހާރު ވަނީ އެ ހުށަހެޅުން އަނބުރާ ގެންދަން ނިންމާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހާލަތު ބަދަލުވެފައި އޮތުމުން އަޅުގަނޑުމެންގެ ވިސްނުމެއް ނެތް މަޖިލީހުން އެ ބިލް [އެގޮތަށް] ފާސްކުރާކަށް،" އޭނާ ވިދާޅުވި އެވެ.

ކުލި ކުޑަކުރުމުގެ އިސްލާހު އަނބުރާ ގެންދަން ނިންމި ނަމަވެސް މުޅި ބިލް އަނބުރާ ގެންދާކަށް ނުނިންމަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި އިގްތިސާދީ ކޮމިޓީގައި ވަނީ ރިސޯޓް ކުލި ކުޑަކުރުމުގެ ހުށަހެޅުން އަނބުރާ ގެންދަން ރަސްމީކޮށް ނިންމައިފަ އެވެ.

ރިސޯޓު ކުލި ކުޑަކުރާ ބިލް މަޖިލީހުން ނަގަން ސަރުކާރުން ނިންމުމުގެ ކުރިން މި ބިލާ ގުޅޭ ގޮތުން އިގްތިސާދީ ކޮމިޓީގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ރިސޯޓުތަކުގެ ކުލި ކުޑަކުރުން ފަދަ ދައުލަތަށް އާމްދަނީ ދަށްވާ ކަންކަން މި ވަގުތު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބަދަލުތަކެއް އަންނަމުންދާ އިރު ރާއްޖޭގެ އާމްދަނީ އަށް ހުރަސް އެޅޭ ފަދަ ކަންކަން ކުރުން އެއްގޮތަކަށް ވެސް ރަނގަޅު ނޫން ކަމަށެވެ. "މިހާރު ޔޫކްރެއިން މައްސަލަ އާއި ސަޕްލައި ސައިޑް ޝޮކްތައް އަންނަ އިރު ރެވެނިއު ދަށްވާ އެކްޝަންތަކެއް ނެގުން ބުއްދިވެރިއެއް ނޫން. އެ ގައުމުގައި ވެސް [ލަންކާގައި] އެކަހަލަ މައްސަލައެއް ދިމާވެގެން މިހާރު އެހެރީ އައިއެމްއެފަށް ދާ ހިސާބަށް ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގެ ތެރެއިން ރިސޯޓުތަކުގެ ކުލި ކުޑަކުރާ ނަމަ ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ޓެކްސް އިދާރާ، މީރާއިން ވެސް ބުނެފައިވެ އެވެ.

މިވަގުތު ވެސް ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް 12 ރިސޯޓަކުން 665 މިލިއަން ރުފިޔާ ނުލިބި އެބަ އޮތެވެ.

އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ރިސޯޓު ކުލީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބެ އެވެ. އެހެންވެ ރިސޯޓު ކުލި ކުޑަކުރުމުން އާމްދަނީގެ ގާތްގަނޑަކަށް 40 ޕަސެންޓުގެ ދަށްވާނެ އެވެ.

ރިސޯޓް ބިމު ކުލި ކުޑަކުރުމުގެ އިސްލާހަށް އާންމުންގެ ފަރާތުން ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.